މަޝްހޫރު ތަރިން 2019ގެ ތާރީހުތައް އިއުލާނުކޮށްފި
މަޝްހޫރު ތަރިން 2019ގެ ތާރީހުތައް އިއުލާނުކޮށްފި

ބޮލީވުޑްގެ އެންމެ ފުންނާބު އުސް އެކްޓަރުން އެ މީހުންގެ ފިލްމުތައް ރިލީޒްކުރާނެ ރަނގަޅު ތާރީޚުތައް އެޑްވާންސްކޮށް ބުކް ކުރަމުން ގޮސް 2019 އާ ހަމަށް ބުކިންސްތައް ހަދައިފި އެވެ.

ފިލްމު ޕްރޮޑިއުސްކޮށް، ޑައިރެކްޓްކޮށް އަދި އެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ އަޖޭ ދޭވްގަން ކަހަލަ ތަރިން ފިލްމު ފެށުމުގެ ކުރިން އެ ފިލްމެއް ރިލީޒްކުރާނެ ތާރީޚެއް އިއުލާން ނުކުރި ނަމަވެސް ފިލްމުތައް ރިލީޒްކުރާނެ ދުވަސްތައް 2019 އާ ހަމައަށް ބުކްކޮށްފައިވާ ކަމަށްވެ އެވެ.

އިންޑިއާގެ ބައެއް ނޫސްތަކުގައިވާ ގޮތުން ފިލްމު އުފެއްދުމުގައި ބޮލީވުޑްގައި އެންމެ ކުރީގައި އުޅޭ ޔާޝްރާޖް ފިލްމްސް އިން ދާދި ފަހުން ވަނީ އެ ކުންފުނިން އުފައްދާ ރިތިކް ރޯޝަން އާއި ޓައިގާ ޝްރޮފްގެ ފިލްމު 2019 ގައި، އިންޑިއާގެ ޖުމްހޫރީ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާކަން އިއުލާން ކޮށްފަ އެވެ. އެއާ އެކު ޕްރޮޑިއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރް ވަނީ އަކްޝޭ ކުމާރު ލީޑް ރޯލަށް ލައިގެން އޭނާ އުފައްދާ ފިލްމު 2019 ގެ ހޯލީ ދުވަހު ރިލީޒްކުރާނެކަން އިއުލާން ކޮށްފަ އެވެ. އަދި 2019 ގައި، އިންޑިއާގެ މިނިވަން ދުވަހު ވެސް ކަރަންގެ ފިލްމެއް ރިލީޒްކުރާކަން މިހާރު ވަނީ އިއުލާން ކޮށްފަ އެވެ. އެއީ އަމީތާބު ބައްޗަން އާއި ރަންބީރު ކަޕޫރު އަދި އާލިއާ ބަޓްގެ "ބްރަހްމަޝްތުރާ" އެވެ.

އާމިރު ޚާން ކުޅޭ ރާކޭޝް ކުމާރުގެ ބައޮޕިކް ރިލީޒްކުރަން ކަނޑައަޅާފައި ވަނީ 2019ގެ ޑިސެމްބަރު 25 ގައެވެ. އަދި ސަލްމާން ޚާން ވަނީ 2018 އަދި 2019 ގެ ބޮޑު އީދާއި ކުޑަ އީދު އޭނާގެ ފިލްމުތަކަށް ބުކްކޮށް ނިންމާފަ އެވެ.

ޝާހްރުކް ޚާން ވަނީ އޭނާގެ ފޭވަރިޓް ދީވާލީ ދުވަސްވަރު ފިލްމް ރިލީޒްކުރަން ބުކިންގް ހަދައިފަ އެވެ. ނަމަވެސް އޭނާ މިހާރު ކުޅެމުން އަންނަ އާނަންދް އެލް ރާއީގެ ފިލްމު ފިޔަވައި އިތުރު ފިލްމެއް ޝާހްރުކް އަދި ކުޅެން ސޮއިކޮށްފައެއް ނުވެ އެވެ. ނަމަވެސް އޭނާ ކުޅޭ ފިލްމެއް ވިއްޔާ ރިލީޒްކުރާނީ ދިވާލީ ދުވަސްވަރު ކަމަށްވާ އޮކްޓޯބަރު ފަހުކޮޅު އެވެ.

ޚާއްސަ މުނާސަބަތުތައް ފާހަގަކުރާ ދުވަސްތައް ދުރާލާ ބުކްކުރަން ފިލްމީ ތަރިން ބޭނުންވަނީ އެ ދުވަސްތަކުގައި އިންޑިޔާގައި ގިނަ ބަޔަކު ސިނަމާތަކަށް ފިލްމު ބަލަން ދާނެތީ އެވެ. އަދި ފިލްމު އުފައްދާ އެހެން މީހުންނަށް ވެސް އެ ދުވަސްތަކުގައި ފިލްމުތައް ރިލީޒްކުރުމަކީ ރަނގަޅުކަމެއް ނޫންކަން އަންގާފައި ބޭއްވުމަށެވެ.