އެންޑްރޮއިޑް 8: އޯރިއޯ ބިސްކޯދެއް
އެންޑްރޮއިޑް 8: އޯރިއޯ ބިސްކޯދެއް

އޯރިއޯ އަކީ ކޮން އެއްޗެއްތޯ އަހައިފި ނަމަ ކުޑަކުދިން ބުނާނީ ބިސްކޯދެއް ކަމަށެވެ. މި ސުވާލަށް ދެވެން އޮތް އެންމެ ސައްހަ ޖަވާބަކީ ވެސް އެއީ އެވެ.

ގޫގުލް މޮބައިލް އޮޕަރޭޓިން ސިސްޓަމް، އެންޑްރޮއިޑަށް ނަން ކިޔަށް ރަނގަޅު ނަމެއް ގޮތުގައި "އޯރިއޯ" ވަނީ ހަމަޖައްސައިފި އެވެ. އެއީ އެންޑްރޮއިޑް 8: އޯރިއޯ އެވެ.

އެންޑްރޮއިޑްގެ އަދަދުތަކަށް ނަންކިޔުމުގައި ގޫގުލްއިން އަބަދުވެސް ފޮނި ކާއެއްޗެއް ސިފަކުރުވަ އެވެ. ކޭކެއް، ބިސްކޯދެއް ނޫން ނަމަ ލޮލީއެއް ސިފަކޮށްފައި ވެސް އެންޑްރޮއިޑަށް ނަން ކިޔަ އެވެ.

އެންޑްރޮއިޑަށް ނަންކިޔުން ގޫގުލްއިން ވަނީ ބޮޑު ވިޔަފާރިއަކަށް ބަދަލުކޮށްލާފަ އެވެ. އާދައިގެ މީހަކަށް މި ވާހަކަތައް އެނގިފައި ނެތް ނަމަވެސް، އެންޑްރޮއިޑަށް ނަންކިޔުމުގެ ކުރިން މި މަޝްވަރާތައް ހިނގައި ދެ އެވެ.

ގޫގުލް އޮޕަރޭޓިން ސިސްޓަމަށް ނަންކިޔުމަށް އެ ކުންފުނިން އިޚުތިޔާރުކުރާ ނަން، ފޮނި ކާއެއްޗަކަށް ވާންޖެހެ އެވެ. އެއީ ދުނިޔޭގައި އުފައްދާ އެއްޗަކަށް ވުމަކީ ގޫގުލް އަށް ލިބެން އޮތް މިލިއަން ޑޮލަރެވެ.

މީގެ ކުރިން "ކިޓްކެޓް" އެވެ. އެއީ އެންޑްރޮއިޑް 4.4 އެވެ. ކިޓްކެޓް މަރުކާގެ ދަށުން މީރު ބިސްކޯދާއި ޗޮކްލެޓް ވެސް އުފައްދަ އެވެ. ކިޓްކެޓަކީ މަޝްހޫރު ނެސްލޭގެ އުފެއްދުމެކެވެ.

އެންޑްރޮއިޑް 4.4 އަށް "ކިޓްކެޓް"ގެ ނަމުން ނަން ކިޔުމަށް ނެސްލޭއާ އެކު އެއްބަސްވުންތަކެއް ގޫގުލްއިން ވާނެ އެވެ. މައިގަނޑު ބޭނުމަކަށް ވާނީ ވިޔަފާރި މުއާމަލާތުން ނަފާހޯދުމެވެ.

މިހާރު މި އުޅެނީ އެންޑްރޮއިޑް 8އާ ހިސާބުގަ އެވެ. އެއީ އޯރިއޯ ބިސްކޯދެކެވެ. ކަލުކުލައިގެ ބިސްކޯދެއްގެ އެއް ފުށުގައި ކާއްތާފައި ހުންނަ ހުދުކުލައިގެ ފޮނި ކްރީމް ކޮޅުގައި ދޫ ކާއްތާލުމާ އެކު "އޯރިއޯ"ގެ މާނަ ކުޑަކުދިން ދެނެގަނެ އެވެ. ސްމާޓްފޯނަށް "އޯރިއޯ އަޕްޑޭޓް"ގެ އިންތިޒާރުގައި ތިބި މީހުންނަށް އެއްޗެއް ދޭހަވަނީ އެ އަޕްޑޭޓް ލިބުނު ދުވަހަކުންނެވެ.

ކުޑަކުދިންނަށް ބިސްކޯދެއް ދިނުމަށް ފަހު ގޫގުލް އަށް އޮތް ކަމަކީ ވިޔަފާރިން ފައިދާ ހޯދުމެވެ. އޯރިއޯ ބިސްކޯދު އުފައްދާ މޮންޑަލީޒް އިންޓަނޭޝަނަލް އާ ގުޅިގެން، އޯރިއޯ ބިސްކޯދުގައި ފެހިކުލައި ކްރީމް ކޭއްތުމާއި، ޓީޝާޓް އުފެއްދުން އަދި އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމް ރަމްޒްކޮށްދޭ ސިފަތަކަށް ބިސްކޯދު އުފެއްދުމެވެ.