މިނިވަންކަން އިއުލާންކުރުމާ މެދު ކެޓަލޯނިއާގެ ޖަވާބު ސާފެއް ނޫން
މިނިވަންކަން އިއުލާންކުރުމާ މެދު ކެޓަލޯނިއާގެ ޖަވާބު ސާފެއް ނޫން

މެޑްރިޑް (އޮކްޓޯބަރު 16) - މިނިވަންކަން އިއުލާން ކުރުމާ މެދު ކެޓަލޯނިއާގެ ލީޑަރުންގެ ޖަވާބު ސާފު ނޫން ކަމަށް ސްޕޭނުގެ ޚާރިޖީ ވަޒީރު އަލްފޮންސޯ ދަސްޓިސް ވިދާޅުވެއްޖެ އެވެ.

މިނިވަންކަން އިއުލާން ކުރުމާ މެދު ކެޓަލޯނިއާ އަށް ދިން ފަސް ދުވަހުގެ މުއްދަތު މިއަދު ހަމަވިއިރު ކެޓަލޯނިއާގެ ލީޑަރު ކާލްސް ޕުޖްޑެމޮން ވަނީ މިނިވަންކަން އިއުލާން ކުރުމާ މެދު ސީދާ ޖަވާބު ދެއްވަން ދެކޮޅު ހައްދަވައިފަ އެވެ. އަދި މަޝްވަރާކޮށްގެން މައްސަލަ ހައްލު ކުރުމަށް ސްޕޭން ސަރުކާރަށް ވަނީ ސިޓީއެއް ފޮނުވައިފަ އެވެ.

މި މަހު 1 ވަނަ ދުވަހު ބޭއްވި ޚިޔާލު ހޯދުމުގެ ވޯޓުން ކެޓަލޯނިއާގެ ރައްޔިތުން މިނިވަން ކަމަށް ވޯޓު ދިނުމުން މައި ސަރުކާރާ ވަނީ ޚިޔާލު ތަފާތުވުން ބޮޑުވެފަ އެވެ. އަދި ކެޓަލޯނިއާ އިން މިނިވަންކަން އިއުލާންކޮށްފި ނަމަ އެ ސަރަހައްދަށް ސީދާ ބާރު ހިންގާނެ ކަމަށް ސްޕޭން ސަރުކާރުން ވަނީ އިންޒާރު ދީފަ އެވެ.

"ސްޕޭނުން ދިން މުހުލަތަށް ކެޓަލޯނިއާގެ ލީޑަރުން ސީދާ ޖަވާބުދީފައެއް ނުވޭ،" އީޔޫގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމަށް ލަގްޒަމްބާގަށް ވަޑައިގެން އަލްފޮންސޯ ދަސްޓިސް ވިދާޅުވި އެވެ.

ޔޫރަޕިއަން ޔޫނިއަންގެ އޮފިޝަލުން ދަނީ ކެޓަލޯނިއާގެ ހާލަތު ބަލަމުންނެވެ.