16 އޮކްޓޯބަރ 2017 - 10:13

މެންޗެސްޓާ (އޮކްޓޯބަރު 16) - މެންޗެސްޓާ ޔުނައިޓެޑަކީ ހޯސޭ މޮރީނިއޯ ކޯޗުކޮށްދޭނެ ފަހު ކްލަބް ނޫން ކަމަށް އޭނާ ބުނެފި އެވެ.
ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން މިދިޔަ އަހަރު ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވި މޮރީނިއޯ ވަނީ މިދިޔަ މަހު ޔުނައިޓެޑްގައި ގިނަ އަހަރުތަކެއް ވަންދެން މަޑުކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑުން އަންނަނީ މޮރީނިއޯ އަށް އިތުރު ތިން އަހަރުގެ އެއްބަސްވުމެއް ބޮޑު މުސާރައާ އެކު ހުށަހަޅަން ތައްޔާރުވަމުންނެވެ.
ފްރާންސްގެ ފުޓްބޯޅަ ޕްރޮގްރާމް ޓެލެފޫޓަށް ދިން އިންޓަވިއުއެއްގައި މޮރީނިއޯ ބުނީ އޭނާ އަކީ އާ ޗެލެންޖްތަކަށް ލޯބިކުރާ ކޯޗެއް ކަމަށެވެ.
"އަހަންނަށް ބުނެވޭނެ ހަމައެކަނި އެއް ވާހަކަ އަކީ އަހަރެންނަކީ އުއްމީދުތަކާ އެކު އާ ކަންތައްތަކެއް ޓެސްޓް ކުރަން ބޭނުންވާ ކޯޗެއް. އަހަންނަށް ޔަގީން އަހަރެން މި ތަނުގައި (ޔުނައިޓެޑްގައި) ކެރިއަރު ނިންމައެއް ނުލާނެކަން،" މޮރީނިއޯ ބުންޏެވެ.
ބާސެލޯނާ އިން 2008 ވަނަ އަހަރު ޕެޕް ގާޑިއޯލާއާ އެ ޓީމު ހަވާލުކުރުމުގެ ކުރިން މޮރީނިއޯއާ ވާހަކަ ދެއްކި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އަދި މޮރީނިއޯ އާއި ގާޑިއޯލާއާ ދެމެދުގައި މައްސަަލަ ބޮޑުވީ މި ހިސާބުން ކަމަށް ފުޓްބޯޅައިގެ ގިނަ ތަޖުރިބާކާރުން ބުނެ އެވެ.
"ކޮންމެވެސް އެއް ދުވަހަކުން އަހަރެން ހަގީގަތް ހާމަކުރާނަން. ބައެއް ކަހަލަ ކަންތައްތައް ހުންނާނެ އަހަރެން އަމިއްލަ ނަފްސަށް އެކަނި އެނގޭގޮތަށް ބަހައްޓަން ބޭނުންވާ،" މޮރީނިއޯ ބުންޏެވެ.
ފްރާންސްގެ މީޑިއާ ރިޕޯޓްކުރާ ގޮތުގައި މި ސީޒަނުގައި ޕީއެސްޖީ އަށް ޗެމްޕިއަންސް ލީގުގައި ރަނގަޅު ނަތީޖާތަކެއް ނުނެރެވިއްޖެނަމަ އޭނާ އެ ޓީމުގެ ކޯޗުކަމުން ވަކިކުރާނެ އެވެ. އެ އަށް ފަހު ޕީއެސްޖީގެ ވެރިޔާ ގަތަރުގެ މަހުޖަނު ނާސިރު އަލް ހެއްލާފީ އެ ޓީމަށް ގެންނަން ބޭނުންވާ ކޯޗުންގެ ތެރޭގައި މޮރީނިއޯ ހިމެނެ އެވެ.