އަބްދުﷲގެ މަރަށް ހަފުތާއެއް ފަހުން އެޗްއާރުސީއެމް ޖަލަށް
އަބްދުﷲގެ މަރަށް ހަފުތާއެއް ފަހުން އެޗްއާރުސީއެމް ޖަލަށް

ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ އަބްދުﷲ ރަޝީދު މަރުވީ ދައުލަތުގެ އިހުމާލުން ކަމަށް ތުހުމަތުކުރާތާ ހަފުތާއެއް ފަހުން އެޗްއާރުސީއެމުން އެ މައްސަލަ ތަހުގީގުކުރަން އިއްޔެ ޖަލަށް ޒިޔާރަތްކޮށްފި އެވެ.

އަބްދުﷲ މަރުވީ އެކަށީގެންވާ ބޭސްފަރުވާ ނުލިބި ޖަލު ގޮޅީގައި ވޭން ތަހައްމަލްކޮށްފައި ކަމަށް އާއިލާ އާއި އޭނާއާ އެކު ޖަލުގައި ތިބި ބައެއް ގައިދީން ވަނީ ބުނެފަ އެވެ.

އޭނާގެ އާއިލާ އިން ބުނާ ގޮތުގައި ޖަލަށް ލީ ފަހުން ސިއްހީ ހާލަތު ދަށްވަމުންދާތީ، އެކި ފަހަރުމަތިން ފަރުވާ އަށް ކަރެކްޝަންސްގައި އެދުމުން ވެސް އަޅާލާފެއް ނުވެ އެވެ. އެންމެ ފަހުން އޭނާ މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާ ދޭން ފެށީ، އަނބުރައިގަނެގެން ގޮޅި ތެރެއަށް ވެއްޓުމުން، އެ ވަގުތު ގޮޅީގައި ތިބި މީހުން އަޑުގަދަކޮށްގެން ކަމަށް ވެސް ވެ އެވެ.

އަބްދުﷲގެ މަރާ ގުޅޭ ގޮތުން މިހާ ސީރިއަސް ތުހުމަތުތަކެއް ކުރަމުންދާއިރު ވެސް އެޗްއާރުސީއެމް އޮތީ "ހިމޭނުންނެ"ވެ. އެ މަރު ހިނގައިދިޔަ ގޮތުގެ ތަހުގީގަށް އެ ކޮމިޝަނުން އިއްޔެ ޖަލަށް ގޮސް މައުލޫމާތު އޮޅުންފިލުވާފައި މިވަނީ، އާއިލާ އާއި އިންސާނީ ހައްގުތަކާ ގުޅޭ ޖަމިއްޔާތަކުން ވެސް މައްސަލަ ބަލައިދޭން އެދި ކޮމިޝަނަށް ހުށަހަޅާފައި ވަނިކޮށެވެ.

އެކަމަކު ގާނޫނުގައި ބުނާ ގޮތުން ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހަކު މަރުވެއްޖެ ނަމަ އެ ކޮމިޝަނުން ވަގުތުން އެކަން ބަލަން ޖެހެ އެވެ. ޝައްކެއް ނުވަތަ ތުހުމަތުތަކެއް އެ މަރެއްގައި ނުހިމެނުނަސް އެކަން ބެލުމުގެ ޒިންމާ ގާނޫނީ ގޮތުން އޮންނަނީ ކޮމިޝަނާ ހަވާލުކޮށްފަ އެވެ.

އަބްދުﷲގެ މަރާ މެދު ކުރާ ތުހުމަތުތަކުގެ ސީރިއަސްކަން ބޮޑީ، ޖަލުގައި ތިބި ގައިދީންގެ ބޭސްފަރު އާއި އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމުގައި އިހުމާލުވަމުންދާ ކަމަށް ބުނެ އެކަން ހައްލުކޮށްދޭން ގޮވާލަމުން ދާ ދުވަސްވަރެއްގައި އެ ހާދިސާ ހިނގުމުންނެވެ.

އެޗްއާރުސީއެމްގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި ބަންދުގައި ތިބޭ މީހުންގެ އިންސާނީ ހައްގުތަކަށް އުނިކަމެއް އައިސްފައިވޭތޯ ބަލައި ވަސީލަތްތައް ރަނގަޅުކުރަން ޖެހޭ ކަމަށް ފެންނަ ނަމަ އެކަން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅަން ޖެހެ އެވެ. އެކަމަކު ޖަލުތަކުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރަމުން ދާއިރު ވެސް އަޅާނުލާ ކަމަށް ބުނެ ކޮމިޝަނަށް ވަނީ ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެފަ އެވެ.