17 އޮކްޓޯބަރ 2017 - 10:58

ލުބްލިޔާނާ، ސްލޮވީނިއާ (އޮކްޓޯބަރު 17) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ކުޅޭ ކޮންމެ ޓީމަކީ ވެސް ނިސްބަތުން ވަރުގަދަ ޓީމުތަކެއް ކަމަށާއި އާދައިގެ ޓީމެއް މި މުބާރާތުގައި ވާދަނުކުރާނެ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.
ޗެމްޕިއަންސް ލީގުގައި މި ފަަހަރު ކުޅުނު ދެ މެޗުން ލިވަޕޫލަށް އަދި މޮޅެއް ނުލިބެ އެވެ. ފުރަތަމަ މެޗުން އަމިއްލަ ދަނޑުގައި ސެވިއްޔާއާ 2-2 އިން އެއްވަރުވިއިރު، ދެ ވަނަ މެޗުގައި ރަށުންބޭރުގައި ރަޝިއާގެ ސްޕާޓާ މޮސްކޯއާ ވަނީ 1-1 އިން އެއްވަރުވެފަ އެވެ.
މިރޭ ރަށުން ބޭރުގައި މަރިބޯއާ ދެކޮޅަށް ނުކުންނައިރު ކްލޮޕް ދެކެނީ މިއީ އެންމެ އުނދަގޫ އެއް މެޗުގެ ގޮތުގަ އެވެ.
"މަރިބޯ 1-1 އިން ސްޕާޓާއާ އެއްވަރުކުރި މެޗާއި 3-0 އިން ސެވިއްޔާ އަތުން ބަލިވި މެޗަށް ވުރެ މި މެޗު ތަފާތު. މިއީ ޗެމްޕިއަންސް ލީގުގައި ރަށުން ބޭރުގައި ކުޅޭ މެޗެއް. ސްލޮވީނިއާގެ ޗެމްޕިއަނުން މަރިބޯ އަކީ. އެމީހުންނަށް އަމިއްލަ ދަނޑުގައި އެޑްވާންޓޭޖް ވެސް އޮންނާނެ. މިއީ އެންމެ އުނދަގޫ އެއް މެޗު،" ކްލޮޕް ބުންޏެވެ.
ކްލޮޕް ބުނީ މި ވަގުތު ޓީމަށް އަނިޔާގެ އިތުރު މައްސަލައެއް ދިމާވެފައިނުވާ ކަމަށެވެ.
"އެންމެ ފަހުން ކުޅުނު މެޗަށް ފަހު ޓީމުގެ މެޑިކަލް ޑިޕާޓްމެންޓުން އަހަންނަށް ނެތް މި މެޗުގައި ވަކި ކުޅުންތެރިއަކަށް ނުކުޅެވޭނެ ކަމަށް ބުނެފައި. އެހެންވީމަ އިންޖަރީގެ އާ މައްސަލައެއް ޓީމަށް ދިމާވެފައެއް ނެތް،" އޭނާ ބުންޏެވެ.
އޭނާ ބުނީ މިރޭގެ މެޗުގައި ލިވަޕޫލްގެ ގޯލު ބަލަހައްޓާނީ ޖަރުމަނުގެ ކީޕަރު ލޮރިސް ކާރިއަސް ކަމަށެވެ. ދިގު ސީޒަނެއްގައި ގިނަ މެޗުތަކެއް ކުޅެން ޖެހޭއިރު، ކުޅުންތެރިންނަށް ފުރުސަތު ދިނުމަށް ޓީމަށް އެކި މެޗުތަކުގައި ބަދަލު ގެންނާނެ ކަމަށް ކްލޮޕް ވަނީ ބުނެފަ އެވެ.
ލިވަޕޫލް އެންމެ ފަހުން ކުޅުނު މެޗުތަކުގައި ދިމާވެފައިވާ އެންމެ ބޮޑު މައްސަަލަ އަކީ ލިބޭ ފުރުސަތުތައް ގޯލަށް ހަދައިނުލެވުން ކަމަށާއި އެ މައްސަލަ އަށް ވަރަށް އަވަހަށް ހައްލެއް ލިބޭނެ ކަމަށް ކްލޮޕް ބުންޏެވެ.
މަރިބޯ އާއި ލިވަޕޫލް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 23:45 ގަ އެވެ.