16 އޮކްޓޯބަރ 2017 - 10:35

މިލާން (އޮކްޓޯބަރު 16) – ކެޕްޓަން މައުރޯ އިކާޑީގެ ހެޓްރިކާ އެކު ވާދަވެރި އޭސީ މިލާން ފަހު ވަގުތު 3-2 އިން ބަލިކޮށް އިންޓަ އިން އިޓާލިއަން ލީގުގެ ދެ ވަނަ މަގާމަށް އަރައިފި އެވެ.
އެއް ވަނައިގައި 24 ޕޮއިންޓާ އެކު ނަޕޯލީ އޮތްއިރު އިންޓަ ދެ ވަނަ އަށް އެރީ 22 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި 19 ޕޮއިންޓާ އެކު ލާޒިއޯ އޮތްއިރު ޗެމްޕިއަން ޔުވެންޓަސް އޮތީ 19 ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން ހަތަރު ވަނައިގަ އެވެ. މި ސީޒަނަށް ބޮޑު ހަރަދުތަކެއްކޮށްގެން ނުކުތް މިލާން އޮތީ 12 ޕޮއިންޓާ އެކު 10 ވަނައިގަ އެވެ.
ދެ ޓީމަށް ނިސްބަތްވާ ސެންސީރޯ ސްޓޭޑިއަމުގައި ކުޅުނު މި މެޗުގެ 28 ވަނަ މިނެޓުގައި އިކާޑީ ވަނީ އިންޓަ އަށް ލީޑު ނަގައިދީފަ އެވެ. މިލާނަށް ދެ ވަނަ ހާފުގެ ކުރީކޮޅު އެއްވަރުކޮށްދިނީ ސޫސޯ އެވެ. ދެ ވަނަ ހާފުގައި މިލާނުން ކުޅުން ރަނގަޅުކުރި ނަމަވެސް 63 ވަނަ މިނެޓުގައި އިކާޑީ ވަނީ އަލުން އިންޓަ އަށް ލީޑު ނަގައިދީފަ އެވެ. މިލާނަށް ދެ ވަނަ ފަހަރަށް އެއްވަރުވީ 81 ވަނަ މިނެޓުގައި ޖިއަކޯމޯ ބޮނަވެންޗޫރާ ޖެހި ޝޮޓެއް އިންޓަގެ ގޯލްކީޕަރު ސާމިރު ހެންޑަނޮވިޗް އަތުން ބައިކޮޅަށް ވަދެގެންނެވެ. އިންޓަ މޮޅުވީ 90 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އިކާޑީ ވައްދާލައިގެންނެވެ.
މި މެޗުން ބަލިވުމާ އެކު މިލާނަށް ވަނީ އިތުރު ޕްރެޝަރުތަކެއް ކުރިމަތިވެފަ އެވެ. ލީގުގައި ކުޅުނު އަށް މެޗުގެ ތެރެއިން ހަތަރު މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ. އޭގެ ތެރޭގައި އެންމެ ފަހުން ކުޅުނު ތިން މެޗު ހިމެނެ އެވެ. މިލާނުގެ ކޯޗު ވިންޗެންޒޯ މޮންޓެލާ ބަދަލުކުރަން ސަޕޯޓަރުން ގޮވަމުން އައި ނަމަވެސް މެނޭޖްމަންޓުން މިހާތަނަށް ވަނީ އޭނާ އަށް ތާއީދުއޮތްކަން ހާމަކޮށްފަ އެވެ.