16 އޮކްޓޯބަރ 2017 - 10:35

މިދިޔަ ޖުލައި މަހު ލިޓަސް ސާވިސް ސެންޓަރު ތެރޭގައި މަރައިލި މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ ކުރާ ފަސް މީހުންގެ ޝަރީއަތް މިއަދު ފަށަން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ.
ތޫނު އެއްޗެހިން ހަމަލާދީ އަނަސް މަރައިލި މައްސަލައިގައި ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާ ކުރަނީ މ. ދިމިޝްގު އުސްމާން ޝަރީފާއި ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި ލ. ގަން ތުނޑީ އަވަށު ރަންނާރިގޭ ޖުނައިހު އަބްދުﷲ އާއި ސ. ފޭދޫ ވެސްޓަން ވިލާ ހަސަަން މަހްފޫޒް އަދި ދަފްތަރު ނަމްބަރު 1746 ސިމާހް މޫސާގެ މައްޗަށެވެ.
އެ މައްސަލައިގައި އެ ފަސް މީހުންގެ މައްޗަށް ދައުވާ ކުރާ މައްސަލައިގެ ޝަރީއަތް ފަށަން ހަމަޖައްސާފައިވަނީ މިއަދު މެންދުރު ފަހު އެވެ. މިއަދު އޮންނަނީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން ބާއްވާ އިބްތިދާއީ އަޑުއެހުމެވެ.
ދައުވާ ލިބޭ މީހުންގެ ތެރެއިން އުސްމާން ޝަރީފާއި ޒަޔާނަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. ދެން ތިބި މީހުންނަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
އެ ފަސް މީހުންގެ އިތުރުން 17 އަހަރުގެ ކުޑަކުއްޖަކަށް އެ މައްސަލާގައި ޖުވެނައިލް ކޯޓުގައި ދައުލަތުން ދައުވާކުރެ އެވެ. އެ މައްސަލައިގެ ޝަރީއަތް ފަށާނީ އަންނަ ހަފުތާގަ އެވެ.
އަނަސްގެ މަރާ ގުޅިގެން އިތުރު ދެ މީހަކު ފިލައިގެން އުޅެނިކޮށް ފުލުހުން ކުރިން ވަނީ ހައްޔަރުކޮށްފަ އެވެ. އެކަމަކު އެ މީހުންގެ މައްސަލަތައް އަދި ކޯޓަކަށް ނުފޮނުވަ އެވެ.