މިފަހަރު އާމިރު ޚާނާއި އަޖޭ ދޭވްގަންގެ ކުރިމަތިލުމެއް
މިފަހަރު އާމިރު ޚާނާއި އަޖޭ ދޭވްގަންގެ ކުރިމަތިލުމެއް

އާމިރު ޚާނާއި އަޖޭ ދޭވްގަން އަކީ މިވަގުތު ބޮލީވުޑްގައި މަސައްކަތްކުރާ އެންމެ ކުޅަދާނަ އެކްޓަރުންގެ ތެރޭގައި ހިމެނޭ ދެ ތަރިންނެވެ. މި ދެ ބަތަލުން ވަނީ 1997 ގައި ނެރުނު "އިޝްގް"ގައި އެކުގައި މަސައްކަތް ކޮށްފަ އެވެ. މިއަދާ ހަމައަށް ވެސް މި ފިލްމު ގިނަ ބަޔެއްގެ ހަނދާނުގައި އެބަހުއްޓެވެ. ފިލްމުގެ ރީތި ލަަވަތަކާއި މަޖާ ޖޯކްތަކުގެ ސަބަބުންނެވެ.

ނަމަވެސް މިއަހަރު މި ދެ ތަރިންނަކީ ބޮކްސް އޮފީހުގައި ކުރިމަތިލުމަކަށްދާ ދެ ވާދަވެރިންނަށް ވަނީ ވެފަ އެވެ. ބޮޑު ދެ ފިލްމެއް ބޮކްސް އޮފީހުގައި ކުރިމަތިލުމަކަށްދާ ނަމަ ދެ ފިލްމުގެ ބައިވެރިންގެ މެދުގައި މައްސަލަ ޖެހުމަކީ އާންމު ކަމެކެވެ. ނަމަވެސް އާމިރާއި އަޖޭ ތަފާތެވެ.

އަޖޭ އާއި އާމިރު ބައްދަލުވެ އެކުގައި ނަގާފައިވާ ފޮޓޯއެއް އާމިރު ވަނީ ޓުވީޓްކޮށްފަ އެވެ. އަދި އަޖޭގެ "ގޯލްމާލް" އަށް ހެޔޮއެދުންތައް ފޮނުވާ ކަމަށާއި އަޖޭއާ ބައްދަލުވެފައި ވަނީ ވަރަށް ގިނަ ދުވަސް ތަކަކަށް ފަހު ކަމަށާއި އަޖޭ އަކީ ވަރަށް މޮޅު މީހެއް ކަމަށް އާމިރުގެ ޓުވީޓްގައި ބުންޏެވެ. އާމިރުގެ ޓުވީޓް ރިޓުވީޓްކުރަމުން އަޖޭ ލިޔެފައިވާ މެސެޖުގައި، ރަނގަޅު މީހުންނަށް އަބަދުވެސް ކާމިޔާބު ލިބޭނެ ކަމަށާއި "ސީކްރެޓް ސުޕަސްޓާ" އަށް ކާމިޔާބީއަށް އެދޭ ކަމަށް ބުނެފައިވެ އެވެ.

"ގޯލްމާލް އެގެއިން"ގެ ބަތަލާ ޕަރިނީތީ ވެސް ވަނީ އާމިރުގެ ޓުވީޓަށް ޝުކުރު އަދާކޮށް ފިލްމު ޕްރޮމޯޓްކުރަން ޖެހޭނީ ލޯތްބާއި އިއްޒަތާ އެކު ކަމަށް ބުނެ ޓުވީޓެއް ކޮށްފަ އެވެ.

އާމިރު ޚާންގެ "ސީކްރެޓް ސުޕަސްޓާ" މިމަހުގެ 19 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައި ވާއިރު އަޖޭގެ "ގޯލްމާލް އެގެއިން" ރިލީޒްކުރަން ހަަމަޖެހިފައި ވަނީ އޭގެ އެއް ދުވަސް ފަހުން އޮކްޓޯބަރު 20 ވަނަ ދުވަހު އެވެ.

އާމިރު ޕްރޮޑިއުސްކޮށް މެހެމާނެއްގެ ރޯލު ކުޅެފައިވާ "ސީކްރެޓް ސުޕަސްޓާ" ގެ އެންމެ މުހިއްމު އެކްޓަރަކީ ފިލްމުގެ ބަތަލާ ޒާއިރާ ވަސީމް އެވެ. މުޅި ފިލްމު ބިނާވެފައި ވަނީ އަދި ކާމިޔާބު އެއްޗަކަށް ހެދުމުގެ އެންމެ ބޮޑު ޒިންމާއެއް އެޅިފައި ވަނީ 16 އަހަރުގެ ޒާއިރާގެ ބޮލުގަ އެވެ.

އެއާ ޚިލާފަށް ރޯހިތު ޝެޓީ ޑައިރެކްޓްކޮށްފައިވާ "ގޯލްމާލް އެގެއިން" ގައި އަޖޭ ދޭވްގަން، ޕަރިނީތީ ޗޯޕްރާ، އަރްޝަދު ވާރްސީ، ތުޝާރު ކަޕޫރު ފަދަ ވަރަށް ގިނަ ތަރިން ހަރަކާތްތެރިވެ އެވެ.

އެއްވަރުގެ ދެ ފިލްމު ރިލީޒްކުރަނީ އިންޑިއާގައި ވަރަށް ވަރުގަދަ މުނާސަބަތެއް ފާހަގަކުރަމުންދާ ދުވަސްވަރަކު ކަމުން ގިނަ ބަޔަކު ދެ ފިލްމަށް ވެސް ވަންނާނެކަމަށް ބެލެވެ އެވެ.