14 އޮކްޓޯބަރ 2017 - 14:06

ރާއްޖެ އާއި ޗައިނާއާ ދެމެދު ވިޔަފާރިއާ އިގުތިސާދީ ދާއިރާއިން ގުޅުން އިތުރަށް ވަރުގަދަވެ ހަރުދަނާވެފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ-ޗައިނާގެ ސިޔާސީ ގުޅުމަށް 45 އަހަރު ފުރުމާ ގުޅިގެން ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ރައީސް ވަނީ ކުރިއަށް އޮތް ތަނުގައި ވެސް ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. މީގެ އިތުރުން ރާއްޖޭގައި ކުރިއަށް ގެންދަމުން އަންނަ އިޖުތިމާއީ އަދި އިގުތިސާދީ މަސައްކަތްތަކަށް ޗައިނާއިން ދެމުން އަންނަ އެހީތެރިކަމަށް ވެސް ރައީސް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
ޗައިނާ އާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރީ 1972 ވަނަ އަހަރުގެ އޮކްޓޯބަރު 14 ވަނަ ދުވަހެވެ. ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން ފަހުން ޗައިނާ ވެފައިވަނީ ރާއްޖޭގެ އެންމެ އެކުވެރި އެއް ގައުމަށެވެ.
ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށް ވާ މާލޭ-ހުޅުލޭ ބްރިޖުގެ މަޝްރޫގެ އިތުރުން ވެސް ބޮޑެތި އެހެން ބައެއް މަޝްރޫއުތަކަށް ވެސް ޗައިނާ ސަރުކާރުން ވަނީ އެހީތައް ދީފަ އެވެ.