14 އޮކްޓޯބަރ 2017 - 21:36

ލިވަޕޫލް (އޮކްޓޯބަރު 14) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު، ލީގުގެ ފުލުގައި އޮތް ކްރިސްޓަލް ޕެލަސް އަތުން 2-1 އިން އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ އިން ބަލިވެއްޖެ އެވެ.
މިރޭގެ މެޗުތަކަށް ފަހު މެންޗެސްޓާ ސިޓީ ވަނީ ލީގުގެ އެއް ވަަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. މިރޭ ސްޓޯކް ސިޓީ އަތުން 7-2 އިން ހޯދި މޮޅާ އެކު ސިޓީ އެއް ވަނައިގައި އޮތީ އަށް މެޗުން 22 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ޔުނައިޓެޑް އޮތީ އަށް މެޗުން 20 ޕޮއިންޓް ހޯދައިގެންނެވެ.
ލިވަޕޫލާ ދެކޮޅަށް މިރޭ ވެސް ޔުނައިޓެޑުން ދެއްކީ ވަަރަށް ޑިފެންސިވް ކުޅުމެކެވެ. މެޗުގެ ފުރަތަމަ ހާފްގައި ޔުނައިޓެޑްގެ ރޮމެލޫ ލުކާކޫ އަށް ލަނޑު ޖަހަން ލިބުނު ފުރުސަތު އޭނާ އަތުން ބޭކާރުވީ އެވެ. ލިވަޕޫލަށް ލީޑުނަގައިދޭން ޖޮއެލް މަޓިޕް ފޮނުވާލި ބޯޅަ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ ވަނީ މަތަކޮށްފަ އެވެ. އަދި މުހައްމަދު ސަލާހު ފޮނުވާލި ބޯޅަ ގޯލާ ސީދާވާގޮތެއްނުވި އެވެ.
ޔުނައިޓެޑާއި ލިވަޕޫލް އެންމެ ފަހުން ލީގުގައި ކުޅުނު ތިން މެޗު ވެސް ވަނީ އެއްވަރުވެފަ އެވެ. މި މެޗަށް ފަހު ލިވަޕޫޅްގެ ކޯޗު ޔާގެން ކްލޮޕް ވަނީ ޔުނައިޓެޑުން ދެއްކި ކުޅުމަށް ފާޑުކިޔައިފަ އެވެ.
މިރޭގެ މެޗަށް ނުކުތުމުގެ ކުރިން ކްރިސްޓަލް ޕެލަސް ކުޅުނު ހަތް މެޗުން ވެސް ވަނީ ބަލިވެފަ އެވެ. މި މެޗުން ހޯދި މޮޅާ އެކު ޕެލަސްގެ ކޯޗުކަމާ ހަވާލުވެ އިންގްލެންޑްގެ ކުރީގެ ކޯޗު ރޯއީ ހޮޖްސަން އަށް ވަނީ ފުރަތަމަ މޮޅު ލިބިފަ އެވެ.
ޕެލަސް އިން ޖެހި ފުރަތަމަ ލަނޑަކީ ޗެލްސީގެ ސެސާ އަޒްޕިލިކުއެޓާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ޗެލްސީ އަށް ޓިއެމް ބަކަޔޯކޯ އެއްވަރުކޮށްދީފައިވަނިކޮށް ކްރިސްޓަލް ޕެލަސް މޮޅުކޮށްދިނީ އަނިޔާއަށް ފަހު ދާދި ފަހުން އެ ޓީމާ ގުޅުނު ވިލްފްރިއެޑް ޒަހާ އެވެ.
ސްޓޯކް ކޮޅަށް ސިޓީގެ ލަނޑުތައް ކާމިޔާބުކުރީ ގަބްރިއެލް ޖީސޫސް ދެ ލަނޑާއި ރަހީމް ސްޓާލިން، ޑޭވިޑް ސިލްވާ، ފެނާންޑީނިއޯ، ލެރޯއީ ސާނޭ އަދި ބެނާޑޯ ސިލްވާ ކޮންމެ ކުޅުންތެރިއަކު ލަނޑެކެވެ. ސްޓޯކުން ޖެހި ދެ ލަނޑުގެ ތެރެއިން އެއް ލަނޑަކީ ސިޓީގެ ކައިލް ވޯކާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަނެއް ލަނޑު ޖެހީ ބިރަމް ދިއުފް އެވެ.
ޓޮޓެންހަމް އިން އަމިއްލަ ދަނޑުގައި ބޯންމައުތު 1-0 އިން ބަލިކުރިއިރު، އެ ޓީމުގެ ލަނޑު ޖަހައިދިނީ ޑެންމާކްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން އެވެ. ޓޮޓެންހަމް ވަނީ މި މޮޅާ އެކު ލީގުގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ.