ފަހު ދައުރު ފެށުނަސް ރައްޔިތުންގެ މަޖިލިސް ހުހަށް!
ފަހު ދައުރު ފެށުނަސް ރައްޔިތުންގެ މަޖިލިސް ހުހަށް!

ރައްޔިތުންގެ މަޖިލީހުގެ ފަހު ދައުރުގެ ޖަލްސާތައް މި މަހު ފެށި ނަމަވެސް ދައުލަތުގެ އެންމެ ބޮޑު އެއް ބާރު ފެންނަނީ އެއްވެސް މަސައްކަތެއް ނެތި، ހުހަށް އޮތް ތަނެވެ.

ތިން ވަނަ ދައުރުގެ ޖަލްސާތައް މިދިއަ ހޯމަދުވަހު ފެށިއިރު، މި ހަފުތާގައި އެންމެ ޖަލްސާއެއް ވެސް ނޯންނާނެ ކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ. މަޖިލިހުގެ ގަވާއިދު ބުނާ ގޮތުން ނަމަ، ހަފްތާއަކު ތިން ދުވަހު، ހޯމަ، އަންގާރަ އަދި ބުދަދުވަހު ޖަލްސާ ބާއްވަން ޖެހެ އެވެ.

ދައުލަތުން އެންމެ ބޮޑު ހޭދައެއް ކުރާ މުއައްސަސާ "ވާވެފައި" އޮތް އިރު ގިނަ ބައެއްގެ ފާޑުކިއުން ވެސް ވަނީ އަމާޒުވެފަ އެވެ. މުސާރަ އާއި ކޮމެޓީ އެލަވަންސާ އެކު، މެމްބަރަކަށް މަހަކު 82،500ރ. ޖެހޭ ރައްޔިތުންގެ މަޖިލިސް، އޭގެ ގާނޫނީ ޒިންމާ އަދާނުކުރުމަކީ، އާންމުންގެ ނަޒަރުގައި، ވަރަށް ބޮޑު މައްސަލައެކެވެ.

އާ ގާނޫނުއަސާސީއާ އެކު ގިނަ އަދި ބޮޑެތި ޒިންމާތަކެއް ހަވާލުކޮށްފައިވާ ރައްޔިތުންގެ މަޖިލިސް މި ފެންވަރަށް މީގެ ކުރިއަކުން ވެއްޓިފައެއް ނުވެ އެވެ. އެމްޑީޕީގެ ވެރިކަމާއި އަދި ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ވެސް އެ މަޖިލިސް ފެނުނީ ގިނަ ބަހުސްތަކެއް، ފޯރީގައި ކުރި ތަނެއްގެ ގޮތުގަ އެވެ. އެއް ބަޔަކު ދެކޭ ގޮތުގައި އޭރު ވެސް މެމްބަރުންގެ މެދުގައި ސިޔާސީ ހިޔާލު ތަފާތުވުން ބޮޑެވެ. އެކަމަކު މިހާ ބޮޑަށް އެ މުއައްސަސާގެ ބާރު ކެނޑުނު ތަނެއް ފެނިފައެއް ނުވެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ގާނޫނީ ޒިންމާ އުފުލުމުގައި ހުރަސްތަކެއް ދިމާވެގެން މި އުޅެނީ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި 45 މެމްބަރަކު ސޮއިކުރެއްވި ހިސާބުންނެވެ. އޭގެ ފަހުން މެމްބަރުން ވަކިވާނެ އާ އުސޫލެއް ސުޕްރީމް ކޯޓުން ހަމަޖެއްސުމާ އެކު، ހަ މެމްބަރެއްގެ ގޮނޑި ވަނީ ގެއްލިފައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.

އެކަމަކު ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ މުއްދަތު ފަހަނައަޅާ ދިޔަ އިރު ބައިއިލެކްޝަން ބާއްވާނެ ތާރީހެއް އަދިވެސް އިއުލާނެއް ނުކުރެ އެވެ. އަދި ރައްޔިތުންގެ މަޖިލިހުން އޭގެ ކަންބޮޑުވުމެއް ވެސް ފާޅުކޮށްފައެއް ނުވެ އެވެ.

އިދިކޮޅު މެމްބަރުން ވިދާޅުވާ ގޮތުގައި މަސީހުގެ ރިޔާސަތުގެ ދަށުން ޖަލްސާތައް ކުރިއަށް ގެންދަން ހުރަސްއަޅުއްވާނެ އެވެ. އެ ހުރަސްތަކުން ސަލާމަތްވުމަށް ރިޔާސާތުގެ ސަރަހައްދުގައި އުސްކޮށް ލަކުޑީގެ "ފާރެއް" މިހާރު ވަނީ ލައިފަ އެވެ. އެކަމަކު އެ ފާރާ އެކު ވެސް މަޖިލިސް އޭގެ ގޮތުގައި ކުރިއަށް ނުދާނެކަން، މި ހަފުތާގައި އެއްވެސް ޖަލްސާއެއް ނުބޭއްވުމުން، ދޭހަވެ އެވެ.

އެނގިފައިވާ ގޮތުގައި ޖަލްސާތައް ނުބާއްވަނީ މަސީހު ރަޝިޔާއަށް ވަޑައިގަތުމުންނެވެ. އިންޓަ ޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ) ގެ ބައްދަލުވުމަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅު ނިމޭނީ އަންނަ ބުދަ ދުވަހު އެވެ. އެކަމަކު ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ ޕީޕީއެމް މެމްބަރު ރީކޯ މޫސާ މަނިކު ހުންނެވީ ރާއްޖޭގަ އެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ނަމަ، މަޖިލީހުގެ ރައީސް ނެތް ހާލަތެއްގައި ނައިބު ރައީސަށް ޖަލްސާތައް ބޭއްވޭނެ އެވެ.

މިދިޔަ ހޯމަ ދުވަހު އޮތް ޖަލްސާގައި މަސީހު ވިދާޅުވީ ކުރިއަށް އޮތް އަހަރަށް ސަރުކާރުން ހުށަހަޅާ ބަޖެޓަށް މެމްބަރުން ތައްޔާރުވާން ޖެހޭ ކަމަށެވެ. އެހެންކަމުން ބަޖެޓް ހުށަހަޅަންދެން މަޖިލިހުގައި ދެން މާ ބޮޑު މަސައްކަތެއް އޮންނާނެ ކަމަކަށެއް ނުބެލެވެ އެވެ.