17 އޮކްޓޯބަރ 2017 - 11:08

މެންޗެސްޓާ (އޮކްޓޯބަރު 17) - ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ނަޕޯލީ އާއި މެންޗެސްޓާ ސިޓީ ކުޅޭ މެޗަކީ ފުޓްބޯޅަ ސަޕޯޓަރުންނަށް ވަރަށް ކަމުދާނެ މެޗެއް ކަމަށާއި އެހެން ނަމަވެސް މިއީ ކުޅުންތެރިންނާއި ކޯޗުންނަށް ފަސޭހަވާނެ މެޗެއް ނޫން ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ނަޕޯލީ އާއި ސިޓީ އަކީ އިޓާލިއަން ލީގާއި އިނގިރޭސި ލީގުގެ އެއް ވަނައިގައި މި ވަގުތު އޮތް ދެ ޓީމެވެ. ޗެމްޕިއަންސް ލީގުގެ ގްރޫޕް އެފްގެ އެއް ވަނައިގައި ދެ މެޗުން ވެސް މޮޅުވެގެން ސިޓީ އޮތްއިރު، ނަޕޯލީ ތިން ވަނައިގައި އޮތީ ދެ ވަނައިގައި އޮތް ޝަހުތަރު ޑޮނެސްކާ އެއްވަރަށް ޕޮއިންޓް ހޯދައިގެންނެވެ.
މިރޭގެ މެޗުގެ ކުރިން ގާޑިއޯލާ ބުނީ ނަޕޯލީ ކުޅޭ ސްޓައިލް އޭނާ އަށް ވަރަށް ކަމުދާ ކަމަށެވެ.
"ހައި ޕްރެސިން ފުޓްބޯޅަ އަހަންނަށް ވަރަށް ކަމުދޭ. ނަޕޯލީ ކުޅެނީ އަހަރެން ވަރަށް ތާއީދުކުރާ ފުޓްބޯޅައެއް. މި މެޗުގައި ރީތި ފުޓްބޯޅައެއް ފެންނާނެ. މިއީ ކޯޗުންނަށް ފަސޭހަ މެޗެއް ނޫން. އެކަމަކު ސަޕޯޓަރުންނަށް ވަރަށް ހިތްގައިމު ވާނެ،" ގާޑިއޯލާ ބުންޏެވެ.
މިއީ ދެ ޓީމުން ވެސް މުހިއްމު ކުޅުންތެރިން ލައިގެން ކުޅޭނެ މެޗެއް ކަމަށާއި އެއްވެސް ޓީމަކަށް ފަސޭހަނުވާނެ ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ. އަދި ނަޕޯލީގެ ލޮރެންޒޯ އިންސީނިއޭ އާއި ޑްރައިސް މާޓެންސް އަދި މަރެކް ހަމްސިކް ފަދަ ކުޅުންތެރިންނަކީ ފަޅި ފުރުސަތެއް ލިބުނަސް ބޭނުން ހިފާނެ ކުޅުންތެރިން ކަމަށެވެ.
ސިޓީ އަމިއްލަ ދަނޑުގައި ތަފާތު ބޮޑު ނަތީޖާތަކުން ޓީމުތައް ބަލިކޮށްފައިވުމަކީ މި މެޗަށް ނުކުންނައިރު އެއީ އެ ޓީމަށް ލިބޭ ހިތްވަރެއް ކަމަށް ގާޑިއޯލާ ގަބޫލުކުރެ އެވެ.
"ހޯމް އެޑްވާންޓޭޖް އަހަރެމެންނަށް ނެގޭނީ ގޭމް ޕްލޭނާ އެއްގޮތަށް މަސައްކަތް ކޮށްގެން. ހަމައެކަނި އަމިއްލަ ދަނޑުގައި ކުޅޭތީ ލިބޭނެ އެޑްވާންޓޭޖެއް ނެތް،" ގާޑިއޯލާ ބުންޏެވެ.
މި ސީޒަނުގެ މިހާތަނަށް ސިޓީގައި އެންމެ ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ އެއް ކުޅުންތެރިއަކީ ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑިބްރޭނާ އެވެ. ގާޑިއޯލާ ބުނީ ޑިބްރޭނާ އަކީ ވަރަށް މޮޅު ކުޅުންތެރިއެއް ކަމަށާއި އެހެން ނަމަވެސް އެންމެ ފުރިހަމަ ކުޅުންތެރިއަކަށް ވެވޭނީ ތަށި ހޯދައިގެން ކަމަށެވެ.
ނަޕޯލީގެ ކޯޗު މައުރީޒިއޯ ސާރީ ބުނީ މި ވަގުތު ދައްކަމުން އަންނަ ކުޅުމަށް ބަލާއިރު ސިޓީ އަކީ ޔޫރަޕްގައި އެންމެ ވަރުގަދަ ޓީމު ކަމަށާއި އެހެން ނަމަވެސް ނަޕޯލީ އަށް ބަލިނުކުރެވޭނެ ޓީމެއް ނޫން ކަމަށެވެ.
ނަޕޯލީ އާއި ސިޓީ ކުޅޭ މެޗު ފަށާނީ މިރޭ 23:45 ގަ އެވެ.