17 އޮކްޓޯބަރ 2017 - 11:53

ލަސް ވެގަސް (އޮކްޓޯބަރު 17) - އެމެރިކާގެ ލަސް ވެގަސްގެ މިއުޒިކް ކޮންސެޓަކަށް މި މަހު 1 ވަނަ ދުވަހުގެ ރޭ ދިން ބަޑީގެ ހަމަލާގައި ވަޒަން އެރި މީހަކު ކޯމާއެއްގައި އޮތުމަށް ފަހު ދެ ހަފުތާއެއްހާ ދުވަސް ފަހުން ހޭއަރައިފި އެވެ.

މަންޑަލޭ ބޭ ހޮޓަލުގެ 32 ވަނަ ބުރީގެ ކުޑަ ދޮރަކުން ބަޑީގެ ހަމަލާތައް ދޭން ފެށުމުން މެރީލޭންޑުގެ ރައްޔިތެއް ކަމަށްވާ ޓިނާ ފްރޮސްޓް، 27، ގެ ބޮލަށް ވަނީ ވަޒަން އަރައިފަ އެވެ. އޭނާ އަށް ލިބުނު ޒަޚަމްވަތައް ވަރަށް ބޮޑެވެ. ވަޒަންތައް ނަގަން ކުރި އޮޕަރޭޝަނުގައި ޑޮކްޓަރުންނަށް ވަނީ ފްރޮސްޓުގެ ކަނާތު ލޯ ވެސް ނަގަން ޖެހިފަ އެވެ. އަދި ނިތްކުރިން ބައެއް ކަށިތައް ވެސް ނަގާ، ސިކުނޑި ދުޅަވަމުން ދިޔަވަރަކަށް ބޮލު ތެރޭން ވަނީ ޖާގަ ހަދައިފަ އެވެ. ހަމަލާ އަށް ފަހު ފްރޮސްޓް އޮތީ ވެންޓިލޭޓަރުގައި، ކޯމާއެއްގަ އެވެ.
ފްރޮސްޓުގެ މަންމަ މޭރީ މޯލޭންޑް ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ފްރޮސްޓް އިޝާރާތް ކުރާ މިންވަރަށް ބަލަން ޖެހޭ ކަމަށެވެ. އަދި އޭނާގެ ސިކުނޑި އަށް ލިބިފައިވާ ގެއްލުން އެނގޭނީ އޭގެ ފަހުގައި ކަމަށް މޯލޭންޑް ބުންޏެވެ.
ޑޮކްޓަރުން ފުރަތަމަ ބުނެފައި ވަނީ ފްރޮސްޓް ރަނގަޅުވުމުގެ ފުރުސަތު ކުޑަ ކަމަށެވެ. އެކަމަކު މެރީލޭންޑުގެ އަރުންޑެލް ހައި ސްކޫލުން ގްރެޖުއޭޓްވެފައިވާ ކުރީގެ ފުޓުބޯޅަ ކުޅުންތެރިއެއް ކަމަށްވާ ފްރޮސްޓުގެ ހާލަތު ރަނގަޅުވަމުން އަންނަ މިންވަރާ މެދު ޑޮކްޓަރުންނަށް ވެސް ވަނީ ހައިރާންކަން ލިބިފަ އެވެ. ވެންޓިލޭޓަރު ނައްޓާލުމުން އޭނާ މިހާރު ނޭވާ ވެސް ލަނީ އަމިއްލަ އަށެވެ.
ފްރޮސްޓުގެ އާއިލާ އިން ދަނީ "ގޯފަންޑްމީ" ކިޔާ ޕޭޖެއްގައި އޭނާގެ ހާލަތު އަޕްޑޭޓް ކުރަމުންނެވެ.
އޮކްޓޯބަރު 7: ފްރޮސްޓުގެ ކިޑްނީ އާއި ލިވާ ރަނގަޅަށް މަސައްކަތް ކުރަން ވަނީ ފަށާފައި.
އޮކްޓޯބަރު 10: ފްރޮސްޓުގެ ފައި ހަރަކާތް ކުރަން ވަނީ ފަށާފައި.
އޮކްޓޯބަރު 11: ނަރުހުންގެ އިރުޝާދާ އެއްގޮތަށް ފްރޮސްޓުގެ އަތާއި ބޮޑުވައި އިނގިލި ހަރަކާތް ކުރަން ފެށި.
އެކަމަކު މިދިޔަ ހުކުރު ދުވަހަކީ ފްރޮސްޓުގެ އާއިލާ އާއި ރަހުމަތްތެރިންނަށް އެންމެ ބޮޑު އުފާވެރިކަން ލިބުނު ދުވަހެވެ. ބަޑީގެ ހަމަލާ އަށް ފަހު ފުރަތަމަ ފަހަރަށް އޭނާ ލޯ ހުޅުވާލި އެވެ. އަދި ނަރުހުންގެ އެހީއާ އެކު ހަ ފިޔަވަޅަށް ހިނގާލި އެވެ.
ޑޮކްޓަރުން މިހާރު މަޝްވަރާ ކުރަމުންދާ ފްރޮސްޓުގެ ރިކަވަރީ އަށް އެހެން ހޮސްޕިޓަލަކަށް ބަދަލު ކުރުމަށެވެ. ލަސް ވެގަސްގެ ސަންރައިޒް ހޮސްޕިޓަލުގެ ނިއުރޯސާޖަން ކެއިތު ބްލަމް ވިދާޅުވީ ފްރޮސްޓް ސަލާމަތް ވުމަކީ ބޮޑު މުއުޖިޒާތެއް ފަދަ ކަމެއް ކަމަށެވެ.
ފްރޮސްޓުގެ ބައްޕަ ރިޗް ފްރޮސްޓް އެންބީސީ އަށް ބުނީ ދުވަހަކަށް ވުރެ ދުވަހެއް ފްރޮސްޓުގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށާއި އޭނާ ރަނގަޅު ސިއްހަތެއްގައި ހުންނާނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ.