އޯޓިޒަމްއާ ޕެރަސެޓެމޯލްއާ ގުޅުމެއް އެބަހުރިތަ؟
އޯޓިޒަމްއާ ޕެރަސެޓެމޯލްއާ ގުޅުމެއް އެބަހުރިތަ؟

މާބަނޑު ދުވަސްވަރު ޕެރެސެޓެމޯލް ބޭނުންކުރާނަމަ ވިހާ ދަރިފުޅަކީ އޯޓިޒަމް ނުވަތަ އެޓެންޝަން ޑެފިސިޓް ހައިޕައެކްޓިވިޓީ ޑިސްއޯޑާ (އޭޑީއެޗްޑީ) ހުންނަ ކުއްޖަކަށް ވެދާނެކަމަށް ޖާނަލް އޮފް އެޕިޑެމިއޮލޮޖީގައި ދާދި ފަހުން ޝާއިއުކުރި ރިޕޯޓެއްގައި ބުނެފައިވެ އެވެ. ނަމަވެސް މިއީ އެއްވެސް އަސްލެއް ހިމެނޭ ވާހަކައެއް ނޫން ކަމަށް ބުނެ ބައެއް ސައިންސްވެރިން ވަނީ އެ ދިރާސާ ދޮގުކޮށްފަ އެވެ.

މާބަނޑުއިރު މި ތަދުކަނޑުވާ ބޭސް ކައިފައި ތިބި މައިންނަށް ލިބޭ ފިރިހެން ދަރިން އޯޓިސްޓިކް ސްޕެކްޓްރަމްގެ ތެރޭގައި ހިމެނޭއިރު ދެ ޖިންސުގެ ކުދިންނަށް ވެސް އޭޑީއެޗްޑީ ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާގައި ބުނެފައިވެ އެވެ.

"އެންމެ ޅަފަތުގައި ފިރިހެން ސިކުނޑި މާ ބޮޑަށް ނާޒުކު،" ދިރާސާގައި ބައިވެރިވި ޑރ. ކްލައުޑިއާ އަވޭލާ ގާސިއާ ވިދާޅުވެފައިވެ އެވެ.

އޮފިޝަލް ގައިޑްލައިން ބުނަނީ މާބަނޑު އަންހެނުން ޕެރެސެޓެމޯލް ކާންޖެހޭނީ ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި އެކަނިކަމަށާއި އެގޮތަށް ވެސް ކާން ވާނީ ވީހާވެސް މަދުން ކަމަށެވެ.

ސްޕޭންގެ ސައިންސްވެރިން ކޮށްފައިވާ ދިރާސާގައި ބުނާ ގޮތުގައި މާބަނޑު ދުވަސްވަރު، ބަނޑުގައިވާ ދަރިފުޅަށް އާދަކޮށް ކައި އުޅޭ ތަފާތު ބޭސްތަކުގެ އަސަރުކުރާ ނަމަ އޯޓިޒަމް އާއި އޭޑީއެޗްޑީ އާ ދެ ބަލި ވެސް ޖެހުމުގެ ފުރުސަތު އިތުރުވެ އެވެ.

މި ދިރާސާގައި 2،644 މައިންނާއި ކުދިން ބައިވެރިކޮށް މާބަނޑު ދުވަސްވަރުން ފެށިގެން ވިހައިގެން އެތައް އަހަރެއް ވަންދެން ދެ މައިންގެ ހާލަތު ވަޒަންކޮށްފައިވެ އެވެ.

މީގެ ތެރެއިން 88 ޕަސެންޓް ކުދިން އުފަންވީތާ އެއް އަހަރުފަހުން އިވެއުލޭޓްކޮށްފައިވާއިރު 79.9 ޕަސެންޓް ކުދިން އިވެލުއޭޓްކުރީ އުމުރުން ފަސް އަހަރުގަ އެވެ. އަދި ދިރާސާގައި ބައިވެރިކުރި މައިން އެމީހުން ބަލިވެ އިނދެގެން އުޅުނު ދުވަސްވަރު ޕެރެސެޓެމޯލް ބޭނުންކުރި މިންވަރާއި ބޭނުންކުރި އަވަސްމިން އޮޅުން ފިލުވުނެވެ. މިގޮތުން އެމީހުން ބޭނުންކުރި ޕެނެޑޯލްގެ ސީދާ ޑޯޒް އޮޅުމެއް ނުފިލި އެވެ. ސަބަބަކީ އެއްވެސް މީހަކު އެކަން ހަނދާން ނެތީމަ އެވެ.

