ދަންފުޅި
ދަންފުޅި

ދުވަހެއްގެ ނިމުން އައިސް އިރުއޮއްސިއްޖެއެވެ. ރީތި ކުލަތަކުން އުޑުމަތި އޮތީ ފެވިފައެވެ. އަހަރެން އިނީ ގޭގެ ފަސްވަނަބުރީގެ ހާމަފެންޑާގައެވެ. ދުއްވާ އެއްޗެއްސަށް ނުދެވިގެން ބަރުގޮނުއަޅާ އަޑު އިވެއެވެ. ޖެހެމުންދިޔަ މަޑު ރޯޅިއާއެކު، ބަންގީގެ އަޑު ވެސް ދުރުދުރުން އިވެއެވެ. ނަމާދަށްއަރަން އަހަންނަށް އެންގުމަށް ފަހު ވެސް މަންމަ އުޅުނީ ފޯނުން ސަލާމަތް ނުވެވިގެންނެވެ. ހީނހީނފައި ކޮންމެވެސް މީހަކަށް މެސެޖު ލިޔުނެވެ. އަހަންނަށް އަމުރުކޮށްފައި މަންމަ ނަމާދަށް ނާރަނީ ކީއްވެގެން ހެއްޔެވެ؟ އަހަރެން ތިރިޔަށް ފައިބައިގެން ގޮސް ކޮޓަރިއަށް ވަދެ ތަންޑުއެޅުވީމެވެ. ފޯނު ހިފައިގެން އެނދުގައި އޮށޯވެލީމެވެ. އެފްބީއަށް ވަދެލީމެވެ. ފުރަތަމަ ވެސް ފެނުނީ ނިހާއެވެ. އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. އަހަންނަށް ވުރެ އޭނަގެ ހަށިގަނޑު މާ ރީއްޗެވެ. ދަންފުޅި ބައްޓަން އޭނަ ހޯދައިފިއެވެ. ކެއުމަށް "ބަލައިގެންއުޅެން" އަހަރުމެން ނިންމީ އެކުއެކީގައެވެ. ނިހާ ކުރާ ހިތްވަރަށް ސާބަސްދޭހާ ވެއެވެ. އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވެނީ އަހަންނަށޭ އަބަދުވެސް ހިތަށްއަރައެވެ.

ފަލަވެދާނެތީ އަހަރެންގެ މަންމަ ވަރަށް ބިރުގަނެއެވެ. އަބަދު އެ ވާހަކަދައްކައެވެ. އެކަމަކު ނުކައި ހުރުމާއި، ގަވާއިދުން ކަސްރަތު ކުރުމަކީ މަންމައަށް ކުރެވޭވަރުގެ ކަމަކަށް ނުވެއެވެ. ގިނައިން ކެވިއްޖެއްޔާ މަންމަ އެ ކަމާ ރޮޔެވެ. އަދަބެއްގެ ގޮތުން ވަކި ގަޑިއިރެއް ވާންދެން ނުކައިހުރެއެވެ. ބަނޑުގައި މަސްޖެހުމަކީ މަންމަ އެންމެ ދެރަވާ ކަންތަކެވެ. ކަސްރަތުކުރާ ތަންތަނަށް މަންމަ ފައިސާ ދައްކައެވެ. ދެ ދުވަހު ހަމައަށް ވެސް އެ ތާކަށް ނުދެވެއެވެ. ބަނޑު ހިންދާ ކަމަރެއް ވެސް މަންމަ ގަތެވެ. އެ އިން އަސަރެއް ނުކުރާތީ ރުޅިއައިސްގެން އުޅުނެވެ. އެ ހުރިހައި މަންޒަރެއް އަހަންނަށް ވަނީ ފެނިފައެވެ.

ކެއުމާ އަހަރެން ދުރުވާން ފެށި ސަބަބަކީ އެއީއެވެ. ކުޅެސަކަރާތްޖަހަންވީ އުމުރުގައި ހަށިގަނޑުގެ ބައްޓަމަށް ސަމާލުކަން ދެވުނީ ވެސް އެހެންވެއެވެ. އަހަރެންގެ ސިކުނޑި އަހަންނަށް ނޭނގި މަންމަޔާ އެއްބައިވީއެވެ. އެ ވިސްނުން ގަބޫލުކުރަން ފެށީއެވެ.

