ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭ ސިޔާސަތެއް އެކުލަވާލައިފި
ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭ ސިޔާސަތެއް އެކުލަވާލައިފި

ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭ ސިޔާސަތެއް ސަރުކާރުން އެކުލަވާލައި މިއަދު އާންމުކޮށްފި އެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭ ސިޔާސަތެއް އެކުލަވާލައިފި
ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭ ސިޔާސަތެއް އެކުލަވާލައިފި

ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ބޭއްވި ރަސްމިއްޔާތުގައި، ކުރިއަށް އޮތް 10 އަހަރަށް އަމާޒުކޮށް އެކުލަވައިލި އެ ސިޔާސަތު އިފްތިތާހް ކޮށްދެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ.

އެ ސިޔާސަތާ ބެހޭ މައުލޫމާތު ދެމުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ޑިރެކްޓަ ޖެނެރަލް ޝަރީފާ އާދަމް މަނިކު ވިދާޅުވީ ކާބޯތަކެތި ރައްކާތެރިކުރުމުގެ ސިޔާސަތެއް އެކުލަވައިލީ ވަރަށް ގިނަ ފަރާތްތަކާ މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ. އަދި ސިޔާސަތު އެކުލަވައިލުމުގައި ސިއްހަތާ ބެހޭ އެކި ގާނޫނުތަކާއި ރާއްޖެ އިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ އެކި މުއާހަދާތަކަށް ވެސް ބަލާފައިވާ ކަމަށް ވިދާޅުވި އެވެ.

ޝަރީފާ ވިދާޅުވީ އެ ސިޔާސަތުގައި އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަ ކޮށްފައިވަނީ، އެންމެން ގުޅިގެން ކާތަކެތީގެ ރައްކާތެރިކަމުގެ މަސައްކަތް ކުރުން ކަމަށެެވެ. އަދި އޭގެ ސަބަބުން ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަން ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ އުސޫލުގައި، ތަރުކާރީއާ މޭވާ ދަނޑުން ފެށިގެން ކާ މޭޒު މައްޗަށް އެ އެއްޗެހި ދިއުމާ ދެމެދު އޮންނަ މަރުހަލާގައި ކަންތައް ކުރަންޖެހޭ ގޮތްތައް ވެސް ފާހަގަކޮށްފައިވާނެ ކަމަށެވެ.

"ކާބޯތަކެތި ރަައްކާތެރި ގޮތެއްގައި މީހުންނަށް ފޯރުކޮށްދޭންޖެހޭ ގޮތާއި އެކަށީގެންވާ އަގެއްގައި ފައިދާ ހުރި ކާނާ ފޯރުކޮށްދޭނެ ކަންތައްތައް ކަށަވަރު ކުރުމަށް މި އުސޫލުގައި އެކުލަވާލާފައިވޭ. މީގެ ތެރޭގައި ވެސް ވަރަށް ތަފުސީލުކޮށް، ކަންތައްތައް ފާހަގަކޮށްފައިވޭ،" ޝަރީފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކާބޯތަކެތީގެ އުސޫލަށް ދަނޑުވެރިން އަހުލުވެރިކުރުމަށް އެގްރިކަލްޗާ މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ އިރު އެކަންތައްތައް އެމްއެފްޑީއޭ އިން އިންސްޕެކްޓްކޮށް އޮޑިޓްކުރަމުން އަންނަ ކަމަށެވެ. އެގޮތުން މި މަހުގެ ފަހުކޮޅުގައި ފުރަތަމަ ދަނޑު ސެޓިފައި ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

"އެމީހުންގެ މަސައްކަތް ހުންނަނީ ރަނގަޅަށްތޯ، ގަސްކާނާ އެޅުމުގެ އާދަތައް ހުންނަނީ ކިހިނެއްތޯ، މިއީ އެމްއެފްޑީއޭއާ ފިޝަރީޒް މިނިސްޓްރީން ގުޅިގެން ކުރަމުން އަންނަ މަސައްކަތް،" ޝަރީފާ ވިދާޅުވި އެވެ.

އެ ސިޔާސަތުގައި އެކަށީގެންވާ އަގެއްގައި ކާބޯތަކެތި ފޯރުކޮށްދިނުމާއި ނިއުޓްރިޝަނާއި ދުޅަހެޔޮ ސިއްހަތަކަށް ބޭނުންވާ ކާބޯތަކެތި ލިބުމާ ގުޅޭ ގޮތުން ވެސް މުހިއްމު ކަންތައްތަކެއް ފާހަގަކޮށްފައިވާނެ ކަން އެމްއެފްޑީއޭއިން ފާހަގަކުރި އެެވެ.