ޑިޕްރެޝަނުން ސަލާމަތްވެވުނީ ކޮއްކޮގެ މަސައްކަތުން: ޕަރިނީތީ
ޑިޕްރެޝަނުން ސަލާމަތްވެވުނީ ކޮއްކޮގެ މަސައްކަތުން: ޕަރިނީތީ

ފިލްމީ ބަތަލާ ޕަރިނީތީ ޗޯޕްރާ އަކީ ވެސް ޑިޕްރެޝަންގެ މައްސަލަތައް ކުރިމަތިވެ އެކަމުން ސަލާމަތް ނުވެވިގެން ގިނަ ދުވަސްތަކަކު އުޅެފައިވާ އެކްޓަރެކެވެ.

އޭނާ ތަހައްމަލުކުރި ޑިޕްރެޝަންގެ ވޭންތަކާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޕަރިނީތީ ބުނި ގޮތުގައި އޭނާއަށް ޑިޕްރެޝަންގެ އަނދިރި ވަޅުގަނޑުން އެރުނީ ކޮއްކޮ ސަހަޖް ޗޯޕްރާގެ ވަރަށް ބޮޑު އެހީތެރިކަމަކާ އެކުގައި ކަމަށެވެ.

ޕަރިނީތީ ބުނީ ކޮއްކޮ ސަހަޖް ދެކެ އޭނާ އިންތިހާއަށް ލޯބިވެ އެވެ. އަދި އެ ދެބެންގެ ގުޅުން ވަރަށް ރަނގަޅެވެ. ޑިޕްރެޝަންގެ މައްސަލަތައް ދިމާވެފައިވާ މީހަކަށް ނޫނީ އެކަމުގައި ހުރި ވޭން ނޭނގޭނެ ކަމަށާއި އެކަން ތަހައްމަލު ކުރި މީހެއްގެ ހައިސިއްޔަތުން އޭނާއަށް ކުރި އަސަރުތައް ބުނެދޭން ވެސް ނޭނގޭ ކަމަށް ބުންޏެވެ.

"މީގެ އަހަރުތަކެއްކުރިން އަހަރެންނަށް އެ މައްސަލަ ދިމާވީ ފިލްމީ ކެރިއަރުގައި ވެސް ވަރަށް ބޮޑެތި ނާކާމިޔާބީތަކާ ކުރިމަތިވި ދުވަސްވަރެއްގައި. އެކަމުން އަހަންނަށް އަރައިގަނެވުނީ ކެތްތެރިކަމާއެކު ކޮއްކޮ ކޮށްދިން މަސައްކަތުން. ކޮންމެ ދުވަހަކު އޭނާއާ ވާހަކަ ދައްކައިގެން އަމިއްލަ ނަފްސަށް ގެއްލިފައިވާ އިތުބާރު އަނބުރާ ލިބުނީ،" ޕަރިނީތީ ބުންޏެވެ.

ޕަރިނީތީ ބުނި ގޮތުގައި އޭނާގެ ޑިޕްރެޝަންގެ މައްސަލަތައް އަހަރެއްހާ ދުވަހަށް ދެމިގެން ދިޔަ އެވެ. ނަމަވެސް އެ ބައްޔާ ހަނގުރާމަކޮށް މުޅިން ރަނގަޅުވީއިރު އޭނާއަކީ ކުރިޔަށް ވުރެ މާ ޕޮޒިޓިވް ވިސްނުމެއް ގެންގުޅޭ ހިތްވަރުގަދަ މީހަކަށް ވެފައިވާ ކަމަށް ވެސް ޕަރިނީތީ ބުންޏެވެ.

ޕަރިނީތީ ނޫނަސް ބޮލީވުޑް ވަރަށް ގިނަ ފިލްމީ ތަރިން ވަނީ ޑިޕްރެޝަންގެ ޝިކާރައަކަށް ވެގެން ކުރެވުނު ހިތްދަތި ތަޖުރިބާތައް އާންމުންނާ ހިއްސާ ކޮށްފަ އެވެ. ދީޕިކާ ޕަދުކޯން އަކީ މިގޮތަށް ޑިޕްރެޝަންގެ ވާހަކަ ފާޅުގައި ދެއްކި ފުރަތަމަ ބަތަލާ އެވެ. އޭގެ ފަހުން ފިލްމު ޑައިރެކްޓަރު ކަރަން ޖޯހަރް ވެސް ވަނީ އޭނާއަށް ދިމާވި ޑިޕްރެޝަންގެ މައްސަލަތައް ކިޔައިދީފަ އެވެ.