16 އޮކްޓޯބަރ 2017 - 06:04

ފިލްމީ ތަރިއެއްގެ ހައިސިއްޔަތުން ލިބިފައިވާ ނަމާއި މަޝްހޫރުކަން ގެއްލިދާނެތީ މިހާރު ވެސް ވަރަށް ބިރުގަންނަ ކަމަށް އާމިރު ޚާން ބުނެފި އެވެ.
އިންޑިއާގެ ނޫހަކަށް ދީފައިވާ އިންޓަވިއުއެއްގައި އާމިރު ބުނީ ކޮންމެ ފިލްމަކަށް ވެސް ގަދައަޅައި މަސައްކަތް ކުރުމުން ވަރަށް ހިތްވަރާއި ޖޯޝް ލިބޭ ކަމަށެވެ.
އާމިރު ބުނި ގޮތުގައި "ދަންގަލް"ގެ ވާހަކަ ކިޔައިފައި އޭނާއަށް އެ ވާހަކަ ވަރަށް ކަމުދިޔަ އެވެ. އަދި އެ ފިލްމު ކުޅެން ވަރަށް ބޭނުންވި އެވެ. ނަމަވެސް "ދޫމް 3" އާއި "ޕީކޭ" ފަދަ ފިލްމުތައް ކުޅެ ސްޓާރެއްގެ ގޮތުގައި މީހުން ބަލައިގެންފައިވާ މީހަކު ވަރަށް ފަލަ މުސްކުޅި މީހެއްގެ ރޯލު ކުޅުމުން ފޭނުން އެކަން ބަލައިގަންނާނެ ގޮތެއް ނޭނގޭތީ ވަރަށް ކަންބޮޑުވި އެވެ. އަދި އޭނާ ފޮލޯކުރާ ފޭނުންތައް އޭނާ ދެކެ ފޫހިވެދާނެތީ ވެސް ވަރަށް ބިރުގަތެވެ.
"ދަންގަލް"ގައި އާމިރު ކުޅުނު ކެރެކްޓާ މަހާވީރު އަކީ އުމުރުން 55 އަހަރުވެފައި ހުރި ވަރަށް ފަަލަ މުސްކުޅި މީހެކެވެ. އެހެންވެ އެ ސިފައަށް އޭނާ ބަދަލުވުމަށް ފަހު އޭނާ ދެކެ ލޯބިވީ އޭނާގެ ސަޕޯޓަރުން ފޫހިވެދާނެތީ ވަރަށް ވިސްނި ކަމަށް ވެސް އާމިރު ބުންޏެވެ.
"އާއްމުކޮށް ގިނަ ފިލްމުތަކުގައި އަހަރެން ކުޅެނީ ތިރީހަކަށް އަހަރުގެ މީހެއްގެ ރޯލު. އެހެންވެ ކުއްލިއަކަށް 55 އަހަރުގެ މީހެއްގެ ރޯލު ކުޅުމުން ބެލުންތެރިން އަހަންނާ މެދު ދެކޭ ގޮތް ބަދަލު ވުމަކީ އެކަށީގެންވާ ކަމެއް،" އާމިރު ބުންޏެވެ.
އެހެންވެ އަދި 10 ވަރަކަށް އަހަރު ފަހުން ކުޅެން އެ ފިލްމު ބާއްވަަން ފިލްމު އުފެއްދި ފަރާތުގައި އެދެން ވެސް އާމިރު ވިސްނާފައިވެ އެވެ. ނަމަވެސް ހިތްވަރު ކޮށްފައި ކުރި މަސައްކަތުގެ ފޮނި މޭވާ މިހާރު އޭނާއަށް ވަނީ ލިބިފަ އެވެ.
"ދަންގަލް" އަކީ އިންޑިއާގައި މިހާތަނަށް އުފެއްދި އެންމެ ކާމިޔާބު ފިލްމުގެ ރެކޯޑް މިހާރު އޮތް ފިލްމެވެ. އަދި ފިލްމު އެޅުވި ގިނަ ގައުމުތަކުގައި ވެސް މިހާތަނަށް އެންމެ ރަނގަޅަށް ހިނގި ހިންދީ ފިލްމުގެ ރެކޯޑް މި ފިލްމު ވަނީ ހޯދައިފަ އެވެ.