"ސީކްރެޓް ސުޕަސްޓާ"ގެ ޚާއްސަ ސްކްރީނިންއެއް އާމިރުގެ މަންމައަށް
"ސީކްރެޓް ސުޕަސްޓާ"ގެ ޚާއްސަ ސްކްރީނިންއެއް އާމިރުގެ މަންމައަށް

އާމިރު ޚާންގެ އާ ފިލްމު "ސީކްރެޓް ސުޕަސްޓާ" މާދަމާ ރިލީޒްކުރާނެ އެވެ. ފިލްމުގައި އާމިރު ކުޅެނީ މެހެމާނެއްގެ ރޯލު ނަމަވެސް މިއީ އޭނާ ޕްރޮޑިއުސްކުރާ ފިލްމަކަށް ވާތީ ފިލްމު ޕްރޮމޯޓްކުރުމަށް އާމިރު އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މި ފިލްމުގައި އާމިރު ފެންނާނީ މީގެ ކުރިން ދުވަހަކު ވެސް ފެނިފައި ނުވާ ކަހަލަ ރޯލަކުންނެވެ. އެއީ ވަރަށް މަޖާ ރޮކްސްޓާއެއްގެ ރޯލުންނެވެ.

މި ފިލްމު އާމިރު ފުރަތަމަ ދެއްކީ އޭނާގެ މަންމަ ޒީނަތު ހަސަން އަށެވެ. ސަބަބަކީ މި ފިލްމުގައި ދައްކުވައިދެނީ މަންމައަކާއި ދަރިފުޅެއްގެ ގާތް ގުޅުން ކަމަށް ވާތީ އެވެ. މިއީ އާމިރާއި އޭނާގެ މަންމަ އެކުގައި ފެނުނުު ފުރަތަމަ ފަހަރު ކަމުން ގިނަ ބަޔެއްގެ ސަމާލުކަން މިކަމަށް ލިބުނެވެ. އަދި މަންމައަށް އާމިރު ދިން އިހްތިރާމާއި ގަދަރު ފެނިފައި ވެސް ގިނަ ބަޔަކު ތިބީ ވަރަށް އަސަރުކޮށްފަ އެވެ.

މި ފިލްމުގެ ޚާއްސަ ސްކްރީނިންގެ ޝަރަފުވެރި މެހެމާނަކީ ވެސް އާމިރުގެ މަންމަ އެވެ. ދެން ދައުވަތު ދިން މެހެމާނުންނަށް ވެސް އެމީހުންގެ މަންމައިން ގޮވައިގެން އަންނަން އެދިފައިވާނެ ކަމަށް ފިލްމު ލިޔެ ޑައިރެކްޓްކުރި އަދަވައިތު ޗަންދަން ބުންޏެވެ.

"ސީކްރެޓް ސުޕަސްޓާ" ރިލީޒް މި ކުރަނީ މީގެ ކުރިން އާމިރު އުފެއްދި ވަރަށް ރީތި ފިލްމެއް ކަމަށްވާ "ތާރޭ ޒަމީން ޕަރް" ރިލީޒްކުރިތާ 10 އަހަރު ފުރުމާ ދިމާކޮށެވެ. އެ ފިލްމުގައި ވެސް ދައްކައިދެނީ މުޖުތަމައުގައި ހުރި މައްސަލަތަކަކާ ހަނގުރާމަކުރަން މަޖްބޫރުވި ކުޑަ ކުއްޖެއްގެ ވާހަކަ އެވެ. "ސީކްރެޓް ސުޕަސްޓާ" އަކީވެސް ހަމަ އެފަދަ ވާހަކަ އެކެވެ. މި ފިލްމުގެ ރޫހަކީ ބަތަލާގެ ބައި އަދާކުރާ 16 އަހަރުގެ ޒާއިރާ ވަސީމް އެވެ.