03 ޖުލައި 2016 - 09:41

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރާއްޖެ ގެނައި ކަމަށް ބުނާ ސްރީ ލަންކާގެ ސްނައިޕަރުގެ އާއިލާއާ ދިވެހި ފުލުހުންނަށް ސުވާލުކުރުމުގެ ފުރުސަތު ދޭން އެގައުމުން ދެކޮޅު ހަދައިފި އެވެ.
ލަންކާގެ ސަންޑޭ ޓައިމްސް ނޫހުން މިއަދު ބުނި ގޮތުގައި ލާހިރު މަދުޝަންކަރުގެ އާއިލާއާ ސުވާލު ކުރަން ދިވެހި ފުލުހުން އެދުނު ނަމަވެސް އެ ކަމަށް ހުއްދަ ދެވެން ނެތް ކަމަށް އެ ގައުމުގެ ބަންޑާރަ ނައިބު ވަނީ ލަފާ ދެއްވާފަ އެވެ. އެއީ، އެ ނޫހުން ބުނި ގޮތުގައި، ބޭރުގެ އެއްވެސް ތަހުގީގީ އިދާރާއަކަށް ލަންކާ ރައްޔިތަކާ އެ ގައުމުގައި ސުވާލުކުރުން އެ ގައުމުގެ ގާނޫނުތަކުން ހުއްދަ ނުކުރާތީ އެވެ.
"އެކަމަކު، ދިވެހި ފުލުހުން ބޭނުންވާ އެހީތެރިކަން، [ލަންކާ] ފުލުހުންނާއި ސީއައިޑީ މީހުން ފޯރުކޮށްދޭނެ ކަމަށް ވަނީ އަންގާފައި،" އެ ނޫހުގައިވެ އެވެ.
ލަންކާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ އޮފިޝަލުންނާ ހަވާލާ ދީ ސަންޑޭ ޓައިމްސް އިން ބުނީ މަދުޝަންކަ އަށް އާއިލާއާ ވާހަކަ ދެއްކުމުގެ ފުރުސަތު ހަފުތާއަކު ދެ ފަހަރަށް ވުރެ އިތުރަށް ދޭން އެދިފައިވާ ކަމަށެވެ. އަދި ބުނީ އޭނާ އަށް ދިވެހި ފުލުހުން ކަމޭހިތާ ކަމަށާއި އޭނާގެ ހާލު ވެސް ރަނގަޅު ކަމަށެވެ.
ސްނައިޕަރެއް ކަމަށް ބުނާ 27 އަހަރުގެ އެ މީހާ ހައްޔަރުކުރީ، ދިވެހި ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި، މިދިޔަ އޮކްޓޯބަރު 24ގަ އެވެ. އޭނާގެ ބަންދުގެ މުއްދަތު 21 ފަހަރު އިތުރުކޮށްފައި ވާއިރު، އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވަން ފުލުހުން ވަނީ ނިންމާފަ އެވެ.
މި މީހާ ރާއްޖެ ގެނައީ، ބުނެވޭ ގޮތުގައި، ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލައިގެން ރައީސް އަވަހާރަކޮށްލަން އުޅެ އެކަން ނުވުމުންނެވެ.
އެ ދުވަސްވަރު ފުލުހުން ވަނީ ބ. ހިބަޅިދޫ ކިޔާ ފަޅުރަށެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ހަތިޔާރު ހޯދައިފަ އެވެ. އޭގެ ތެރޭގައި ސްނައިޕަ ރައިފަލަކާއި ވަޒަން ވެސް ހިމެނެ އެވެ. އެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމަނިކުފާނާ ގުޅުން އޮތް އަށް މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ވަނީ ޕީޖީ އަށް ފޮނުވާފަ އެވެ.
ލަންކާގެ ސްނައިޕަރު ރާއްޖެ ގެނައުމުގައި އުޅުނު ތިން ދިވެއްސަކު ވެސް ފުލުހުން ހައްޔަރުކުރި އެވެ. އެކަމަކު އެ މީހުން ވަނީ ފަހުން ދޫކޮށްލައިފަ އެވެ.
ރާއްޖޭގައި ހައްޔަރުކޮށްފައި ވަނީ ސްނައިޕަރެއްކަން ލަންކާ ސަރުކާރުންނާއި އާއިލާ އިން ދޮގުކުރެ އެވެ. އެ މީހުން ބުނަނީ އެއީ ހިކި މަސް ބޭރު ކުރާ މީހެއް ކަމަށެވެ. މި މައްސަލައާ ހެދި ދެ ގައުމުގެ ގުޅުމަށް ވެސް ކޮންމެވެސް ވަރަކަށް އަސަރުކުރި އެވެ.