15 އޮކްޓޯބަރ 2017 - 13:34

ވިނީލް ޕްރޮޑަކްޝަންގެ ފިލްމް "ބާކީވެފާ" ގެ ޓްރެއިލާ މިއަދު ދައްކާލައި، ފިލްމް ރިލީޒް ކުރާ ތާރީހު އިއުލާން ކުރާނެ ކަމަށް ބުނެފައި ވަނިކޮށް، ފިލްމް އަންނަ އަހަރަށް ފަސްކޮށްފި އެވެ.
"ބާކީވެފާ" ގެ ފޭސްބުކްގައި ޕޭޖްގައި މިއަދު ބުނީ ފިލްމް އަންނަ އަހަރަށް ފަސްކުރީީ ޓެކްނިކަލް މައްސަލައަކާ ހެދި ކަމަށެވެ. އަދި އެކަން ހައްލުވުމުން ފިލްމް ރިލީޒް ކުރާ ތާރީހު އިއުލާން ކުރާނެ ކަމަށް ބުންޏެވެ. މި ފިލްމް އެންމެ ފުރަތަމަ އަޅުވަން ނިންމާފައި ވަނީ އަތޮޅުތަކުގަ އެވެ.
"ބާކީވެފާ" އަކީ ދެހާސް ހަތް ވަނަ އަހަރު "ނުކަނޑާ" ބެލުންތެރިންނަށް ގެނެސް ދިން މުހައްމަދު ޝަރީފް ލިޔެ، ޑައިރެކްޓް ކުރާ ފިލްމެކެވެ. މީގެ ބަތަލާއަކީ އެންމެ ފަހުން ބޭއްވި ގައުމީ ފިލްމް އެވޯޑްސްގައި އެންމެ މޮޅު ބަތަލާގެ މަގާމު ހޯދި މަރިޔަމް އަފީފާ (އަފީ) އެވެ.
"ބާކީވެފާ" ގެ ޕޯސްޓަރު ވެސް ދައްކައިލީ އަފީއާ އެކުގަ އެވެ. އެކަމަކު ފިލްމްގެ އިތުރު ކާސްޓުން އަދި އޮތީ ސިއްރުކޮށްފަ އެވެ. ޝަރީފް ބުނީ ފިލްމީ ދާއިރާގެ ތަޖުރިބާކާރު އެކްޓަރުންނާ އެކު، އާ ބަޔަކު ވެސް ފިލްމް ތައާރަފު ކުރާނެ ކަމަށެވެ.
"ބާކީވެފާ" އަކީ އިޖުތިމާއީގެ މައްސަލަތެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ އަސަރު ގަދަ ލޯބީގެ ފިލްމެއް ކަމަށް ވިނީލް ސްޓޫޑިއޯ އިން ބުންޏެވެ.
ސިނަމާ އަށް ދެން އެންމެ އަވަހަށް އަންނާނީ މި މަހުގެ 31 ގައި ރިލީޒް ކުރާ ކްރިސްޓަލް އެންޓަޓައިންމަންޓްގެ ފިލްމް "ބޮސް" އެވެ.