16 އޮކްޓޯބަރ 2017 - 17:18

މިދިޔަ ޖުލައި މަހު ލިޓަސް ސާވިސް ސެންޓަރު ތެރޭގައި މަރާލި މުހައްމަދު އަނަސްގެ މަރުގެ ދައުވާލިބޭ މީހުންނަށް ވަކީލުން ހަމަޖައްސަން ކްރިމިނަލް ކޯޓުން މިއަދު ފުރުސަތު ދީފި އެވެ.
ތޫނު އެއްޗެހިން ހަމަލާދީ އަނަސް މަރާލި މައްސަލާގައި ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރަނީ މ. ދިމިޝްގު އުސްމާން ޝަރީފާއި ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި ލ. ގަން ތުނޑީ އަވަށު، ރަންނާރިގޭ ޖުނައިހު އަބްދުﷲ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް އަދި ދަފްތަރު ނަމްބަރު 1746 ސިމާހް މޫސާގެ މައްޗަށެވެ.
އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުން ކްރިމިނަލް ކޯޓުގައި މިއަދު ފަށައި، ވަކީލުން ހަމަޖައްސަން ބޭނުންވޭތޯ ގާޒީ ސުވާލު ކުރެއްވުމުން މަހްފޫޒް ފިޔަވައި ދެން ތިބި ހަތަރު މީހުން ވެސް ބުނީ ވަކީލުން ހަމަޖައްސަން ބޭނުންވާ ކަމަށެވެ. އެހެންވެ ގާޒީ ވަނީ އެކަމަށް 10 ދުވަސް ދެއްވައިފަ އެވެ.
މަހްފޫޒް އަޑުއެހުމަށް ހާޒިރު ކުރިއިރު ވެސް ހުރީ ވަކީލަކު އައްޔަންކޮށްފަ އެވެ. އެހެން ނަމަވެސް އޭނާގެ ވަކީލަށް މައްސަލައިގެ ލިޔުންތައް ލިބުނީ މިއަދު ކަމަށްވާތީ ތައްޔާރުވާން ފުރުސަތު ދިނުމުގެ ގޮތުން މަހްފޫޒްގެ ބައި ވެސް މިއަދު ކުރިއަކަށް ނުގެންދެ އެވެ.
އެ މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވިދާޅުވީ ދައުވާލިބޭ މީހުންނަކީ ބަންދުގައި ތިބި ބައެއް ކަމަށްވާތީ އެ މީހުންނަށް ވަކީލުން ހަމަޖެއްސުމުގައި އެހީތެރިކަން ފޯރުކޮށް ދިނުމަށް، އެ މީހުން ބަންދުގައި ތިބި އިދާރާއަކަށް ކޯޓުން އަންގާނެ ކަމަށެވެ.
ދައުވާލިބޭ މީހުންގެ ތެރެއިން އުސްމާން ޝަރީފާއި ޒަޔާންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. ދެން ތިބި މީހުންނަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
އެ މައްސަލާގައި 17 އަހަރުގެ ކުޑަކުއްޖެއްގެ މައްޗަށް ވެސް ދައުލަތުން ވަނީ ޖުވެނައިލް ކޯޓުގައި ދައުވާކޮށްފަ އެވެ. އެ ކުއްޖާގެ ޝަރީއަތް ފަށާނީ އަންނަ ހަފުތާގަ އެވެ.
އަނަސްގެ މަރާ ގުޅިގެން ފިލައިގެން އުޅުނު އިތުރު ދެ މީހަކު ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެކަމަކު އެ މީހުންނަށް އަދި ދައުވާއެއް ނުކުރެ އެވެ.