15 އޮކްޓޯބަރ 2017 - 06:11

ފިލްމީ ބަތަލާ ތައްބޫ އަށް މިހާރު 45 އަހަރު ވެއްޖެ އެވެ. ނަމަވެސް އޭނާ ފެންނަނީ އުމުރަށް ވުރެ މާ ޒުވާންކޮށެވެ.

ތައްބޫ މުހިއްމު ރޯލެއް ކުޅުނު "ގޯލްމާލް ރިޓާންސް" ރިލީޒްކުރުމަށް ތައްޔާރު ވަމުން އަންނައިރު އޭނާ ވަނީ ޒުވާންކަމުގެ ވާހަކަ ދައްކަައިފަ އެވެ.

މި ފިލްމުގައި އޭނާއާއެކު އަޖޭ ދޭވްގަން، އަރްޝާދު ވާރްސީ، ޕަރިނިތީ ޗޯޕްރާ، ތުޝާރު ކަޕޫރު ފަދަ ތަރިން ބައިވެރިވެ އެވެ. ފިލްމު ޕްރޮމޯޓްކުރުމުގެ ގޮތުން މި ޓީމުން ވަނީ ސްޓާ ޕްލަސްގައި އަކްޝޭ ކުމާރު ހޯސްޓްކުރާ "ދަ ގްރޭޓް އިންޑިއަން ލާފްޓާ ޗެލެންޖް"ގެ އެޕިސޯޑެއްގައި ބައިވެރިވެފަ އެވެ.

