15 އޮކްޓޯބަރ 2017 - 10:38

ދިމިޝްގު (އޮކްޓޯބަރު 15) - ސީރިއާގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ވެރިރަށުގެ ގޮތުގައި ބަލާ ރައްގާ އިން އެ ޖަމާއަތުގެ ގިނަ އަދަދެއްގެ ހަނގުރާމަވެރިން އަމާންދީ އެ ސިޓީ އައިއެސްގެ ބާރުގެ ދަށުން ގެއްލެނީ ކަމަށް އޮފިޝަލުން ބުނެފި އެވެ.
"ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ރައްގާ އިން ވަނީ އައިއެސްގެ 100 މީހުން އަމާންދީފައި. ބޭރު ގައުމުތަކުގެ ހަނގުރާމަވެރިން ރައްގާ އިން ފޭބުމުން ވަނީ މަނާކޮށްފައި،" އެމެރިކާ ކޯލީޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އިނގިރޭސި ވިލާތުގައި ހަރަކާތްތެރިވާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ އައިއެސްގެ 200 ވަރަކަށް ހަނގުރާމަވެރިން އެ މީހުންގެ އާއިލާތަކާ އެކު ރައްގާ އިން ފައިބާފައިވާ ކަމަށެވެ. އޮބްޒަވޭޓަރީގެ ޑިރެކްޓަރު ރާމީ އަބްދުލް ރަހްމާން ވިދާޅުވީ ރައްގާގައި ތިބި އައިއެސްގެ ސީރިއާގެ ހުރިހާ ހަނގުރާމަވެރިން މިހާރު ފައިބާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ރައްގާގައި ތިބި އާއްމުން ރައްކާތެރިކަމާ އެކު އެ ސިޓީން ފޭބުމާ ބެހޭ ގޮތުން މަޝްވަރާ ކުރަމުންދާ ކަމަށެވެ.
ރައްގާގެ އޮފިޝަލަކު ބުނީ އެ ސިޓީގައި ތިބި ސީރިއާގެ އައިއެސް ހަނގުރާމަވެރިން އެމެރިކާގެ މަދަދު ލިބޭ ސީރިއަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) އަށް އަމާންދީފައިވާ ކަމަށެވެ.
"އަމާން ދެނީ އައިއެސް އަށް ނިސްބަތްވާ ހަނގުރާމަވެރިން. ބޭރުގެ ހަނގުރާމަވެރިން އަދި އަމާން ދޭން ފަށައިފައެއް ނުވޭ،" އޮފިޝަލް ބުންޏެވެ.
އެމެރިކާ ކޯލީޝަނުގެ ވައިގެ ހަމަލާތަކާ އެކު އެސްޑީއެފްގެ އަރަބި ހަނގުރާމަވެރިން މިހާރު ވަނީ ރައްގާގެ 90 ޕަސެންޓް އައިއެސްގެ ބާރުގެ ދަށުން ހިފައިފަ އެވެ.