16 އޮކްޓޯބަރ 2017 - 11:33

ޕާތު (އޮކްޓޯބަރު 16) - އޮސްޓްރޭލިއާގެ ޕާތުން ފުރައިގެން އިންޑޮނީޝިއާ އަށް ދަތުރުކުރި އެއާއޭޝިއާގެ މަތިންދާ ބޯޓެއްގެ ކެބިން ޕްރެޝަރު ކުއްލިއަކަށް ދަށްވެގެން އަނބުރާ ޖައްސައިފި އެވެ.
އިންޑޮނީޝިއާގެ ބާލީ އަށް ދަތުރުކުރި ފްލައިޓް ކިޔޫޒެޑް535 ގެ މިސްރާބު ބަދަލުކުރަން ޖެހުނީ ބޯޓު ނައްޓާލިތާ 25 މިނިޓް ފަހުންނެވެ. އެއާބަސް އޭ320 ގެ ބޯޓުން 151 މީހުން ދަތުރުކުރި އެވެ. އެންމެން ވެސް ވަނީ ސަލާމަތުން ޕާތުގައި ޖައްސައިފަ އެވެ.
އެއާ އޭޝިއާ އިން ބުނީ ބޯޓަށް ދިމާވީ "ޓެކްނިކަލް މައްސަލައެއް" ކަމަށެވެ. އަދި ދަތުރުވެރިންގެ ސަލާމަތަށް ވަރަށް އިސްކަންދޭ ކަމަށް ވަނީ ބުނެފަ އެވެ. އެއާ އޭޝިއާ އިން ވަނީ ދިމާވި ހާދިސާ އަށް މައާފަށް އެދިފައިވެ އެވެ. އިތުރު ތަފްސީލް ދީފައެއް ނުވެ އެވެ.
ބޯޓުން ނަގާފައިވާ ވީޑިއޯތަކުން އޮކްސިޖަން މާސްކްތައް ތިރިވެފައިވާ މަންޒަރު ފެނެ އެވެ. އަދި ބައެއް މީހުން ވަނީ ޕަސިންޖަރުން ތިރިވެގެން ތިބުމަށް ގޮވައިފަ އެވެ.
މިދިޔަ ޖޫން މަހު ވަނީ ޕާތުން ފުރައިގެން ބާލީ އަށް ދަތުރުކުރި އެއާއޭޝިއާ އެކްސްގެ ބޯޓެއް "ދޮންނަ މެޝިނެއްހެން ތެޅެން ފެށުމުން" އަނބުރާ ޖައްސައިފަ އެވެ. ޑިސެމްބަރު 2014 ގައި ވަނީ އެއާ އޭޝިއާގެ ބޯޓެއް ޖާވާ ކަނޑަށް ވެއްޓި 162 މީހުން މަރުވެފަ އެވެ. އެފަހަރު ބޯޓު ވެއްޓުނީ ރަޑާ ކޮންޓްރޯލް ސިސްޓަމަށް ދިމާވި މައްސަލައެއްގަ އެވެ.