ދަރިން ނުލިބޭ މައްސަލަ އިނގިރޭސި ވިލާތުގައި ވެސް ވަރަށް ބޮޑު
ދަރިން ނުލިބޭ މައްސަލަ އިނގިރޭސި ވިލާތުގައި ވެސް ވަރަށް ބޮޑު

އިނގިރޭސި ވިލާތު އަންހެނުންގެ ތެރެއިން މަދުވެގެން އަށް އަންހެނުންގެ ތެރެއިން އެކަކީ ދަރިމައިނުވުމުގެ މައްސަލަ ކުރިމަތިވެފައިވާ މީހުންނެވެ. އަދި ފިރިހެނުންގެ ތެރެއިން ކޮންމެ 10 މީހަކުން އެކަކީ ދަރިން ލިބުމުގެ ގާބިލްކަން ނެތް މީހުންނެވެ. ނަމަވެސް މީގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ވެސް ސިއްހީ ފަރުވާ ނުހޯދާ ކަމަށް މިކަމާ ގުޅޭ ގޮތުން ވަރަށް ފަހުން ކޮށްފައިވާ ދިރާސާއަކުން ވަނީ ހާމަވެފަ އެވެ.

ދިރާސާއިން ދެއްކި ގޮތުގައި ދަރިން ނުލިބޭ އަންހެނުންގެ އެވްރެޖް އުމުރު އުޅެނީ 35-44 އަހަރާ ދެމެދުގަ އެވެ. ފިރިހެނުންގެ އުމުރު އުޅެނީ 35-54 އަހަރާ ދެމެދުގަ އެވެ.

އުމުރުން 35 އަހަރު ނުވަތަ އެއަށް ވުރެ ގިނަ ދުވަސްވީ ފަހުން މައިންނަށް ވީ މީހުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުންނަކީ ދަރިން ނުލިބިގެން އުމުރުގެ ކޮންމެވެސް ހިސާބެއްގައި އުޅެފައިވާ މީހުންނެވެ. ނަމަވެސް އުމުރުން 25 އަހަރު ވުމުގެ ކުރިން ފުރަތަމަ ކުއްޖާ ވިހާފައިވާ މީހުންނަށް އުމުރުން ދުވަސް ވިޔަސް މި މައްސަލަ ކުރިމަތިވެފައި ވަނީ ކޮންމެ 10 މީހަކުން އެކަކަށެވެ.

މަތީ ފާސްތައް ހޯދައިގެން ތިބި މީހުންނާއި ފައިސާގެ ގޮތުން މުއްސަނދި މީހުންގެ މެދުގައި ދަރިން ނުލިބޭ މައްސަލަ މާ އާއްމުކަމަށް ވެސް މި ދިރާސާއިން ދައްކަ އެވެ.

މި ދިރާސާގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި އުމުރުން 50 އަހަރު ފުރުނުއިރު ދަރިން ނުލިބުމުގެ މައްސަލަތައް ކުރިމަތިވެފައި ތިބި އަންހެނުން ޑިޕްރެޝަންގެ ޝިކާރައަކަށް ވުމާއި ޖިންސީ ކަންތައްތަކަށް ޝައުގުވެރިކަން ނެތުމުގެ މައްސަލަ ދަރިން ތިބި މީހުންނަށް ވުރެ މާބޮޑުވެފައިވެ އެވެ. ނަމަވެސް މި ކަމާ ގުޅޭ ގޮތުން ފިރިހެނުން ދިރާސާކޮށްފައެއް ނުވެ އެވެ.

ދަރިން ހޯދަން އަހަރަކަށް ވުރެ ގިނަ ދުވަހު މަސައްކަތްކޮށް ނާކާމިޔާބު ވުމުން ވެސް ޑޮކްޓަރެއްގެ ކައިރިއަށް ގޮސް ފަރުވާއެއް ހޯދަން މަސައްކަތްނުކުރާ އަންހެނުންގެ އަދަދު 42.7 ޕަސެންޓްގައި އުޅޭއިރު ފިރިހެނުންގެ ނިސްބަތް އުޅެނީ 46.8 ޕަސެންޓުގަ އެވެ.

ނަމަވެސް މިގޮތަށް ދިމާވުމުން ފަރުވާ ހޯދާ ގިނަ މީހުންނަކީ މަތީ ފާސްތައް ނަގައި، ކިޔެވުމުގައި ގިނަ ދުވަސް ހޭދަކޮށްފައިވާ މީހުންކަން ފާހަގަ ކުރެވިފައިވެ އެވެ.

މި ދިރާސާ ކުރެއްވި ޑޮކްޓަރުން ހައިރާންކަމާ އެކު ފާހަގަކުރައްވާފައިވާ ގޮތުގައި ދިރާސާގައި ބެލި މީހުންގެ ތެރެއިން ގިނަ މީހުންނަކީ ދަރިން ނުލިބޭ މައްސަލަ ހުރި ނަމަވެސް އެއްވެސް ވަރަކަށް ޑޮކްޓަރީ ފަރުވާ ހޯދާފައި ނުވާ މީހުންނެވެ.

ފަރުވާ ނުހޯދާ ސަބަބުތަކުގެ ތެރޭގައި އެމީހުންނަށް އެއީ ފަރުވާ ހޯދަން ޖެހޭ ކަމެއްކަން ނޭނގުމާއި އެމީހުންގެ ހަށިގަނޑުގައި އެއްވެސް މައްސަލައެއް ހުރެދާނެކަމަށް ގަބޫލު ނުކުރެވުން ހިމެނެ އެވެ. އަދި ދަރިން ނުލިބޭ މީހެއްގެ ގޮތުގައި ލޭބަލް ކުރެވިދާނެތީ ގަންނަ ބިރާއި މިފަދަ ފަރުވާއަކަށް ފައިސާ ޚަރަދުވާނެ ވަރެއް ނޭނގޭތީ އޮންނަ ކަންބޮޑުވުން އަދި މި ފަރުވާ ހޯދާ ނަމަ އެމީހަކަށް ނަފްސާނީގޮތުންނާއި ޖިސްމާނީ ގޮތުން އުފުލަންޖެހޭނެ ބުރައާ މެދު ބިރު ހީވުން ހިމެނެ އެވެ. ނޫންނަމަ ދަރިން ނުލިބުނަސް އެންމެ ރަނގަޅުކަމަށް ދެކޭ މީހުން ގިނަ ވުން ވެސް އެއީ ފަރުވާއަށް މީހުން ސަމާލުކަން ނުދޭ ސަބަބަކަށްވެ އެވެ.

ހިއުމަން ޖާނަލް އޮފް ރިޕްރޮޑަކްޝަންގައި ޝާއިއުކޮށްފައިވާ މި ރިޕޯޓުގައިވާ ގޮތުން ދިރާސާ ހެދި ޓީމުން ވަނީ އުމުރުން 16 އަހަރާއި 74 އަހަރާ ދެމެދުގެ 15،162 މީހެއްގެ ޑޭޓާތައް އެނަލައިޒްކޮށްފަ އެވެ. މި މީހުންނަކީ 2010 އާއި 2012 ގައި ކުރިއަށް ގެންދިޔަ ބްރިޓްންސް ތާޑް ނެޝަނަލް ސާވޭ އޮފް ސެކްޝުއަލް އެޓިޓިއުޑްސް އެންޑް ލައިފްސްޓައިލްސްގައި ބައިވެރިވެ މައުލޫމާތު ދީފައިވާ މީހުންނެވެ.