އަމިއްލަ ކުންފުންޏަކުން މިފްކޯ އަށް 1.1 މިލިއަން ރުފިޔާ ދައްކަން ޖެހިއްޖެ
އަމިއްލަ ކުންފުންޏަކުން މިފްކޯ އަށް 1.1 މިލިއަން ރުފިޔާ ދައްކަން ޖެހިއްޖެ

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ދޫކުރި މުދާތަކަކަށް ފައިސާ ނުދެއްކުމުން ބޮޑު ޖޫރިމަނާއެއް ހިމެނޭ ގޮތަށް 1.1 މިލިއަން ރުފިޔާ މިފްކޯ އަށް ދައްކަން އަމިއްލަ ކުންފުންޏެއްގެ މައްޗަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.

ހިންމަތް އިންވެސްޓްމަންޓް ނަމަކަށް ކިޔާ އެ ކުންފުނީގެ މައްޗަށް މިދިޔަ ބުރާސްފަތި ދުވަހު އެ ހުކުމް ކުރީ އެ ކުންފުނިން ކްރެޑިޓަށް ނަގާފައިވާ މުދާތަކަކަށް ދައްކަންޖެހޭ 490،000ރ. އާއި އެ ފައިސާ ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި އެރި 692،000ރ. ހޯދަން މިފްކޯ އިން ދައުވާ ކުރުމުންނެވެ. މުދަލުގެ އަގަށްވާ 490،000ރ. ދައްކަން ސިވިލް ކޯޓުން ހުކުމް ކުރިޔަސް އެ ކޯޓުން ނިންމާފައި އޮތީ ޖޫރިމަނާ ފައިސާ ނަގައިދެވެން ނެތް ކަމަށެވެ.

ޖޫރިމަނާ ފައިސާ ނަގައި ނުދިން މައްސަލަ މިފްކޯ އިން އިސްތިއުނާފު ކުރުމުން ހައި ކޯޓުން ކުރި ހުކުމުގައިވަނީ ޖޫރިމަނާ ފައިސާއަކީ ވެސް ދެ ފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމުގެ ދަށުން ހިންމަތް ކުންފުނިން ދައްކަންޖެހޭ ފައިސާއެއް ކަމަށެވެ. އެހެންވެ ޖޫރިމަނާ ފައިސާ ހިމެނޭ ގޮތަށް 1.1 މިލިއަން ރުފިޔާ ހަ މަސް ތެރޭގައި ދެއްކުމަށް އެ ހުކުމުގައި ވަނީ އަންގައިފަ އެވެ. އަދި އެ ފައިސާ ހަ މަސް ތެރޭގައި ނުދައްކައިފި ނަމަ، އެ މުއާމަލާތުގައި މިފްކޯގައި ރަހުނު ކޮށްފައިވާ "އާމިރާ" ނަމަކަށް ކިޔާ އުޅަނދު ވިއްކާލުމުގެ ހައްގު މިފްކޯ އަށް އޮންނާނެ ކަމަށް އެ ހުކުމުގައިވެ އެވެ.

އެ ފައިސާ ދައްކަން ނުޖެހޭ ކަމަށް ބުނެ ހިންމަތް ކުންފުނިން ނެގި ދިފާއަކީ ފައިސާ ދެއްކުމަށް ދެ ފަރާތުގެ ދެމެދުގައި ވެފައި އޮތް އެއްބަސްވުމުގައި، މުދަލުގެ އަގަށްވާ ފައިސާ ދެއްކުމަށް ފަހު އިތުރު ފައިސާއެއް ދައްކަން ނުޖެހޭނެ ކަމަށް ބުނެފައި އޮތުމެވެ. އެހެންވެ އެ ކުންފުނިން ބުނެފައިވަނީ އެ އިބާރާތަކީ ޖޫރިމަނާ ފައިސާ ލިބިގަތުމުގެ ހައްގު މިފްކޯ އިން ދޫކޮށްލީ ކަމަށް އެއްބަސްވެފައިވާ އިބާރާތެއް ކަމަށެވެ.

އެކަމަކު ތިން ފަނޑިޔާރުން އިއްތިފާގުން ކުރި އެ ހުކުމުގައިވަނީ ޖޫރިމަނާ ފައިސާއަކީ ނަގައިދެވޭނެ ފައިސާއެއް ކަމަށް އެއްބަސްވުމުގައި ބުނާއިރު ޖޫރިމަނާ އަށް މިފްކޯ އިން ލުޔެއް ދީފައިވާ ކަމަށް ބެލެވޭނެ ފަދަ އެއްވެސް އިބާރާތެއް ނެތް ކަމަށެވެ. އެހެންވެ ޖޫރިމަނާ ފައިސާއަކީ ވެސް ހިންމަތް ކުންފުނިން ދައްކަން ޖެހޭނެ ފައިސާއެއް ކަމަށް އެ ހުކުމުގައިވެ އެވެ.