އަހަރެންގެ އުމުރުން ތޭރަ އަހަރުގައި އަހަންނަށް އެނޮރެކްސިޔާ ބަލި ޖެހިއްޖެއެވެ. މީހުންނަށް އެ ކަން އެނގެން ފެށީ ސަތާރަ އަހަރު ފުރެން އުޅެނިކޮށެވެ. އެއީ ކެއުންބުއިމުގެ ތަރުތީބު ގެއްލުވައިލާ ބައްޔެކެވެ. ފަލަވެދާނެތީ އިންތިހާއަށް ބިރުގަންނަވާނެއެވެ. ބައްޓަން ހުތުރުވެދާނެތީ ހާސްކުރުވާނެއެވެ. ލޯގަނޑުން ތިމާ ފެންނައިރު ފަލަހެން ހީކުރުވާނެއެވެ. އަހަރެންގެ 'ޓަޔަރު' ދެކެ އަހަރެން ވަރަށް ފޫހިވެއެވެ. ކޮންމެ ދުވަހަކު ލޯގަނޑު ކައިރީގައި ހުރެގެން، ބަނޑުގެ އެ ސަރުބީ ފަށަލައިގައި ހިފައި ދަމައި ހަދަމެވެ. އެކަމަކު އެހެން މީހަކު އެއަކު އަޅައެއްނުގަނެއެވެ. އަހަރެން ހިތަށްއަރައެވެ. ދުވަސްކޮޅަކުން އަހަރެން ހުންނާނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ އެންމެ ރީތި ހެދުންތައް ލައިގެން ހުންނައިރު، ދަންފުޅި ބައްޓަމަށް އަހަރެންގެ ހަށިގަނޑު ނުހުންނަ ދުވަހެއް އަތުވެދާނެ ހެއްޔެވެ؟

މީސްމީޑިޔާއަކީ އަހަރެންގެ ނޭވާއެވެ. އެކި މީހުންގެ އެކައުންޓު މީހުން "ފޮލޯ" ކުރާ ވަރާއި، ރައްޓެހިންގެ އަދަދު އަހަރެން ބަރާބަރަށް ގުނަމެވެ. ހިކި ކުދިން ރީތި ވާހަކަ މީހުން ދައްކައިފައި ހުރެއެވެ. ތަރުކާރީއާއި މޭވާ ކާ މަންޒަރު އިންސްޓަގްރާމަށް ނުވަތަ އެފްބީއަށް ލުމުން މީހުންގެ "ލައިކު" ގިނަވެއެވެ. ހިކިކޮށް ހުރެގެން ނޫނީ މަޝްހޫރު މަރުކާތަކުގެ ހެދުން ހެޔޮވަރެއް ނުވާނެއެވެ. ފަލަވެދާނެތީ ބިރުގަންނަ ސަބަބަކީ އެއީއެވެ. އަހަރެންގެ ކިޔެވުމާއި، ޢާއިލާއާއި، އުފާތަކަށް ވުރެ ވެސް ބޮޑަށް އަހަރެން ވިސްނަނީ އަހަރެންގެ ބައްޓަމާ މެދުގައެވެ. ކޮންމެ ދުވަހަކު އެތައް ފަހަރަކު ބަރުދަން ބަލަމެވެ. އަހަރެންގެ ހަޔާތަށް ވުރެ އަހަންނަށް މުހިންމުވީ، އަހަރެންގެ އިންސްޓަގްރާމް ޕޭޖެވެ. އޭގައި ޖެހުމަށް ނަގާ ފޮޓޯތަކެވެ.
އަހަރެން ކިޔަވަން ބޭނުމެވެ. ކިޔަވާނެ ހިތްވަރެއް ނުހުރެއެވެ. ލިޔެކިޔުމާއި ދަސްކުރުމަކީ އަހަންނަށް ފަސޭހަކަމެއް ނޫނެވެ. ހަނދާންބެހެއްޓުމާއި ސަމާލުކަން ދިނުމަކީ ބޮޑު ގޮންޖެހުމެވެ. ބަނޑުލައިފާނެތީ އަހަރެން ފެންބޮނީ، ކަރުހިއްކައިގެން ގޮސް ދެން ކެތް ނުވާވަރު ވީމައެވެ. ކޮންމެ ދުވަހަކު އެތަކެއް ފަހަރަކު އަހަރެން އަނބުރައިގަނެއެވެ. ލޭގެ ޕްރެޝަރު އިންތިހާއަށް ދަށްވިއެވެ. ބޮލުން އިސްތަށިފޭބުން ކޮންޓުރޯލެއް ނުކުރެވުނެވެ. ހަށިގަނޑުގެ ދިފާޢީބާރު ދަށްކަމުން ފިންޏަށް ވަރަށް ބައްޔަވެ. އަހަރެންގެ ތުންފަތާއި އިނގިލިތައް ހުންނަނީ މަޑު ނޫކުލައެއްގައެވެ. މެންދުރު ވަގުތުގައި ވެސް އަހަރެންނަށް ފެންވެރެނީ ހޫނު ފެނުންނެވެ. ސިޑިން ހިނގުމާއި، ފުނާއެޅުމަކަށް ކުޅަދާނައެއް ނޫނެވެ.

