18 އޮކްޓޯބަރ 2017 - 06:25

ލިޔުންތެރިޔާ ރާމް ކަމަލް މުކަރުޖީ ލިޔެފައިވާ ހެމާ މާލިނީގެ ބައޮގްރަފީއެއް މިދިޔަ ހޯމަ ދުވަހު ވަނީ ނެރެފަ އެވެ. ހެމާއަށް 69 އަހަރު ފުރުނު ދުވަހު މި ބައޮގްރަފީ ނެރެދިނީ ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް ބަތަލާ ދީޕިކާ ޕަދުކޯން އެވެ.
"ބިޔޯންޑް ދަ ޑްރީމް ގާލް"ގެ ނަން ދީފައިވާ މި ބައިގްރަފީގައި ހެމާ އާއި ޖީތެންދުރާ ކައިވެނިކުރަން އުޅެނިކޮށް ދަރުމެންދުރަ އެތަނަށް ގޮސް ކައިވެނި ހުއްޓުވި ގޮތާއި ޝާހްރުކް ޚާނާއި ހެމާގެ ފުރަތަމަ ބައްދަލުވުން އަދި ހެމާ އާއި އޭނާގެ ދޮން ދަރިން ކަމަށްވާ ސަނީ ޑެއޯލް އާއި ބޮބީ ޑެއޯލްއާ އޮންނަ ގުޅުން ވަރަށް ތަފްސީލުކޮށް ކިޔައިދީފައިވެ އެވެ.
މި ފޮތުގައި 23 ޗެޕްޓަރު އޮތްއިރު އެންމެ ފަހު ދެ ޗެޕްޓަރު ޚާއްސަކޮށްފައި ވަނީ ހެމާ އާއި ދަރުމެންދުރާގެ ދެ ދަރިން ކަމަށްވާ އީޝާ އާއި އާހްނާ އަށެވެ.
މި ފޮތް ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ހެމާ ވަނީ އޭނާގެ ހަޔާތުގެ ބައެއް ވާހަކަތައް ހިއްސާކޮށްފަ އެވެ. އޭގެ ތެރޭގައި އޭނާ އާއި ދޮންދަރިންނާ އޮންނަ ގުޅުން ހިމެނެ އެވެ.
ހެމާ އާއި ދަރުމެންދުރާގެ ލޯބީގެ ވާހަކަތައް އިވެން ފެށީއްސުރެ ހެމާ އާއި ދަރުމެންދުރާގެ ދެ ދަރިން ކަމަށްވާ ސަނީ އާއި ބޮބީއާ ވަރަށް ގުޅުން ގޯސް ކަމަށް ބުނެ ތަފާތު އަޑުތައް ދިޔައީ ފެތުރެމުންނެވެ.
ހެމާ ބުނި ގޮތުގައި އޭނާ އާއި ސަނީ އަދި ބޮބީއާ އޮންނަ ގުޅުން ވަރަށް ރަނގަޅެވެ. އަދި މީގެ ދެ އަހަރެއްހާ ދުވަސް ކުރިން އޭނާގެ ކާރު އެކްސިޑެންޓްވެ ނޭފަތު ކަށިގަނޑު ބިންދައިގެން ގޮސް އަނިޔާވުމުން ހާލު ބަލަން ފުރަތަމަ ގެޔަށް ދިޔައީ ސަނީ ކަމަށް ހެމާ ބުންޏެވެ. ނަމަވެސް ހެމާގެ ބައޮގްރަފީ ނެރުމުގެ އިވެންޓުގައި ސަނީ އާއި ބޮބީއެއް ބައިވެރިއެއް ނުވެ އެވެ. އަދި ފިރިމީހާ ދަރުމެންދުރަ މި އިވެންޓުގައި ބައިވެރި ވެފައި ނުވާތީ ވެސް ގިނަ ބަޔަކު ސުވާލުކުރެ އެވެ.
ދަރުމެންދުރަ ވަނީ އުމުރުން އެންމެ 19 އަހަރުގައި ޕްރަކާޝް ކޯރު ކިޔާ މީހަކާ ކައިވެނިކޮށްފަ އެވެ. މި ކައިވެންޏަށް ހަތަރު ދަރިން ލިބިފައިވެ އެވެ. އެއީ ސަނީ އާއި ބޮބީ އަދި ދެ އަންހެންކުދިން ކަމަށްވާ ވިޖީތާ އާއި އަޖީތާ އެވެ.
މުމްބައި އަށް ބަދަލުވެ ފިލްމު ކުޅެން ފެށި ހިސާބުން ހެމާގެ ލޯބީގެ ދަލުގައި ދަރުމެންދުރަ ޖެހުނެވެ. ދަރުމެންދުރަ ދުވަހަކުވެސް އޭނާ އާއި ހެމާގެ ލޯބީގެ ވާހަކަތައް މީޑިއާއަށް ކިޔައެއް ނުދެ އެެވެ. ނަމަވެސް ހެމާ އޭނާގެ ބައޮގްރަފީގައި ދަރުމެންދުރަ އާއި އޭނާއަށް ލޯބި ވެވުނު ގޮތުގެ ވާހަކަތައް ކިޔައިދީފައިވެ އެވެ.