ދިރާސާގައި ބެލީ ބަލިވެ އިނދެ ފުރަތަމަ 32 ހަފުތާ ތެރޭގައި އެއްވެސް ވަރަކަށް ޕެރެސެޓެމޯލް ބޭނުންކޮށްފައިވާ އަންހެނުންގެ ދަރިން އުމުރުން އެއް އަހަރާއި ފަސް އަހަރުގައި އިވެލުއޭޓްކުރި އެވެ.

އެގޮތުން ފުރަތަމަ އަހަރު އިވެލުއޭޓްކުރުމަށް ފަހު ފަސް އަހަރު ފުރުމުން ޗެކްކުރި އިރު ޕެރެސެޓެމޯލް ބޭނުންކޮށްފައިވާ މަންމައިންގެ ދަރިން މާ ހައިޕައެކްޓިވް ވެފައި ލައިނުގަނެގެން އުޅޭ ކަހަލަ ގޮތަކަށް އުޅޭކަން ފާހަގަކުރެވިފައިވެ އެވެ. އަދި ބަނޑުގައި އޮތް އިރު މާގިނައިން ޕެރެސެޓެމޯލްގެ އަސަރު ކޮށްފައިވާ ކުދިންގެ ސަމާލުކަން ދިނުމަށް ދަތިވުމާއި މަޑުން އިންނަން އުނދަގޫވުން އަދި ވިޝުއަލް ސްޕީޑް ޕްރޮސެސިން ކަހަލަ ކަންތައްތައް ވެސް އުޅެނީ ވަރަށް ދަށުގައި ކަމަށް ދިރާސާ ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ. މި ދިރާސާ ރިޕޯޓު ލިޔުއްވި ޑރ. ޖޯޑީ ޖުވެލެޒް ވިދާޅުވީ މާބަނޑު ދުވަސްވަރު ޕެރެސެޓެމޯލް ކެއުމުން ބަނޑުގައިވާ ދަރިފުޅުގެ ސިކުނޑި ތަރައްގީވުމަށް ހުރަސްއެޅެންދިމާވާ ވަރަށް ގިނަ ސަބަބުތައް ހޯދިފައިވާ ކަމަށެވެ.

ފުރަތަމަ ކަމަކަށް އޭނާ ވިދާޅުވީ ޕެރެސެޓެމޯލް ގުޅައެއް ކާލުމުން ތަދު ކަނޑުވާލަދެނީ ސިކުނޑީގައިވާ ކެނެބިނޮއިޑް ރިސެޕްޓާއެއްގެ ހަރަކާތުގެ ސަބަބުންނެވެ.

މި ރިސެޕްޓާތަކަކީ އާއްމުގޮތެއްގައި ނިއުރޯންސް ކަނެކްޓްކޮށްދީ މެޗުއާކޮށްދިނުމުގައި ބޭނުންކުރާ އެއްޗަކަށްވާއިރު މި މުހިއްމު މަރުހަލާ އަށް ޕެރެސެޓެމޯލްގެ އަސަރު ފޯރުމުން ބަދަލުތައް އަންނަނީ ކަމަށެވެ. އަދި ބަނޑުގައިވާ ކުއްޖާގެ ދިފާއީ ނިޒާމު ތަރައްގީވުމަށް ވެސް މި ބޭހުން ހުރަސްތައް ކުރިމަތިވެދާނެކަމަށް ސައިންސްވެރިން ބުނެ އެވެ.

ޕެރެސެޓެމޯލް އާއި އޮޓިޒަމް އާ ގުޅުން ހުރި ކަމަށް ބައެއް ސައިންސްވެރިން ވިދާޅުވި ނަމަވެސް ހުރިހާ ސައިންސްވެރިން މިކަމަކަށް އެއްބަހެއް ނުވެ އެވެ.

އޮޓިޒަމް ޗެރިޓީ އޮޓިސްޓިކާގެ ޑައިރެކްޓަރު އޮފް ސައިންސް ޑރ. ޖޭމްސް ކޫސަން ވިދާޅުވެފައިވާ ގޮތުގައި ޕެރެސެޓެމޯލް އާއި އޮޓިޒަމް އާ ގުޅުވޭވަރުގެ ހެކި ލިބިފައެއް ނުވެ އެވެ. އަދި މިކަމާ ގުޅޭގޮތުން އާއްމުކުރި ދިރާސާ ރިޕޯޓުގައި އޭގެ ހެކި އެކަށީގެންވާ މިންވަރަށް ދެއްކިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.