މި ޝޯގައި އަކްޝޭ ވަނީ މިހާ ގިނަ ދުވަސް ވަންދެން ޒުވާންކަމަށް ބަދަލެއް ނައިސް ހުރީ ކީއްވެތޯ ތައްބޫއާ ސުވާލުކޮށްފަ އެވެ.
ޖަވާބުގައި ތައްބޫ ބުނީ އޭނާގެ ޒުވާން ކަމުގެ ސިއްރަކީ ކައިވެންޏެއް ނުކޮށް ހުރުން ކަމަށެވެ. ނަމަވެސް ކައިވެންޏެއް ނުކޮށް ހުރި ސަބަބެއް އޭނާ ހާމައެއް ނުކުރެ އެވެ.
ތައްބޫގެ އަސްލު ނަމަކީ ތަބައްސުމް ފާތިމާ ހާޝިމީ އެވެ. އޭނާގެ ފުރަތަމަ ފިލްމަކީ 1985 ގައި ނުކުތް "ހަމް ނޯޖަވާން" އެވެ. އޭގެ ފަހުން ތަމަޅަ، މެލެޔާލަމް، ތެލުގޫ އަދި ހިންދީ ގިނަ ފިލްމުތަކެއް ތައްބޫ ކުޅުނެވެ.
ފިލްމު ކުޅެން ފެށި ފަހުން ތައްބޫ ފުރަތަމަ ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ސަންޖޭ ކަޕޫރާ އެވެ. "ޕްރޭމް" ކުޅުނު ދުވަސްވަރު މި ދެ ތަރިން ރައްޓެހިވެގެން އުޅުނުކަމަށް ސަންޖޭ ވެސް އެއްބަސް ވެފައިވެ އެވެ. ނަމަވެސް ފިލްމު ނިމުނުއިރު ދެ މީހުންގެ ގުޅުން ވެސް އޮތީ ގޯސްވެފަ އެވެ. އަދި މިހާތަނާ ޖެހެންދެން ވެސް ދެ މީހުން އެކަކު އަނެކަކާ ވާހަކަ ވެސް ނުދައްކާ ކަމަށްވެ އެވެ.
ސަންޖޭ އަށް ފަހު ތައްބޫގެ ހަޔާތަށް އައީ ޕްރޮޑިއުސަރު ސާޖިދު ނަދިއަދްވާލާ އެވެ. ސާޖިދު އަކީ ވަރަށް ޅަ އުމުރުގައި މަރުވެފައިވާ ފިލްމީ ބަތަލާ ދިވްޔާ ބާރަތީގެ ފިރިމީހާ އެވެ. ތައްބޫ އާއި ސާޖިދު 1990 ގެ އަހަރުތަކުގެ ތެރޭގައި ބައްދަލުވިއިރު ސާޖިދު އުޅެނީ އަނބިމީހާ މަރުވުމުގެ ހިތާމައިގަ އެވެ.
ތައްބޫ އަކީ ދިވްޔާގެ ވަރަށް ގާތް އެކުވެރިއެކެވެ. އެހެންވެ ސާޖިދު އާއި ތައްބޫގެ ގުޅުން އެމީހުން އުޅެނީ ވަރަށް ސިއްރު ކޮށްގެންނެވެ. ނަމަވެސް އެ ދުވަސްވަރު ތައްބޫ ދިން ރޭޑިއޯ އިންޓަވިއުއެއްގައި އޭނާއަށް އޮޅުމަކުން ސާޖިދު އާއި އޭނާގެ ލޯބީގެ ގުޅުމުގެ ވާހަކަ ބުނެވުނެވެ.
ސާޖިދު އާއި ތައްބޫ ވަކިވާން މެދުވެރިވި ސައުތު އިންޑިއާގެ މަޝްހޫރު އެކްޓަރު ނާގްއަރުޖުނާ އާއި ތައްބޫގެ ގުޅުން މާ ބޮޑަށް ބަދަހިވުމުގެ ސަބަބުންނެވެ. އޭރުވެސް ނާގްއަރުޖުނާ އުޅެނީ އަމާލާ އާ ކައިވެނި ކޮށްގެންނެވެ. އެެހެންކަމުން މި ގުޅުމަކީ ތައްބޫ އަށް އެންމެ ފުން އަސަރުތަކެއް ކުރި ގުޅުމަށް ވެގެން ދިޔަ އެވެ. ސަބަބަކީ އަމާލާ އަކީ ވެސް ތައްބޫގެ އެކުވެރިއަކަށް ވެފައި ފިރިމީހާ އާއި އެކުވެރިޔާގެ ގުޅުމަށް އަމާލާ ވަރަށް ބޮޑަށް ދެކޮޅު ހަދަމުން ދިއުމެވެ.
ނަމަވެސް ނާގްއަރްޖުނާ އާއި ތައްބޫގެ ސިއްރު ލޯބި 10 ވަރަކަށް އަހަރަށް ދެމިގެން ދިޔަ އެވެ. އެންމެ ފަހުން ނާގްއަރްޖުނާ އާއި ތައްބޫ ވަކިވާން ނިންމީ އޭނާ ކައިވެނި ނުކުރާނެކަން ތައްބޫ އަށް މުޅިން ޔަގީންވީ ހިސާބުންނެވެ.
ތައްބޫ އާއި އަޖޭ ދޭވްގަންގެ ސިއްރު ލޯބީގެ ވާހަކަ ތަކެއް ވެސް މި ދޭތެރެއަކުން ދެކެވުނެވެ. ނަމަވެސް މި ވާހަކަ މާ ބޮޑަށް ވައިގައި ހިފާގޮތެއް ނުވި އެވެ. ތައްބޫ އާއި އަޖޭ ވެސް ބުނެފައިވަނީ އެއީ ވަރަށް ގާތް ދެ އެކުވެރިން ކަމަށެވެ.
ތައްބޫ ބުނާ ގޮތުގައި އޭނާ އަދިވެސް ރަނގަޅު ބައިވެރިއަކު ލިބޭތޯ މަސައްކަތް ކުރަނީ އެވެ. ކައިވެންޏެއް ނުކުރެވިގެން އުޅެނީ ކަމުދާ މީހަކު ނުލިބިގެން ކަމަށް ބުންޏެވެ.