އަހަރެންގެ ޒުވާންކަން ގެއްލެން ފެށިއެވެ. ފުރާވަރުގެ އެހެން ކުދިން ކުޅެއުޅޭ ކުޅިވަރުތައް ކުޅޭނެ ހަކަތައެއް ނުހުރެއެވެ. ކުޅެން ބޭނުމެވެ. ކުޅިވަރު ބަލަން ދާހިތްވެއެވެ. ފީނާމީހަކަށް ވާން ބޭނުމެވެ. ލަވަކިޔުމާއި ނެޓްބޯޅަ ކުޅުމަކީ ވެސް އަހަރެން ކުރާހިތްވާ ކަންކަމެވެ. ނަމަވެސް، ވަޔަށް ނަށާ ހުޅުކޮޅެއް ފަދައިން އަހަރެން އުންމީދު ކަނިވަމުން، ހުލިވަމުންދިޔައެވެ. އޮޔާދެމޭ ލަކުޑިގަނޑެއް ފަދައިން މިސްރާބު ގެއްލެމުން، ބޭކާރުވަމުންދިޔައެވެ. ކޮޅަށް ނުހުރެވޭ ވަރުވުމުން އަހަރެން ކާލަނީ ތަރުކާރީކޮޅެކެވެ. ކަޕްނޫޑްލްސް ނުވަތަ އޯޓްމީލްކޮޅެކެވެ. އެ އިން ކޮންމެ އެއްޗެއްގައި ހުންނަނީ ކިހާ ކެލޮރީއެއްކަން ވެސް ފަހުން ބަލަމެވެ. ހިސާބުހަދަމެވެ. މޭވާ ކާކަށް ނުކެރެއެވެ. ފަލަވެދާނެކަމަށް ބިރުންނެވެ. އަހަރެންގެ "ބަލި" އަހަރެން ނޮޅައިކާކަމެއް އަހަންނަކަށް ނޭނގެއެވެ. އަހަރެން ނެގިމަޑުވެފައި ހުންނަނީ ކިހިނެއްވެގެންކަމެއް، ރުޅިގަދަވާ ސަބަބަކީ ކޮބައިކަމެއް ނޭނގެއެވެ. އަހަރެންގެ ހައިހޫނުކަމަކީ މައްސަލައެއްކަމެއް ނުވެސް ދެނެހުރީމެވެ.

އަހަރެން ބަލިވާން ފެށިއެވެ. ކާނާ މަދުވާކަން ޑޮކްޓަރު ބުނުމުން، އަހަންނަށް ކާންދޭން މައިންބަފައިން މަސައްކަތް ކުރިއެވެ. ކަންކަން ކޮށްދޭން އަހަރެން އެދުމުން ކެއުން ޝަރުތުކުރިއެވެ. ރީތި ހެދުމެއް ގަނެދޭން ބުނީމައި، ހަފުތާއެއް ވާންދެން ގަޑިންގަޑިއަށް ކެއުމަށް އެދެއެވެ. މަންމަގެ ކުރިމަތީގައި އަހަރެން ކައި ނިންމަންޖެހެއެވެ. ހުސްތަށި ދައްކަންޖެހެއެވެ. އަހަންނަށް އެންމެ މީރީ ފޮނި އެއްޗިއްސާއި ކުކުޅުބިހުން ހަދައިފައި ހުންނަ އެއްޗެއްސެވެ. ހެދިކާއާއި، ގެރިމަހާއި، ޗީޒެވެ. އޭގެ ވަސްޖެހުމުން އަހަރެން ދަހިވެއެވެ. ބައެއް ފަހަރު ކެތްކޮށްލައިގެން ނުކައި ހުންނަމެވެ. ފަހަރެއްގައި އެ އިން އެތިކޮޅެއް ކެވުނަސް، ފާޚާނާއަށް ވަދެ، ގަދަކަމުން އަހަރެން ހޮޑުލަމެވެ.
އަހަރެން ނުކާކަން މައިންބަފައިންނަށް އެނގެއެވެ. ފުރަތަމަކޮޅު އެ މީހުން މާ ބޮޑު ސަމާލުކަމެއް ނުދެއެވެ. ކާށޭ ބުނެއެވެ. ނުކެޔަސް މައްސަލައަކަށް ނަހަދައެވެ. ހިތި ޙަޤީޤަތަކީ، އަހަރެން ހިކިކޮށް ހުންނަން އެ މީހުން ވެސް ބޭނުންވި ކަމެވެ. މަންމަގެ ބިރަކީ އަހަރެން ފަލަވެދާނެތީއެވެ. އެ މާނަ ދޭހަވާ ގޮތަށް މަންމަ ވާހަކަދައްކާ އަޑު އަހަރެން އަހަމެވެ. އެއްދުވަހަކު އަހަރެން އަނބުރައިގަތް ގޮތަށް ހެޔެއް ނޭރިއެވެ.

