19 އޮކްޓޯބަރ 2017 - 06:16

ޒުވާން ފިރިހެނުންނަށް އެމީހުންގެ ލޯބިވެރިންގެ ފަރާތުންނަށް ވުރެ އެކުވެރިންގެ ފަރާތުން ނަފްސާނީ ގޮތުން މާ ބޮޑަށް ހިތްހަމަޖެހުން ލިބޭ ކަމަށް ތަޖުރިބާކާރުންގެ ހޯދުންތަކުން ދައްކަ އެވެ.
މި ޒަމާނުގައި ޒުވާން ފިރިހެނުން އެމީހުންގެ ފިރިހެން އެކުވެރިންނާ އެކު މާ ގާތް ގުޅުމެއް ބާއްވަ އެވެ. އަދި މިއީ ވަރަށް ރަނގަޅު ކަމެއްގެ ގޮތުގައި ތަޖުރިބާކާރުން ސިފަ ކުރެ އެވެ. ނަމަވެސް މިކަމުގެ ސަބަބުން ލޯބިވެރިންނާ އޮންނަ ގުޅުން ބަލިކަށިވުމާއި ކައިވެނިކޮށްގެން އުޅޭ ނަމަ ބައިވެރިޔާއާ މައްސަލަ ޖެހިދާނެކަމަށް ވެސް ތަޖުރިބާކާރުން ބުނެ އެވެ. އަދި ފިރިހެނުންނާއި އަންހެނުންގެ މެދުގައި އޮންނަ ގުޅުންތައް ހީނަރުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
ފިރިހެނުންނަށް އެމީހުންގެ އެކުވެރި ފިރިހެނުންގެ މުހިއްމުކަން ބެލުމަށް ކުރި ސާވޭ އިން ހާމަވި ގޮތުގައި މީގެ ތެރެއިން ކޮންމެ މީހެއްގެ ވެސް ފިރިހެން ރަހުމަތްތެރިއަކު ހުރެ އެވެ. އަދި އެ މީހުންނާ އެކު ވަރަށް ގިނަ ސިއްރުތައް ހިއްސާކުރެ އެވެ.
ސާވޭގެ ބައިވެރިންގެ ތެރެއިން ގިނަ މީހުން ބުނީ އެމީހުންގެ ލޯބިވެރިންނަށް ވުރެ އެކުވެރިންނާ އެކު މާ ހިތްހަމަޖެހިގެން ވަގުތު ހޭދަކުރެވޭ ކަމަށެވެ. ސަބަބަކީ އެކުވެރިން އެމީހުން ޖަޖް ނުކުރާނެކަން ޔަގީން ވާތީ އެވެ.
ސާވޭގެ އެއް ބައިވެރިޔަކު ބުނި ގޮތުގައި ލޯބިވެރިޔާއާ އެކު ހޭދަކުރާ ވަގުތުތަކުގައި ހިތްހަމަޖެހޭ ކަހަލަ ލަވައެއް އަޑުއަހާލަން ވެސް ޖެހިލުންވެ އެވެ. ސަބަބަކީ އޭނާ ހިތަށް އަރާނެ އެއްޗެއް ނޭނގޭތީ އެވެ. ނަމަވެސް ރައްޓެހިންނާ އެކު އެފަދަ ކަންތައްތައް އެއްވެސް ޖެހިލުމެއް ނެތި ކުރެވޭ ކަމަށް ބުންޏެވެ.
އެކުވެރިންނާ އެކު ބޭނުން ކޮންމެ ވާހަކައެއް ދައްކާލަން މާ ހިތްހަމަޖެހޭ ކަމަށް ވެސް ސާވޭގައި ބައިވެރިކުރި މީހުން ބުނެފައިވެ އެވެ. މިސާލަކަށް، އާއިލާގެ މީހަކު ބަލިވެ އުޅޭ ނަމަ އެމީހެއްގެ ބަލި ހާލަތުގެ ވާހަކަ އާއި މަރުވެއްޖެ ނަމަ އެ މީހެއްގެ ތަފާތު ވާހަކަތައް ވެސް ލޯބިވެރިޔާއަށް ވުރެ އެކުވެރިއަކާ ހިއްސާ ކުރަން ފަސޭހަ ކަމަށް ބުނެފައިވެ އެވެ. އަދި ބައެއް ކަަހަލަ ސިއްހީ މައްސަލަތައް ދިމާވުމުން ވެސް ލޯބިވެރިޔާ ގާތު އެ ވާހަކަތައް ދެއްކުމަށް ވުރެ އެކުވެރިއަކަށް ކިޔައިދިނުން ފަސޭހަ ކަމަށް އެ މީހުން ދެކެ އެވެ.