ކުޅޭނެ ޓީމެއް ނުލިބި ކާޕެނިކަށް ގޮތް ހުސްވެއްޖެ
ކުޅޭނެ ޓީމެއް ނުލިބި ކާޕެނިކަށް ގޮތް ހުސްވެއްޖެ

ލޮސް އެންޖެލެސް، ޔުނައިޓެޑް ސްޓޭޓްސް (އޮކްޓޯބަރު 17) - މިދިޔަ އަހަރުގެ ނެޝަނަލް ފުޓްބޯލް ލީގު (އެންއެފްއެލް)ގެ މެޗެއްގެ ތެރެއިން ގައުމީ ސަލާމަށް ތެދުވަން ދެކޮޅު ހެދި ކުޅުންތެރިއާ ކޮލިން ކާޕެނިކަށް އެއްވެސް ޓީމަަކުން ކުޅުމުގެ ފުރުސަތު ނުލިބޭތީ އެ މައްސަލަ ހުށަހަޅައިފި އެވެ.

ކުޅޭނެ ޓީމެއް ނުލިބި ކާޕެނިކަށް ގޮތް ހުސްވެއްޖެ
ކުޅޭނެ ޓީމެއް ނުލިބި ކާޕެނިކަށް ގޮތް ހުސްވެއްޖެ

މިދިޔަ އަހަރުގެ އޯގަސްޓް މަހު ސެން ފްރެންސިސްކޯ އާއި ގްރީން ބޭ ޕެކާސް ކުޅުނު މެޗުގައި އެމެރިކާގެ ގައުމީ ސަލާމް ޖެހިއިރު، ކާޕެނިކް އިނީ އިށީދެގެންނެވެ. އޭނާ ބުނީ ގައުމީ ސަލާމަށް ނުތެދުވީ އެމެރިކާގެ ހާލަތު މިހާރު އޮތް ގޮތުން ކަމަށެވެ. ކާޕެނިކްގެ މި ހަރަކާތަށް ގިނަ ކުޅުންތެރިންގެ ތާއީދުލިބި އެ ކުޅުންތެރިން ވެސް އަންނަނީ އެކަން ކުރަމުންނެވެ.

މި ކަމުގެ ސަބަބުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ އެންއެފްއެލް ޓީމުތަކުގެ ވެރިންނާއި ކުޅުންތެރިންނަށް ވެސް ތަކުރާރުކޮށް އިންޒާރުދީފަ އެވެ.

މިދިޔަ މާޗް މަހު ކާޕެނިކް ސެން ފްރެންސިސްކޯއާ އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވިއިރު، އެ ޓިމުން އޭނާ އަށް އިތުރު އެއްބަސްވުމެއް ހުށަނާޅަ އެވެ. އަދި މިހާތަނަށް އެހެން ޓީމަކުން ވެސް އޭނާ އަށް ފުރުސަތު ނުދެ އެވެ.

ކާޕެނިކްގެ ވަކީލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކާޕެނިކަށް ޓީމުތަކުން ފުރުސަތު ނުދެނީ ބަޔެއްގެ ރޭވުމުން ކަމަށާއި އެކަމާ ދެކޮޅަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

"ކާޕެނިކް އަކީ ޕްރޮފެޝަނަލް ކުޅުންތެރިއެއް. އޭނާ ގައުމީ ސަލާމަށް ދެކޮޅު ހެދީއެއް ނޫން. އޭނާ ނިންމީ ހާލަތު އޮތް ގޮތުން ގައުމީ ސަލާމް ކުރިއަށްދާއިރު ގައުމުގައި އިންސާފެއް ނެތުމުން އިށީންނަން. މި ކަމުގެ ސަބަބުން އޭނާ ތަފާތުކޮށްގެން ނުވާނެ. އަހަރެމެން މި މައްސަލަ ހުށަހެޅީ އޭނާ އަށް އެއްވެސް ޓީމަކުން ފުރުސަތު ނުދޭތީ. ކާޕެނިކަށް މި ނޫން ގޮތެއް ނެތް،" އެ ބަޔާނުގައިވެ އެވެ.

ރިޕޯޓްތައް ބުނާގޮތުން ގައުމީ ސަލާމް ކުރިއަށްދާއިރު އިށީދެގެން ތިބޭ ކުޅުންތެރިންނަށް އަދަބުދޭން އެންއެފްއެލްގެ ވެރިންގެ ބައްދަލުވުމެއްގައި ދާދި ފަހުން ވަނީ މަޝްވަރާކޮށްފަ އެވެ.