17 އޮކްޓޯބަރ 2017 - 06:18

މީހެއްގެ ފުރާނަ ސަލާމަތްވުމުގެ މެދުވެރިއަކަށް އޭނާގެ އަތުގައި އަޅައިގެން އުޅުނު އެޕަލް ގަޑިއެއް ވެއްޖެ އެވެ. އެ މީހާއަށް ވަގުތުން ސިއްހީ ފަރުވާ ބޭނުންވާކަމުގެ ނޮޓިފިކޭޝަނެއް އެޕަލް ގަޑިން ފޮނުވުމުން ގޮސް ބެލި އިރު އޭނާގެ ފުއްޕާމޭގައި ގަނޑުލޭކޮޅެއް އިނެވެ.
ނިއު ޔޯކްގެ ބްރޫކްލީންގެ ޕޮޑްކާސްޓް އަދި ރިޕޯޓަރެއް ކަމަށްވާ ޖޭމްސް ގްރީން ކުރި ޓުވީޓެއްގައި ބުނި ގޮތުގައި މީގެ ދެ އަހަރު ކުރިން އޭނާ ގަތް "ކުޑަކުޑަ ގަޑި" އަކީ ފުރާނަ ސަލާމަތް ވުމުގެ ވަސީލަތަކަށް ވެދާނެ ކަމަކަށް ދުވަހަކު ވެސް ހިއެއް ނުކުރެ އެވެ.
"އަހަރެންގެ ހާޓް ރޭޓް މަތިވަމުންދިޔަތަން ދުށިން. އެންމެ ފަހުން އެނގުނީ އެއީ ޕަލްމޮނަރީ އެމްބޮލިޒަމް ކަން،" ގްރީން ބުނެފައިވެ އެވެ.
ޕަލްމޮނަރީ އެމްބޮލިޒަމް އަކީ ފުއްޕާމެޔަށް ލޭ ފޮނުވައިދޭ މައި އާޓްރީގައި އުފެދޭ ގަނޑުލޭކޮޅެއްގެ ސަބަބުން އެ ނާރު ބްލޮކް ވުމެވެ.
އުމުރުން 28 އަހަރުގެ މި ޒުވާނާ ބުނީ އޭނާގެ ފުރާނަ ސަލާމަތްކޮށްދިނީ ހާޓްވޮޗް އެޕް ކަމަށެވެ. އެޕަލް ގަޑީގައި އިންނަ މި އެޕުން، ގަޑި އަޅައިގެން ހުންނަ މީހެއްގެ ހާޓް ހުރިހާ ވަގުތެއްގައި ވެސް ޗެކް ކުރަމުން ގެންދާނެ އެވެ. އަދި ހިތުގެ ހިނގުން ހުންނަންޖެހޭ ވަރަށް ވުރެ މަތިވިޔަސް އަދި ތިރިވިޔަސް އެލާޓް ފޮނުވާނެ އެވެ.
ދަ ޓެލެގްރާފަށް ގްރީން ދީފައިވާ އިންޓަވިއުއެއްގައި ބުނި ގޮތުގައި އޭނާ ވަގުތުން ޑޮކްޓަރަށް ގުޅީތީ ޑޮކްޓަރު ވަރަށް އުފާވި އެވެ. އަދި އޭނާ ލަސްކުރި ނަމަ ފުރާނައަށް ގެއްލުންވުން އެކަށީގެންވާ ކަމަށް ޑޮކްޓަރު ބުނި ކަމަށް ގްރީން ބުންޏެވެ.
ގްރީން ބުނީ އޭނާ އަކީ އަބަދުވެސް ސިއްހީ ހާލަތު ހުންނަ ގޮތް ބަލަމުން އަންނަ މީހެއް ކަމަށެވެ. މީގެ ކުރިން ވެސް އޭނާގެ ފުއްޕާމޭގައި ލޭކޮޅެއް ގަނޑުވެފައި ވާތީ އަބަދުވެސް ހިތް ބަރާބަރަށް ހިނގާތޯ ޗެކް ކުރާ ކަމަށް އޭނާ ބުންޏެވެ.
ކޮންމެވެސް ކަމެއް ގޯސްކޮށްދާކަން އެނގުނު ގޮތް ކިޔައިދެމުން ގްރީން ބުނީ އޭނާ އަރާމުކުރާ ވަގުތުތަކުގައި ވެސް ހާޓް ރޭޓް މަތިކަމަށް ބުނެ ގަޑިން އެކަން އެންގި ކަމަށެވެ. އެއާއެކު އޭނާގެ ހަށިގަނޑުން ފެންނަ އިތުރު އަލާމާތްތަކަށް ބަލާފައި އަވަހަށް ޑޮކްޓަރަކާ މަޝްވަރާ ކުރަން ނިންމީ އެވެ. ހޮސްޕިޓަލަށް ގޮސް ސީޓީ ސްކޭން ހެދިއިރު ފުއްޕާމޭގައި ލޭކޮޅެއް އިންކަން ޔަގީންވި އެވެ. އަދި ވަގުތުން ފަރުވާ ފެށި އެވެ.
ހާޓް ވޮޗް އެޕް ތައްޔާރުކުރި ޑޭވިޑް ވޯލްޝް ކުރި ޓުވީޓެއްގައި ބުނީ އެ އެޕްގެ ސަބަބުން މީހެއްގެ ފުރާނަ ސަލާމަތްވިކަން އެނގުމުން ވަރަށް އުފާވި ކަމަށެވެ. އޭނާ މި އެޕް ތައްޔާރުކުރަން ގަސްތުކުރީ 2015 ގައި އުމުރުން 56 އަހަރުގައި އޭނާގެ ބައްޕަ ހާޓް އެޓޭކެއް ޖެހި ކުއްލިއަކަށް މަރުވުމާ ގުޅިގެން ކަމަށް ވޯލްޝް ބުނެފައިވެ އެވެ. އަދި ބައެއް ޑޮކްޓަރުން ވެސް މިހާރު މި އެޕަށް އިތުބާރުކޮށް އެޕަލް ވޮޗް ބޭނުންކުރަން ބަލި މީހުންނަށް އިރުޝާދު ދެމުން އަންނަ ކަމަށް ވޯލްޝް ބުންޏެވެ.