ފިނި ނުހިފެހެއްޓޭތީ 25 ޕަސެންޓް ވެކްސިން ވަނީ ބޭކާރު
ފިނި ނުހިފެހެއްޓޭތީ 25 ޕަސެންޓް ވެކްސިން ވަނީ ބޭކާރު

ތަފާތު ބަލިބައްޔަށް އުފައްދާފައިވާ ވެކްސިންތަކުގެ ތެރެއިން އިންޑިއާ އަށް ގެންދާ ވެކްސިންގެ، މަދުވެގެން 25 ޕަސެންޓް، ޑޮކްޓަރުންނާއި ބަލި މީހުންނާ ހަމައަށް ފޯރުމުގެ ކުރިން ބޭކާރުވެ އެވެ. ސަބަބަކަށް ވަނީ އެ ވެކްސިން ސަޕްލައިކޮށްދޭ ފަރާތްތަކުން އެތަކެތި އެކަށީގެންވާ ފިނީގައި ނުބަހައްޓާތީ އެވެ.

ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވާ ގޮތުން މިއީ ސަރުކާރުތަކަށާއި ވެކްސިން ދިނުމަށް ބާރުއަޅާ ޕަބްލިކް ހެލްތު އެޖެންސީތަކަށް ވެސް މިހާރު ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ.

ގިނަ ވެކްސިންތަކަކީ ވަކި ވަރަކަށް ހޫނުވުމުން ހަލާކުވާ އެއްޗެކެވެ. މިފަދަ ވެކްސިން ބަހައްޓަން ޖެހޭނީ ދެ ޑިގްރީ ސެލްސިއަސް އާއި އަށް ޑިގްރީ ސެލްސިއަސް އާ ދެމެދުގެ ފިނިމިނެއްގަ އެވެ. ވެކްސިންގެ މަސައްކަތް ބަރާބަރުވުމަށް އޭގައި ހުންނަން ޖެހޭ ފިނިކަން އެއްވަރަކަށް ބެހެއްޓުން ވަރަށް މުހިއްމެވެ.

އެކި ވެކްސިންތަކަށް ފިނި ބޭނުންވަނީ އެކި ވަރަށެވެ. އެގޮތުން ސަޕްލައިކުރެވޭ ވެކްސިންގެ ތެރެއިން 25 ޕަސެންޓް ހަލާކުވެފައި ހުންނަ ކަމަށް އިންޑިއާގެ އިމިއުނިޒޭޝަން ޓެކްނިކަލް ސަޕޯޓް ޔުނިޓުން ބުނެފައިވެ އެވެ. މީގެ ތެރެއިން ވެސް ރެކޯޑް އަދަދަކަށް ހަލާކުވާ ވެކްސިން އަކީ ބީސީޖީ ވެކްސިން އެވެ. މި ވެކްސިންގެ 50 ޕަސެންޓް ހަލާކުވާ ކަމަށް އެ ޔުނިޓުން ބުނެފައިވެ އެވެ.

އެކި ސަރަހައްދުތަކަށް ގެންދާ ވެކްސިން ހަލާކުވަނީ ވެސް އެކި ވަރަށެވެ. ސަބަބަކީ އެކި ސަރަހައްދުގައި ވެކްސިން ފިނި ކެނޑުނަނުދީ ރައްކާ ކުރެވޭނެ އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތް ތަފާތު ވީމަ އެވެ.

ވެކްސިން ރައްކާތެރިކަމާއި ފިނިކޮށް ރައްކާ ކުރެވޭނެ ގޮތަކަށް ސަޕްލައިކޮށްދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިންނާއި އެހެނިހެން ޔޫއެސް އެޖެންސީތަކުން ބާރު އަޅަ އެވެ.