މަސީހު ރަޝިޔާގައި، ޕުޓިންއާ ބައްދަލުކުރައްވައިފި
މަސީހު ރަޝިޔާގައި، ޕުޓިންއާ ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީޕީއެމްގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު، ރަޝީއާގެ ރައީސް ލަޑިމިއާ ޕުޓިންއާ ރޭ ބައްދަލު ކުރައްވައިފި އެވެ.

މަސީހު ހިމެނިވަޑައިގަންނަވާ ގޮތަށް މަޖިލީހުގެ ވަފުދެއް ރަޝިޔާއަށް ދިޔައީ މިހާރު އެ ގައުމުގައި ކުރިއަށްދާ އިންޓަ ޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ) ގެ 137 ވަނަ ބައްދަލުވުމުގައި ބައިވެރިވާށެވެ. އެ ބައްދަލުވުން އަންނަ ބުދަ ދުވަހާ ހަމައަށް ކުރިއަށްދާނެ އެވެ.

މި ބައްދަލުވުމުގައި މަޖިލީހުގެ މެޖޯރިޓީ ލީޑަރު، ވިލިމާލެ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ނިހާނާއި ކެނދިކުޅުދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އަލީ މައުރޫފާއި މާފަންނު މެދު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަސްމާ ރަޝީދާއި މާފަންނު ދެކުނު ދާއިރާގެ ޕީޕީއެމް މެމްބަރު އަބްދުﷲ ރިފާއު ބައިވެރިވެވަޑައިގަންނަވަ އެވެ.

މަސީހު، ޕުޓިންއާ ބައްދަލުކުރެއްވީ އައިޕީޔޫގެ އެސެމްބްލީގެ ހުލާސާގެ ތެރެއިންނެވެ. އެކަމަކު މި ބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލެއް މަޖިލީހަކުން ނުދެ އެވެ.

މަސީހު ވަނީ ދާދި ފަހުން ސްރީ ލަންކާގައި ނިމުނު ސާކް ސަރަހައްދުގެ ރައްޔިތުންގެ މަޖިލިސްތަކުގެ ރައީސުން ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި ވެސް ބައިވެރިވަޑައިގެންފަ އެވެ. ލަންކާގެ ޕާލިމެންޓަށް 70 އަހަރު ފުރުން ފާހަގަކުރަން ބޭއްވި ބައްދަލުވުމުގައި އެމަނިކުފާނާ ދެކޮޅަށް ލިޔުންތަކެއް ވަނީ ބަހައިފަ އެވެ.

މަސީހުގެ ރިޔާސަތުގައި މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދާތީ އިދިކޮޅު ގިނަ ބައެއްގެ ފާޑު ކިއުންތައް އެމަނިކުފާނަށް ދަނީ އަމާޒުވަމުންނެވެ. އެގޮތުން މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާ ނުކުރާތީ މަޖިލިސް ބާއްވާ ކޮންމެ ދުވަހަކުހެން، އިދިކޮޅު މެމްބަރުން ޗެމްބަރުގައި އިހްތިޖާޖް ކުރައްވަ އެވެ.

މަޖިލިހަށް ހުށަހެޅި މަސީހުގެ އިތުބާރު ނެތް މައްސަލަ ފޭލްކޮށްލީ، ސޮއިކުރެއްވި ބައެއް މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމުންނެވެ. އެ ނިންމުމާ އެކު ސޮއި ހަމަނުވާކަމަށް މަޖިލިހުގެ ރިޔާސަތުން ކަނޑައަޅައި، އެ މައްސަލަ ބާތިލް ކުރި އެވެ.

އޭގެ ފަހުން ބޭއްވި މަޖިލިހުގެ ޖަލްސާތައް މަސީހު ކުރިއަށް ގެންދެވީ ސިފައިން ބޭނުންކުރައްވައިގެންނެވެ. އެކަމަކު އިދިކޮޅު މެމްބަރުންގެ އިހުތިޖާޖުތައް ކުރިއަށް ގެންދިޔަ އެވެ. ޖަލްސާތައް މިހާރު ބާއްވަނީ މަޖިލީހުގެ ރިއާސަތުގެ މޭޒާއި އިދާރީ މޭޒާ ކައިރި ނުވެވޭ ގޮތަށް ބޮޑު ލަކުޑި ފާރެއް ހެދުމަށް ފަހު އެވެ.