17 އޮކްޓޯބަރ 2017 - 11:10

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އދ.ގެ ކައުންސިލް (ޔޫއެންއެޗްއާރުސީ)ގެ ކުރިއަށް އޮތް ދައުރަށް ރާއްޖެ ވާދަކޮށް ނާކާމިޔާބުވި ކަމަށް ސޯޝަލް މީޑިއާ އާއި ރާއްޖޭގެ ބައެއް މީޑިއާތަކުގައި ޚަބަރު ފަތުރަމުން ދިޔަސް، މި ފަހަރު އެ ކައުންސިލަށް ރާއްޖެ ވާދައެއް ނުކުރެ އެވެ.
ގިނަ ގައުމުތަކުން ބައިވެރިވި މި ވޯޓުގައި އެންމެ ހަތަރު ވޯޓާއެކު ރާއްޖެ އަށް ނާކާމިޔާބުވެފައިވާ ކަމަށް ރާއްޖޭގެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. ނަމަވެސް އެ ކައުންސިލަށް ވާދަ ނުކުރުމަށް މި އަހަރުގެ ޖުލައި މަހު ސަރުކާރުން އޮތީ ނިންމައިފަ އެވެ.
ސަރުކާރުން އެ ގޮތަށް ނިންމީ، އެ ކައުންސިލްގެ ގޮނޑިއެއް ހޯދުމަށް ޑިޕްލޮމެޓިކް ދާއިރާގައި ކެމްޕެއިން ވެސް ކުރުމަށް ފަހު އެވެ. އެކަމާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން ކޮށްފައިވާ ޓުވީޓެއްގައި ވަނީ ޔޫއެންއެޗްއާރުސީ އަށް ވާދަކުރަން އެއްބާރުލުން ދިން ގައުމުތައް ޝުކުރު އަދާކޮށްފަ އެވެ.
ހިއުމަން ރައިޓްސް ކައުންސިލަށް މެމްބަރުން އިންތިހާބު ކުރުމަށް އެ ކައުންސިލްގައި ރޭ ނެގި ވޯޓުގައި ރާއްޖެ ބައިވެރިއެއް ނުވެ އެވެ. ރޭގެ ވޯޓުގައި އެ ކައުންސިލަށް އޭޝިއާގެ ފަސް ގައުމަކުން ވާދަކުރި އެވެ. އޭގެ ތެރެއިން ޔޫއެންއެޗްއާރުސީގެ މެމްބަރުކަމަށް އިންތިހާބުވީ ނޭޕާލާއި ޕާކިސްތާނާއި ގަތަރާއި އަފްގާނިސްތާނެވެ. އެކަށީގެންވާ ވަރަށް ވޯޓު ނުލިބުމުން މެލޭޝިޔާ އަށް ނާކާމިޔާބުވީ އެވެ.
ޖެނީވާގައި ހުންނަ ރާއްޖޭގެ މިޝަނުން ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ 2018-2020 ދައުރަށް ހޮވާ މެމްބަރުންގެ މަގާމަށް ރާއްޖެ އިން ކުރިމަތިލުމަށް ކެމްޕޭން ކުރުމަށް ފަހު، އެ މަގާމަށް ވާދަ ނުކުރަން ނިންމީ އޭގެ ފަހުގެ ދައުރަކަށް ކުރިމަތިލުމަށެވެ.
ރާއްޖެ އިން ނަން އަނބުރާ ގެނައީ ރާއްޖޭގެ ހާލަތު އޮތް ގޮތުން، އެ އިންތިޚާބު ކާމިޔާބު ނުވާނެ ކަން އެނގޭތީ ކަމަށް ބުނެ ބައެއް ފަރާތްތަކުން ކުރިން ފާޑުކިޔާފައިވެ އެވެ.
އިންސާނީ ހައްގުތަކާ ބެހޭ އދ.ގެ ކައުންސިލްގެ މެމްބަރުކަން މީގެ ކުރިން ދެ ދައުރަކު ރާއްޖެ އިން ވަނީ ކޮށްފަ އެވެ.
ރާއްޖެ އިން މިހާރު މަސައްކަތް ކުރަމުން އަންނަނީ އދ. ގެ އެންމެ ބާރުގަދަ ގުނަވަން ކަމަށްވާ ސަލާމަތީ މަޖިލީހުގެ ވަގުތީ މެމްބަރުކަން ހޯދުމަށެވެ. އަންނަ އަހަރު ބާއްވާ އެ ކައުންސިލްގެ އިންތިޚާބުގައި ރާއްޖެއާ އެކު ވާދަކުރަނީ އިންޑޮނީޝިއާ އެވެ.
ހިއުމަން ރައިޓްސް ކައުންސިލަށް ރާއްޖެ އިން ވާދަނުކުރި އިރު، ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތާ މެދު ބައެއް ގައުމުތަކުން ވަނީ އެ ކައުންސިލްގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ އަށް ރައްދު ދީ ސަރުކާރުން ބުނެފައިވަނީ ކަންކަން އިސްލާހު ކުރަން ވަގުތު ބޭނުންވާ ކަމަށާއި ގިނަ ކަންތައްތަކެއް މިހާރު ވެސް ރަނގަޅު ކޮށްފައިވާ ކަމަށެވެ.