16 އޮކްޓޯބަރ 2017 - 12:40

ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އެއް ކޮޓަރީގެ ފްލެޓްތަކެއް ހިމެނޭ 14 ބުރީގެ އިމާރާތެއް އަޅަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.
އެޗްޑީސީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އެއީ އަލަތު ކައިވެންޏާ އެކު ދިރިއުޅުން ފަށާ ޒުވާނުންނަށް އެކަށީގެންވާ ހެޔޮ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދޭން ހިންގާ މަޝްރޫއެއް ކަމަށެވެ.
"މިއީ ދެމަފިރިއަކާއި ކުއްޖަކު ގޮވައިގެން އުޅޭ ގޮތަށް ހަދާ ޖާގަ ތަނަވަސް އެޕާޓްމަންޓްތަކެއް. އަދި މި ތަންތަން އެކަށީގެންވާ ހެޔޮ އަގެއްގައި ލިބޭނެ ގޮތްތަކެއް ހެދުމަށް މަސައްކަތްކުރަނީ،" އޮފިޝަލް ވިދާޅުވި އެވެ.
އެޗްޑީސީން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ 14 ބުރީގެ އިމާރާތް ހަދަން ތިން ގޮތެއް ހުށަހެޅިދާނެ ކަމަށެވެ. އެއީ، އިމާރާތްކުރުމަށް ހިނގާ ޚަރަދުގެ 15 ޕަސެންޓު، އިމާރާތް ކުރާ ފަރާތަށް އެޗްޑީސީން ދީގެން އިމާރާތް ކުރުމާއި އިމާރާތް ކުރާ ފަރާތުގެ އަމިއްލަ ހަރަދުގައި އިމާރާތްކުރުމާއި ސަރުކާރު ހިއްސާވާ ކުންފުންޏަކުން ނުވަތަ ރާއްޖޭގެ އަމިއްލަ ކުންފުންޏަކުން ޚަރަދު ކުރާ ގޮތަށް އިމާރާތް ކުރުމެވެ. މީގެ ތެރެއިން ކޮންމެ ގޮތަކަށް އިމާރާތް ކުރުމަށް ވެސް ހުށަހެޅިދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
އެޗްޑީސީން ބުނީ 14 ބުރީގެ ފައުންޑޭޝަނެއް އެޅުމަށް ފަހު ފުރަތަމަ ފަސް ބުރި ނިންމުމަށް ވެސް ހުށަހެޅިދާނެ ކަމަށެވެ. އެ އިއުލާނުގައިވާ ގޮތުން ކޮންމެ ގޮތަކަށް އިމާރާތްކުރަން ހުށަހެޅި ނަމަވެސް އެ އެޕާޓްމަންޓެއްގެ ޖުމްލަ އަގު 38،000 ޑޮލަރު (585،960ރ) އަށް ބޮޑުވެގެންނުވާނެ އެވެ.
އެޗްޑީސީން ނެރުނު އިއުލާނުގައި ބުނެފައި ވަނީ ފުރަތަމަ ފަސް ބުރި ނިންމާ އިރު އެންމެ ތިރީ ބުރި ހުންނަން ވާނީ ވިޔަފާރިކުރާ ތަންތަނާއި އެ ތަނުގައި ދިރިއުޅޭ މީހުންގެ އުޅަނދުތައް ޕާކުކުރާނެ ޖާގަ ހިމެނޭ ގޮތަށް ކަމަށެވެ. އަދި އެ އިމާރާތުގެ ކޮންމެ ބުރިއެއްގައި 400 އަކަފުޓޫގެ 23 އެޕާޓްމަންޓް ހުންނަން ވާނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.
އެ ކުންފުނިން ބުނީ އެ އިމާރާތް އަޅަން ވަނީ އިމާރާތް ކުރާ ފަރާތުން ޑިޒައިންކޮށް އަދި ބްރިޓިޝް މިންގަނޑުތަކަށް ފެތޭ ގޮތަށް 14 ބުރީގެ ފައުންޑޭޝަނާއެކު ކަމަށެވެ. އަދި އެ މަސައްކަތުގެ ޑިޒައިން 30 ދުވަހުގެ ތެރޭގައި ނިންމުމަށް ފަހު 150 ދުވަހުގެ ތެރޭގައި މަސައްކަތް ފަށަން ޖެހޭނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އިމާރާތްކޮށްފައި ވަނީ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ. އަދި އޭގެ ފަހުން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ތަރައްގީކުރަން މިހާރު ފަށާފައި ވަނީ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ.
އެޗްޑީސީން ނެރުނު އިއުލާނުގައި ބުނެފައި އެ މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުމަށް މިއަދު ޕްރީބިޑް މީޓިންއެއް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ.