18 އޮކްޓޯބަރ 2017 - 06:24

"ސީކްރެޓް ސުޕަސްޓާ" ސެންސަރު ކޮށްދިން ސެންސަރު ބޯޑުގެ މެމްބަރުންނަށް ވެސް އާމިރު ޚާންގެ "ސީކްރެޓް ސުޕަސްޓާ" ވަރަށް ރީތިވި ކަމަށް މީޑިއާގައި ވާހަކަ ދެކެވުމާ އެކު މީގެ ކުރިން ފިލްމު ބެލުމުގެ ޝައުގުވެރިކަން ނެތް ގިނަ ބަޔަކު ވެސް ވަނީ ފިލްމު ބަލާލަން ބޭނުންވެފަ އެވެ.
ޚާއްސަކޮށް އާމިރުގެ ފިލްމަކަށް ވާތީ އޭނާ ބެލުންތެރިން މާޔޫސްކޮށްނުލާނެ ކަމުގެ ޔަގީންކަން ގިނަ ބަޔަކަށް އޮވެ އެވެ.
ހުކުރު ދުވަހު ފިލްމު ރިލީޒްކުރަން ތައްޔާރުވެފައި ވާއިރު އާމިރު ވަނީ އޭނާގެ ގާތް މީހުންނާއި އެ ފިލްމު އޭނާ ދައްކާލަން ކޮންމެހެން ބޭނުން ބައެއް މީހުންނަށް ދައުވަތު ދީގެން ޚާއްސަ ސްކްރީނިންއެއް ބާއްވައިފަ އެވެ.
އާމިރުގެ ދައުވަތަށް ފިލްމު ބަލަން ދިޔަ މީހުންގެ ތެރޭގައި އެކްޓަރު އަނިލް ކަޕޫރު، ކްރިކެޓް ކުޅުންތެރިޔާ ސަޗިން ޓެންޑުލްކަރްގެ އިތުރުން ޝަބާނާ އަޒްމީ އާއި ޖާވީދު އަޚްތަރާއި ނަވާޒުއްދީން ސިއްދީގީ ފަދަ ފަންނާނުން ހިމެނެ އެވެ. އަދި އާމިރުގެ އެންމެ ފަހުން ނުކުތް ފިލްމު "ދަންގަލް"ގެ ތަރިންގެ ތެރޭގައި ހިމެނޭ ސާންޔާ މަލްހޯތުރާ އާއި ފާތިމާ ސަނާ ޝޭޚް ފަދަ ތަރިން ވެސް މި ފިލްމު ބަލަން ދިޔަ އެވެ.
އާމިރުގެ މެނޭޖަރު އަދަވައިތު ޗަންދަން ޑައިރެކްޓްކޮށްފައިވާ މި ފިލްމު ބެލި ފިލްމީ ތަރިންގެ ތެރެއިން ގިނަ ބަޔަކު ފިލްމު ބެލުމަށްފަހު ކޮށްފައިވާ ޓުވީޓްތަކުގައި އެ ފިލްމަށާއި އާމިރަށް އަދި ޒާއިރާ އަށް ވަރަށް ތައުރީފުކޮށްފައިވެ އެވެ.
ކުޅަދާނަ ބަތަލު ނަވާޒުއްދީންގެ ޓުވީޓްގައި މިއީ އަހަރުގެ ވެސް އެންމެ މޮޅު ފިލްމު ކަމަށް ބުނެފައިވެ އެވެ. އަދި ފިލްމުގެ ހުރިހާ އެކްޓަރުން ވެސް ކޮށްފައި ވަނީ ތައުރީފު ހައްގު މަސައްކަތްތަކެއް ކަމަށް ނަވާޒުއްދީން ބުންޏެވެ.
އެކްޓަރު ރާޖް ކުމާރު ރާއޯގެ ޓުވީޓްގައި މިއީ ވަރަށް ހިތާ ކުޅެލާ ކަހަލަ މޮޅު ފިލްމެއް ކަމަށާއި އަވަހަށް އެ ފިލްމު ބަލަން ދިއުމަށް އެދިފައިވެ އެވެ. އަދި އާމިރު އެ ފިލްމުގައި އުޅޭލެއް މަޖާކަން ވެސް ރާޖްކުމާރު ފާހަގަ ކޮށްފައިވެ އެވެ.