14 އޮކްޓޯބަރ 2017 - 22:43

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދެކަނބަލުން ބޭސްފަރުވާއަކަށް މެލޭޝިއާއަށް މިރޭ ފުރާވަޑައިގެންފި އެވެ.
ސަރުކާރާ ދެކޮޅަށް ހިންގާ ހަރަކާތްތަކުގައި އެންމެ އިސް އެއް ލީޑަރުގެ ގޮތުގައި މިހާރު ހުންނެވި މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަނބިކަނބަލުން ނަސްރީނާ އިބްރާހިމާ އެކު ކުރު ދަތުރުފުޅެއްގައި މެލޭޝިއާއަށް ދަތުރުކުރައްވާ ކަމަށެވެ.
ދަތުރުފުޅާ ބެހޭ ތަފްސީލެއް މައުމޫން ނުދެއްވަ އެވެ.
އެކަމަކު މައުމޫންގެ ގާތް ބޭފުޅަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި އެމަނިކުފާނު މެލޭޝިއާއަށް ވަޑައިގެންނެވީ ބޭސްފަރުވާއަކަށެވެ. އެ ގައުމުގައި އެމަނިކުފާނު ހަފްތާއެއްހާ ދުވަހު މަޑުކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މައުމޫންގެ ދެކަނބަލުން ބޭރަށް މި ވަޑައިގަތީ ދަރިކަލުން ފާރިސް މައުމޫން ދެ މަހަށް ވުރެ ގިނަ ދުވަހު ޖަލުގައި ބެހެއްޓުމަށް ފަހު ގެއަށް ބަދަލުކުރި ފަހުންނެވެ.