އަހަރެން ހޮސްޕިޓަލުގައި އެޑުމިޓު ކުރިއިރު އަހަރެންގެ ބަރުދަނުގައި ސާޅީސް ކިލޯ ހަމައެއް ނުވެއެވެ. ޑޮކްޓަރުން ބުނި ގޮތުގައި، ހިތް ހުއްޓިގެން ކޮންމެ ވަގުތަކު ވެސް އަހަރެން މަރުވެދާނެއެވެ. އަހަންނަށް ވެސް އެ ކަން އިހުސާސް ކުރެވެއެވެ. ގުނަވަންތައް ބަރާބަރަށް މަސައްކަތްކުރަން ބޭނުންވާ ހަކަތައެއް އަހަރެންގެ ނެތެވެ. އަހަންނަކީ އިންސާނެއް ނޫނެވެ. އިންސާނެއްގެ ކަންކާލެވެ. ހަންގަނޑު ހުރީ ކަށިގަނޑުގައި ތަތްލައިފައެވެ. އަހަރެން ރަނގަޅަށް ކައިގެން ނޫނީ އަހަރެންގެ އަށާރަވަނަ އުފަންދުވަސް ދެކެން ދުނިޔޭގައި ހުންނާނެކަމާ މެދު ޑޮކްޓަރުންނަށް ޝައްކެވެ. އަހަރެން އެ ކަމާ ކަންބޮޑެއް ނުވެއެވެ.

ދުވަހެއްގެ މެންދުރުގެ ވަގުތެވެ. ކުއްލިއަކަށް އަހަންނަށް ލިބުނު ޚަބަރެއްގެ ސަބަބުން އަހަރެންގެ ހިތް ހުއްޓުނު ކަހަލައެވެ. ނިހާ ނިދިން ނުހޭލީއެވެ. އޭނަ ނިދިކަމަށްވަނީ ވަރަށް ސަކަރާތްޖަހައިފައެވެ. ގޮވައިގޮވައި ނުހޭލައިގެން ބެލިއިރު ނިހާ އޮތީ މަރުވެފައެވެ. ދެމަފިރިއެއްގެ ހުރި އެންމެ ދަރިއެކެވެ. ކުއްލިއަކަށް ލޯމަތިން ގެއްލުނީއެވެ. ގޭގެ އެންމެން ރުޔެވެ. އެކަމަކު، އެ ކަރުނައިން ނިހާގެ ހިތަށް އެންމެ ވިންދެއް ވެސް ގަނެއެއް ނުދެވުނެވެ. ހިތަށްއެރިއެވެ. އަހަރެން އަދިވެސް ހިޔަންޏަށް މުޑިނަގަންވީ ހެއްޔެވެ؟ ދިރިހުންނަންވީ ހެއްޔެވެ؟ ނުވަތަ މަރުވާންވީ ހެއްޔެވެ؟ އަހަރެންގެ ލޯ ހުޅުވައިދިން ހާދިސާއަކީ އެއީއެވެ.

ބަލިން ސަލާމަތްވުމުގެ ދިގު ދަތުރު އަހަރެން ފެށީމެވެ. އުނދަގޫ، އެހާމެ ހިތްދަތި ދަތުރެކެވެ. ކާނާއަށް ހުރަސްއަޅަން އަހަރެންގެ ހަށިގަނޑު ހުރީ އާދަވެފައެވެ. ގޮހޮރުގައި ޖާގައެއް ނެތެވެ. ފަލަ ހަށިގަނޑެއްގެ ވެރިޔަކަށް އަހަރެން ވެފައިވާތަން ހުވަފެނުން ފެނިގެން ހޭލެވެއެވެ. ގިނައިން ކާކަށް ސިކުނޑި ގަބޫލެއް ނުވެއެވެ. ހިތަށްއަރައެވެ. އަހަރެން ފަލަވެދާނެއެވެ. ތަށިބަރިއެއްހެން ހީވެދާނެއެވެ. އެފްބީއަށް ފޮޓޯއެއް ލާތަނާ މީހަކު މަލާމާތްކޮށްފާނެއެވެ. އެ އުނދަގޫ އަހަރެން ބިރުގަންނަވައެވެ. އަހަރެންގެ ހަށިގަނޑު ފަލަ ނޫނަސް ސިކުނޑި އަހަންނަށް ދައްކަނީ ވަރަށް ފަލަވެއްޖެ ކަމަށެވެ. ޖިސްމާނީގޮތުން އަހަރެން ހުންނަންޖެހޭ ބަރުދަނަށް އެނބުރިއަންނައިރު ނަފުސާނީގޮތުން އަހަރެން ހުރީ ވަރަށް ބަލިކަށިވެފައެވެ. އަމިއްލަ ނަފުސަށް އޮންނަޖެހޭ އިތުބާރު ވަރަށް ކުޑައެވެ.

