17 އޮކްޓޯބަރ 2017 - 06:16

"ޕަދްމާވަތީ"ގެ އެކްޓަރު ރަންވީރު ސިންގް ދެން އެންމެ އަވަހަށް ކުޅޭނީ "ގޯލްމާލް"ގެ ޑައިރެކްޓަރު ރޯހިތު ޝެޓީގެ އެކްޝަން ފިލްމެކެވެ.
އަންނަ އަހަރު ފަށަން ހަމަޖެހިފައިވާ މި ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ރޯހިތު ބުނީ ރަންވީރު މިހާތަނަށް ވަރުގަދަ އެކްޝަން ފިލްމެއް ކުޅެފައި ނުވާތީ އޭނާއާ އެކު އެފަދަ ފިލްމެއް އުފައްދަން ގަސްތުކުރާ ކަމަށެވެ. އަދި ރޯހިތާ އެކު މިފަދަ ފިލްމެއް ކުޅެން ވަރަށް ބޮޑަށް ބޭނުންވެފައިވާކަން ރަންވީރު ހާމަކޮށްފައިވާ ކަމަށް ރޯހިތު ބުންޏެވެ.
ޕީޓީއައި އަށް ދިން އިންޓަވިއުއެއްގައި ރޯހިތު ބުނީ އެ ފިލްމު ފަށަން އޭނާ ގަސްތުކުރަނީ އަންނަ އަހަރުގެ މެދުތެރޭގައި ކަމަށެވެ. އަދި އޭނާގެ ޓީމުން މި ފިލްމުގެ ފައިނަލް ޑްރާފްޓްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ޑައިިރެކްޓަރު ބުންޏެވެ.
އަނިލް ކަޕޫރާއި ޖެކީ ޝްރޮފް 1989 ގައި ކުޅުނު ވަރަށް މަޝްހޫރު ފިލްމެއް ކަމަށްވާ "ރާމް-ލަކަން"ގެ ރިމޭކެއް ވެސް އުފައްދަން ރޯހިތު އަންނަނީ ރާވަމުންނެވެ. އަދި 1982 ގައި ގުލްޒާރް ޑައިރެކްޓްކުރި "އަންގޫރު" ވެސް އަލުން އުފެއްދުމުގެ ވިސްނުމެއް އޭނާ ގެންގުޅެ އެވެ.
ނަމަވެސް މިވަގުތަށް "ރާމް-ލަކަން" މަސައްކަތް މަޑުޖައްސާލާފައިވާ ކަމަށާއި "އަންގޫރް" ވެސް އަދި ފެށޭނެ ގޮތެއް ނުފެންނަ ކަމަށް އޭނާ ބުންޏެވެ.
ރޯހިތު ޑައިރެކްޓްކުރި "ގޯލްމާލް އެގެއިން" އަންނަ ހުކުރު ދުވަހު ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ. މި ފިލްމުގެ ތަރިންނަކީ އަޖޭ ދޭވްގަން އާއި ޕަރިނީތީ ޗޯޕްރާ އަދި އަރްޝަދު ވާރްސީ އެވެ.
ރޯހިތު އުފެއްދި "ގޯލްމާލް" ސީރީޒްގެ އެހެން ފިލްމުތަކަށް ލިބުނު ވަރަށް ވުރެ ވެސް ބޮޑު ތަރުހީބެއް މިފަހަރުގެ ފިލްމަށް ލިބޭނެކަމަށް ރޯހިތު އުންމީދު ކުރެ އެވެ.