10 ވަނަ ގަރުނުގެ ނޯޑިކް ގަބީލާތަކުގެ ދަތުރުވެރިންނާ އިސްލާމްދީނާ ގުޅުން އޮތް
10 ވަނަ ގަރުނުގެ ނޯޑިކް ގަބީލާތަކުގެ ދަތުރުވެރިންނާ އިސްލާމްދީނާ ގުޅުން އޮތް

ސްޓޮކްހޯމް (އޮކްޓޯބަރު 15) - ނުވަ ވަނަ އަދި 10 ވަނަ ގަރުނުގައި އުޅުނު ނޯޑިކް ގަބީލާތަކުގެ ދަތުރުވެރިންގެ ގަބުރުސްތާނުތަކުން ފެނުނު އެ މީހުން ބޭނުންކުރި ފޮތީގައި އިސްލާމްދީނާ ގުޅުން ހުރި ލިޔުންތައް ބޭނުންކޮށްފައިވާ ކަމަށް ސްވިޑަންގެ އުއްޕްސަލާ ޔުނިވާސިޓީގެ ދިރާސާ ކުރާ ފަރާތްތަކުން ބުނެފި އެވެ.

ވައިކިން އޭޖުގެ މީހުން ބޭނުންކުރި، ގޮތް ހަދާފައިވާ ފޮތިތަކުގައި ވަނީ ކޫފީ ލިޔުންތަކުން "ﷲ"ގެ އިސްމުފުޅާއި "އަލީގެފާނުގެ" ނަންފުޅު ލިޔެފަ އެވެ. ކޫފީ ލިޔުންތައް ވަނީ ހަތް ވަނަ ގަރުނުގައި ވެސް ބޭނުންކޮށްފަ އެވެ. އެ ލިޔުންތައް ވަނީ މެދުތެރޭ އޭޝިއާގެ ގަބުރުސްތާނުތަކުގައިވާ މޮނިއުމެންޓްތަކުގައި ވެސް ބޭނުންކޮށްފަ އެވެ.

އުއްޕްސާލާ ޔުނިވާސިޓީގެ ޑިޕާޓްމަންޓް އޮފް އާކިއޮލޮޖީ އެންޑް އެންސިއެންޓް ހިސްޓްރީގެ ޓެކްސްޓައިލް އާކިއޮލޮޖީ ދިރާސާކުރައްވާ ބޭފުޅެއް ކަމަށްވާ އެންނިކާ ލާސަން ވިދާޅުވީ 10 ވަނަ ގަރުނުގެ ނޯޑިކް ދަތުރުވެރިންގެ ގަބުރުސްތާނުތަކުގައިވާ ފޮތީގައި ކޫފީ އަކުރުތައް ހުރުމަކީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް އެ މީހުންގެ ޖަނާޒާގެ ކަންތައް ކުރިއަށް ގެންގޮސްފައިވާކަން ކަމަށެވެ.

ލާސަންގެ ކުރީގެ ދިރާސާއެއްގައިވާ ގޮތުން ސްވިޑަންގެ އުއްޕްސަލާގެ އުތުރުން އޮންނަ ވަލްސްގާޑް ސަރަހައްދެއްގައި މަރުވެފައިވާ މީހުން ބޭނުންކުރި ފޮތީގައި ސިލްކް ގިނަ އަދަދަކަށް ބޭނުންކޮށްފައިވެ އެވެ. އަދި މިއީ ވެސް އިސްލާމީ ނުފޫޒް އޮތް މިންވަރު އެނގޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މި ދިރާސާތަކުގެ އަލީގައި ލާސަން ވިދާޅުވެފައި ވަނީ ސްކެންޑިނޭވިއާގެ ގައުމުތަކުގެ މީހުންނާ އެންމެ ކުރީ ޒަމާނުގައި ވެސް އިސްލާމް ދީނާ ގުޅުން އޮތްކަން އނެގޭ ކަމަށެވެ.