ލައިބީރިއާގެ އިންތިޚާބު: ޖޯޖް ވިއާ ދެ ވަނަ ބުރަށް
ލައިބީރިއާގެ އިންތިޚާބު: ޖޯޖް ވިއާ ދެ ވަނަ ބުރަށް

މޮންރޯވިއާ (އޮކްޓޯބަރު 16) - ލައިބީރިއާގެ ރިޔާސީ އިންތިޚާބު، ކުރީގެ މަޝްހޫރު ފުޓުބޯޅަ ތަރި ޖޯޖް ވިއާ ކާމިޔާބު ކުރައްވާނެ ކަމަށް ބެލެވުނު ނަމަވެސް ވޯޓުގެ 50 ޕަސެންޓް އޭނާ އަށް ލިބިވަޑައިނުގަތުމުން ދެ ވަނަ ބުރަކަށް ދާން ޖެހިއްޖެ އެވެ.

އަންގާރަ ދުވަހު ބޭއްވި އިންތިޚާބުގެ ހުރިހާ ނަތީޖާއެއް ގާތްގަނޑަކަށް ސާފުކުރި އިރު ވިއާ އަށް ލިބިފައި ވަނީ ވޯޓުގެ 39 ޕަސެންޓް ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެ އެވެ. ވިއާއާ ދެން އެންމެ ގާތުން ވާދަކުރި ކެންޑިޑޭޓް އަދި ނައިބް ރައީސް ޖޯސެފް ބޯކައި އަށް ލިބިވަޑައިގެންނެވީ 29 ޕަސެންޓެވެ. އެހެންވެ އަންނަ މަހު އޮންނަ އިންތިޚާބުގެ ދެ ވަނަ ބުރުގައި ވާދަކުރާނީ ވިއާ އާއި ބޯކައި އެވެ. ތިން ވަނަ އަށް ދިޔަ ކެންޑިޑޭޓަށް ލިބިފައި ވަނީ 9.8 ޕަސެންޓް ވޯޓެވެ.

ލައިބީރިއާގެ މިހާރުގެ ރައީސް އެލެން ސިރްލީފް ވަނީ ދެ ދައުރަށް ފަހު ވެރިކަމުން ވަކިވެވަޑައިގަތުމަށް ނިންމަވައިފަ އެވެ. ނޯބެލް ސުލްހައިގެ އިނާމު ހާސިލް ކުރައްވާފައިވާ ސިރްލީފް، 78، އަކީ އެފްރިކާގެ ފުރަތަމަ އަންހެން ރައީސް އެވެ. އެކަމަނާ އަށް 2006 ވަނަ އަހަރު ވެރިކަން ލިބިވަޑައިގަތީ ކުރީގެ ރައީސް ޗާލްސް ޓޭލާ ވެރިކަމުން ދުރުކުރުމުންނެވެ. ހަނގުރާމައިގައި ހިންގާފައިވާ ޖަރީމާތަކުގެ ކުށުގައި ޓޭލާ ވަނީ 50 އަހަރަށް ޖަލަށް ލައިފަ އެވެ.

ވިއާ،51، ގެ ރަނިން މޭޓަކީ ޓޭލާގެ ކުރީގެ އަނބިކަނބަލުން ޖެވެލް ހޮވާޑް ޓޭލާ އެވެ. ވިއާ ވަނީ 2005 ވަނަ އަހަރުގެ އިންތިޚާބުގައި ސިރްލީފްއާ ވާދަ ކުރައްވައިފަ އެވެ. އެ ފަހަރު ނާކާމިޔާބުވީ ދެ ވަނަ ބުރުގަ އެވެ. އޭގެ ފަހުން 2011 ވަނަ އަހަރު ވަނީ ނައިބް ރައީސް ކަމަށް ވެސް ވިއާ ވާދަ ކުރައްވައިފަ އެވެ.

ލައިބީރިއާގެ ސެނެޓުގައި މިހާރު ވެސް ހިމެނިވަޑައިގަންނަވާ ވިއާ ވަނީ 1995 ވަނަ އަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދައިފަ އެވެ. އަދި 1989، 1994 އަދި 1995 ވަނަ އަހަރު ވަނީ އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ވެސް ހޯދައިފަ އެވެ. މީގެ އިތުރުން 1996 ވަނަ އަހަރު ވަނީ އެފްރިކާގެ ގަރުނުގެ މޮޅު ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ.