17 އޮކްޓޯބަރ 2017 - 06:19

މީހުންގެ ޒާތީ މައުލޫމާތު އެއްކުރާ ކަމަށް ވަންޕްލަސް އެއްބަސްވެއްޖެ އެވެ. ވަންޕްލަސްއިން ބުނި ގޮތުގައި، އޮކްޓޯބަރު ނިމެންވާއިރަށް އެކަން މުޅިން ހުއްޓާލާނެ އެވެ.
ވަންޕްލަސް ސްމާޓްފޯންތައް ބޭނުންކުރާ މީހުންގެ ޒާތީ މައުލޫތު އެ ކުންފުނިން އެއްކުރާ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ އިންޓަނެޓްގައި ނުރުހުން ފާޅުކޮށްފަ އެވެ. ބޭނުންކުރާ މީހުން ކުރި ޝަކުވާތަކަށް ޖަވާބުދިނުމަށް ވަންޕްލަސް މި ފަހަރު ގިނައިރުތަކެއް ނުނެގި އެވެ. ނުތަނަވަސްކަން އުތުރިއަރަން ފެށުމާ އެކު ވަންޕްލަސްއިން ވަނީ ދިފާއުގައި ވާހަކަދައްކާފަ އެވެ.
ވަންޕްލަސްއިން ބުނި ގޮތުގައި ފަރުދީ މައުލޫމާތު އެއްކުރަނީ ފޯނުތައް ބޭނުންކުރާ މީހުންނަށް ފަސޭހަކޮށްދިނުމަށެވެ. އެ ގޮތުގައި އެޕްލިކޭޝަންތަކުގައި ގިނަ ބޭނުންތައް ހިމެނުމާއި، ބޭނުންކުރާ ނެޓްވޯކެއްގެ ސަބަބުން ފޯނުތަކުގެ މަސައްކަތްތައް ހުއްޓި، ގަނޑުވާން ދިމާވާ މައްސަލަތައް ހައްލުކުރުމަށެވެ. ބޭނުންކުރާ މީހުން ފޯނު ބޭނުންކުރާ ގޮތާއި، ވަނަވަރު، ވަންޕްލަސްގެ ސާވާތަކަށް ޖަމާކުރި ނަމަަވެސް، ވަންޕްލަސްގެ ފޯނުތައް ފުރިހަމަކުރުން ނޫން ކަމަކަށް އެ މައުލޫމާތު ބޭނުންނުކުރާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ސްމާޓްފޯނުތައް ބޭނުންކުރާ މީހުންނާ ބެހޭ ގޮތުން ވަންޕްލަސްއިން މައުލޫމާތު ހޯދަނީ، ބޭނުންކުރާ މީހުންނަށް ކޮންޓްރޯލް ނޯންނަ ގޮތަށް ނޫން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އެއީ ބޭނުންޖެހިއްޖެ ކޮންމެ ހިނދެއްގައި ހުއްޓާލެވޭނެ ކަމެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ސްމާޓް އާލާތްތަކާއި އިންޓަނެޓް ޚިދުމަތްތައް ބޭނުންކުރާ މީހުންނާ ގުޅޭ މައުލޫމާތު އެއްކުރުމަކީ ހަމަ ކޮންމެ ބަޔަކުހެން ކުރާ ކަމެކެވެ. ގޫގުލް، ފޭސްބުކް، މައިކްރޮސޮފްޓް އަދި އެމެޒޯން ފަދަ ކުންފުނިތަކުން ވެސް ފަރުދީ މައުލޫމަތު ހޯދަން ޝައުގުވެރިވެ އެވެ.
މައިކްރޮސޮފްޓް ވިންޑޯޒް ނުވަތަ އޮފީސް އެޕްލިކޭޝަނަކަށް ތާއްޓެއްއަރައިފި ނަމަ، މައިކްރޮސޮފްޓަށް އެކަން އަނގައިދިނުމަށް އެދި ސްކްރީނަށް މެސެޖެއް އަރަ އެވެ. އެ ކަމަށް އެއްބަސްވެ "އޯކޭ" އަށް ފިތާލައިފި ނަމަ، ދެން ކަންތައްވާ ގޮތް ނޭނގުނު ނަމަވެސް، އެ މީހަކާ ގުޅުން ހުރި ގިނަ މައުލޫމަތު ހޯދާނެ ކަމަށް ބެލެވެ އެވެ.
ފޭސްބުކް އިން ފަރުދީ މައުލޫމަތު އެއްކުރަނީ އެންމެން ފޭސްބުކް އަށް ޖަމާވެ ސޯޝަލްވެލުމަށެވެ. އެކަކު އަނެކަކަށް ތަައާރުފުވެ، ހީ، މަޖާކޮށް އަދި ލައިކެއް ދިނުމަށެވެ. އެމެޒޯންއިން އަދި ގޫގުލްއިން ބުނަނީ ފަރުދީ މައުލޫމަތު އެއްކުރަނީ އެ މީހަކާ ގުޅޭ މުދަލުގައި ފާހަގަޖެހުމަށް ކަމަށެވެ.