15 އޮކްޓޯބަރ 2017 - 11:36

ރާއްޖެ އަށް ޒިޔާރަތް ކުރާ ޓޫރިސްޓުން ބޭނުންވާ ހުރިހާ މައުލޫމާތެއް އެއް ފޮތަކުން ލިބޭގޮތަށް ތައްޔާރުކުރާ މޯލްޑިވްސް ވިޒިޓިން ގައިޑް، ޑިސެންބަރު މަހު ފަހުކޮޅު ނެރެން ތައްޔާރުވާން ފަށައިފި އެވެ.
މޯލްޑިވްސް ވިޒިޓިން ގައިޑުން ބުނީ ޓޫރިޒަމާ ގުޅުންހުރި ހުރިހާ ދާއިރާއެއްގެ މައުލޫމާތުތައް އެ ފޮތުގައި ހިމަނާނެ ކަމަށެވެ. އަދި އެ ފޮތުގައި ކަމާ ގުޅުން ހުރި ދާއިރާތަކުގެ ވިޔަފާރިތައް ލިސްޓް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެތަނުން ބުންޏެވެ.
"ބައެއް ލިސްޓިންތައް އުޅޭނެ 100 ޑޮލަރަށް ވެސް. ކިތަންމެ ކުޑަ ތަނެއް ވިޔަސް ލިސްޓް ކުރުމުގެ ފުރުސަތު އޮންނާނެ ހުޅުވާލާފައި. އެންމެ ކުރިން އަޅުގަނޑުމެންނަށް އަންނަ ފަރާތްތަކަށް ހިލޭ ލިސްޓް ކޮށްދޭން ވެސް ވަނީ ހަމަޖެހިފައި،" މޯލްޑިވްސް ވިޒިޓިން ގައިޑްގެ އޮފިޝަލަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑިސެންބަރު މަހު ނެރޭ ގައިޑުގެ 5،000 ކޮޕީ ޕްރިންޓް ކުރާނެ ކަމަށެވެ. އަދި ޓޫރިސްޓުން ޒިޔާރަތް ކުރާ ހުރިހާ ތަންތަނުން ވެސް ގައިޑް ލިބެން ހުންނާނެ ކަމަށެވެ.
"މިއީ އެންމެ ކުޑަ އަދި އެންމެ ގިނަ އިންފޮމޭޝަން އެއް ފޮތަކުން ލިބޭނެ ފޮތް. މޭޖާ ހުރިހާ ތަންތަނުން ލިބެން ހުންނާނެ. ބޭރުގެ ފެއާތަކުގައި ވެސް ޕްރޮމޯޓް ކުރަން ވަނީ ހަމަޖެހިފައި،" އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ 2012 ވަނަ އަހަރުން ފެށިގެން ނެރެމުން އަންނަ މޯލްޑިވްސް ވިޒިޓިން ގައިޑަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަަމަށެވެ. އަދި މި އަހަރުގެ ގައިޑަސް ވެސް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.