16 އޮކްޓޯބަރ 2017 - 21:57

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް އަބްދުﷲ ޔާމީންގެ ދެމެދުގައި އުފެދުނު ޚިޔާލު ތަފާތުވުންތަކުގައި މައުމޫންގެ ފެކްޝަންގައި ހުންނެވި މާލޭ ސިޓީ ކައުންސިލްގެ ކުރީގެ މެމްބަރު ޒައިދުލް އަމީން މައުމޫނަށް ކުރި ތާއީދު އަނބުރާ ގެންގޮސް، ރައީސް ޔާމީނަށް ތާއީދު ކުރަން ނިންމައިފި އެވެ.
ޕީޕީއެމްގެ އެތެރޭގެ ކޯޅުން ބޮޑުވެ ޕާޓީ ތެރޭގައި ދެ ފެކްޝަން އުފެދުމާ އެކު، މައުމޫނާ އެކު ހުންނަވައިގެން ސަރުކާރަށް ފާޑު ވިދާޅުވަމުން ގެންދެވި ޒައިދު މިރޭ ކުރެއްވި ޓްވީޓެއްގައިވަނީ އޭނާ 2008 އިން ފެށިގެން މައުމޫނަށް ކުރަމުން އައި ތާއީދު އަނބުރާ ގެންދިޔައީ ކަމަށެވެ. އަދި 2013 ގެ ރިޔާސީ އިންތިޚާބުގައި އޭނާ ވެސް ބައިވެރިވެގެން ވެރިކަމަށް ގެނައި މި ސަރުކާރު ދަމަހައްޓައި، ރައީސް ޔާމީނަށް 2018 ގެ ރިޔާސީ އިންތިޚާބުގައި ތާއީދުކުރަން ނިންމީ ކަމަށް އެ ޓްވީޓްގައިވެ އެވެ.
"ރައީސް ޔާމީން ގެންނަވަމުންދާ ތަރައްގީއާ އެކު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް ރައީސް ޔާމީން ހޮވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަޅުގަނޑު ކުރުމަށް ނިންމައިފިން،" އެ ޓްވީޓްގައިވެ އެވެ.
މައުމޫން ފަޅީގައި ހުންނެވި ދުވަސްވަރު ބްލެކްމެއިލްގެ ތުހުމަތެއްގައި ޒައިދު ހައްޔަރުކޮށް، ވަނީ ދައުވާ އުފުލައިފަ އެވެ. އެ މައްސަލައިގެ ޝަރީއަތް މިހާރު ވެސް ހިނގަމުންދާއިރު ދުވަސްތަކެއް ވަންދެން އޭނާ ގޭ ބަންދުގައި ބެހެއްޓުމަށް ފަހު ދާދިފަހުން ވަނީ އެއްކޮށް ބަންދުން ދޫކޮށްލައިފަ އެވެ.
ޕީޕީއެމްގެ ތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުންތަކުގައި ޕާޓީގެ ކޮންޓްރޯލް ރައީސް ޔާމީނަށް ލިބި، މައުމޫނާއި މައުމޫންގެ އަރިސް ބޭފުޅުން ޕާޓީން ވަނީ ވަކިކޮށްފަ އެވެ. މިހާރު މައުމޫން މަސައްކަތް ކުރައްވަނީ އިދިކޮޅު ކޯލިޝަނާ ގުޅިވަޑައިގެންނެވެ.