14 އޮކްޓޯބަރ 2017 - 16:09

ޓޮރޮންޓޯ (އޮކްޓޯބަރު 14) - ތާލިބާނުން ރަހީނުކޮށްގެން ގެންގުޅުނު ފަސް އަހަރު ދުވަހު ތެރޭ ވަނީ އަންހެން ދަރިފުޅު މަރާލާ އަދި އަންހެނުން ރޭޕްކޮށްފައި ކަމަށް ސަލާމަތްވި ކެނެޑާގެ ރަހީނު ޖޮޝުއާ ބޯއިލް ބުނެފި އެވެ.
ބޯއިލް އާއި އޭނާގެ އަންހެނުން ކައިޓްލާން ކޯލްމޭން ތާލިބާނުން ރަހީން ކުރީ 2012 ވަނަ އަހަރު އަފްޣާނިސްތާނުގައި އުޅެނިކޮށް ކަމަށްވެ އެވެ. އޭރު ކޯލްމޭން ބަނޑުބޮޑެވެ. އެ މީހުން ސަލާމަތްކުރީ މިދިޔަ ބުދަ ދުވަހު އެވެ. ކޯލްމޭންގެ ބައްޕަ ބުނީ ނުރައްކާތެރި ގައުމަކަށް އެ މީހުން ދާން ޖެހުނު ސަބަބެއް ނޭނގޭ ކަމަށެވެ.
ކެނެޑާގެ ޓޮރޮންޓޯ އެއާޕޯޓަށް ފޭބުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ބޯއިލް ބުނީ އެ މީހުން ރަހީން ކުރީ ތާލިބާނުންގެ ބާރުގެ ދަށުގައި އޮތް އަވަށެއްގައި އެހީ ދިނުމުގެ މަސައްކަތުގައި އުޅެނިކޮށް ކަމަށެވެ. އޭރު ކޯލްމޭން އިނީ އެ މީހުންގެ ފުރަތަމަ ދަރިފުޅަށް ބަލިވެ އެވެ.
ތާލިބާނުންގެ ބަންދުގައި ތިބި އިރު އެ ދެމަފިރިންނަށް ވަނީ އިތުރު ކުދިން ލިބިފަ އެވެ. ކެނެޑާ އަށް ދިޔައީ ތިން ދަރިންނާ އެކު އެވެ. ބޯއިލްގެ ވާހަކަ އިން އެނގުނު ގޮތުގައި އެ މީހުންނަށް ލިބުނު އަންހެން ދަރިއަކު ތާލިބާނުން ވަނީ މަރާލައިފަ އެވެ. އަދި ތާލިބާނުންގެ ހައްގާނީ ނެޓްވޯކުގެ މެންބަރުން އޭނާގެ އަންހެނުން ރޭޕްކުރި ކަމަށް ބޯއިލް ބުންޏެވެ. އަދި އެއީ ނެޓްވޯކުން އެދުނު ކަންކަމަށް ތަކުރާރުކޮށް ދެކޮޅު ހެދުމުން ބަދަލުހިފަން ކުރި ކަމެއް ކަމަށް ވެސް ބޯއިލް ބުންޏެވެ.
ބޯއިލްގެ އާއިލާ ސަލާމަތްކުރީ އަފްޣާނިސްތާން ބޯޑަރު ކައިރީ ޕާކިސްތާން ސިފައިން ހިންގި އޮޕަރޭޝަނެއްގަ އެވެ. ބޯއިލް ބުނީ އެ މީހުންނަށް ދިމާވި ބިރުވެރިކަން ހަނދާން ނައްތާލުމަށް ފަހު ދެން ބޭނުން ވަނީ ތިން ކުދިންނާ އެކު ރައްކާތެރި ދިރިއުޅުމެއް އުޅެން ކަމަށެވެ.