މަގްސަދު ހާސިލްކޮށްފައި ނޫނީ އެމެރިކާއާ މަޝްވަރާ ނުކުރާނަން: ނޯތު ކޮރެއާ
މަގްސަދު ހާސިލްކޮށްފައި ނޫނީ އެމެރިކާއާ މަޝްވަރާ ނުކުރާނަން: ނޯތު ކޮރެއާ

ޕިއޮންޔޮން (އޮކްޓޯބަރު 17) - އެމެރިކާ އަށް ހަމަލާ ދެވޭވަރުގެ އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް އުފައްދަން ނޯތު ކޮރެއާ އިން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށާއި އެ މަގްސަދު ހާސިލްކޮށްފައި ނޫނީ އެމެރިކާއާ މަޝަވަރާ ކުރުމުގެ ޝައުގުވެރިކަން ނެތް ކަމަށް ޕިއޮންޔޮން އިން ބުނެފި އެވެ.

ނޯތު ކޮރެއާގެ އޮފިޝަލަކު ވިދާޅުވީ އެމެރިކާއާ މަޝްވަރާ ކުރުމަކީ ވެސް ނެތް ކަމެއް ނޫން ކަމަށާއި އެކަމަކު އޭގެ ކުރިން އެމެރިކާ އަށް ދޭން ބޭނުންވާ މެސެޖަކީ ނޯތު ކޮރެއާއަކީ ވެސް އެމެރިކާ އިން ދޭ ކޮންމެ ހަމަލާއަކަށް ރައްދުދެވޭވަރުގެ ގައުމެއްކަން ސާބިތުކޮށްދިނުން ކަމަށެވެ. ނޯތު ކޮރެއާގެ އޮފިޝަލް ވިދާޅުވީ އެމެރިކާ އަށް ހަމަލާ ދެވޭވަރުގެ މިސައިލެއް ތަރައްގީ ކުރަން ދެން ބޭނުން ވަނީ ދެ ކަމެއް ކަމަށެވެ. އެއީ ނިއުކްލިއާ ބޮމެއް ޓެސްޓްކުރުމާއި އެމެރިކާ އަށް ހަމަލާދެވޭ ވަރުގެ ރާސްތާގެ މިސައިލް ޓެސްޓް ކުރުން ކަމަށެވެ.

ޕެސިފިކުގައި އެމެރިކާގެ އަސްކަރީ މަރުކަޒް ގާއިމްކޮށްފައިވާ ގުއާމަށް ހަމަލާ ދޭންއުޅޭ ވާހަކަތައް ނޯތު ކޮރެއާ އިން ފުރަތަމަ ދައްކަން ފެށީ އޮގަސްޓް މަހު އެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލަސަން ވިދާޅުވެފައި ވަނީ ނޯތު ކޮރެއާ އިން ފުރަތަމަ ބޮން ވައްޓާލަންދެން އެ ގައުމާ މަޝްވަރާކޮށްގެން ހައްލެއް ފެނޭތޯ ބައްލަވާނެ ކަމަށެވެ. ނަމަވެސް ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މި މައްސަލާގައި ޓިލަސަންއާ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެފަ އެވެ. ޓްރަމްޕް ވިދާޅުވެފައި ވަނީ ނޯތު ކޮރެއާއާ މަޝްވަރާ ކުރަން އުޅުން ވާނީ ވަގުތު ބޭކާރު ކުރުމެއް ކަމަށެވެ.