ހޮސްޕިޓަލުގައި އަހަރެން ހޭދަކުރި ދުވަސްތަކުގައި، އަހަރެންގެ މާޒީއާ ބެހޭގޮތުން ވަރަށް ފުންކޮށް ވިސްނީމެވެ. އަމިއްލަ ހަށިގަނޑަށް އަހަރެން ދިން އަނިޔާތަކަށް ޓަކައި ހިތާމަކުރީމެވެ. މާޒީ ބަދަލުކުރުމަކީ އަހަންނަށް ކުރެވޭނެކަމެއް ނޫނެވެ. އެކަމަކު، އެ ދުވަސް ދެނެއް ތަކުރާރެއް ނުވާނެއެވެ. އަހަރެންގެ ބަރުދަން އިތުރުވީ ވަރަށް މަޑުމަޑުންނެވެ. ފަލަވެދާނެތީ ގަންނަ ބިރު ކެނޑެމުންދިޔައީ ވެސް އެހާމެ މަޑުމަޑުންނެވެ. ޢާއިލާއާއި ރައްޓެހިންނަށް އިތުބާރުކުރަން އަހަރެން ދަސްކުރީމެވެ. އަހަރެންގެ ސޫރަ ކިތަންމެ ފަލަކޮށް އަހަންނަށް ލޯގަނޑުން ފެނުނަސް، ހެޔޮއެދޭ މީހުންގެ ބަސް އަހަރެން ގަބޫލުކުރީމެވެ.

އަހަރެން ވަރަށް ހިތްކެވެ. އަހަރެންގެ ސިކުނޑީގެ ބޮޑުބައި އަދިވެސް ހައްޔަރުވެފައިވަނީ އަހަރެންގެ ބަލީގެ ވަކިތަކުގެ ދަށުގައެވެ. އެ ވަކިތައް ހުޅުވައި، އަހަރެންގެ ސިކުނޑި މިނިވަން ކުރެވޭނެ ދުވަހެއް ނޭނގެއެވެ. މީސްމީޑިޔާއަކާ އަހަރެން ދުރަކަށް ނުދަމެވެ. އަހަރެންގެ އެފްބީއާއި އިންސްޓަގްރާމް އެކައުންޓު ފުހެއެއްނުލަމެވެ. ގަބޫލުކުރަންވީ ކޯޗެއްކަމާއި ނުކުރަންވީ ކޯޗެއްކަން ވަކިކުރަން ދަސްކުރީއެވެ.

ބަނޑަށްޖެހުމަކީ ހަށިގަނޑު ރީތިވާ ކަމެއް ނޫނެވެ. އުފަލެއް ލިބޭ ކަމެއް ވެސް ނޫނެވެ. ދެތިން މީހެއްގެ ތަޢުރީފަށް ވުރެ ފަހުން ލިބޭ ވޭން މާ ބޮޑެވެ. ހަށިގަނޑަށް އަނިޔާކުރުމަކީ ނަތީޖާ ހިތިވާ ކަމެކެވެ. ހޮސްޕިޓަލުގެ ބަލި އެނދުގައި އަހަރެން އޮތްއިރު، ފޮޓޯއަށް "ލައިކު" ދިން މީހުންނެއް ނާދެއެވެ. ގާތުގައި ތިބެނީ ޢާއިލާގެ މީހުންނެވެ. އެކުވެރިންނެވެ. އަހަރެންދެކެ އެންމެ ލޯބިވާ މީހުންނަކީ އެއީއެވެ. އަހަރެން ނެތް ދުވަހަކުން ހިތާމަކުރާނެ ބަޔަކީ ވެސް އެއީއެވެ. އެ ކަން ދެން އަހަރެން ހަނދާންހުންނާނެއެވެ.

ނިމުނީ