ސޯނަމް އާއި ބައްޕަ އަނިލް ކަޕޫރު އެކުގައި ފިލްމެއް ކުޅެނީ
ސޯނަމް އާއި ބައްޕަ އަނިލް ކަޕޫރު އެކުގައި ފިލްމެއް ކުޅެނީ

ވިދޫ ވިނޯދް ޗޯޕްރާގެ "އޭކް ލަޅްކީ ކޮ ދޭކާ ތޮ އޭސާ ލަގާ" ގައި ފިލްމީ ބަތަލާ ސޯނަމް ކަޕޫރާއި އޭނާގެ ބައްޕަ އަދި މަޝްހޫރު ފިލްމު އެކްޓަރު އަނިލް ކަޕޫރު ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެ އެވެ. މިއީ މި ދެ ބަފައިން އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ.

ވިނޯދް ޗޯޕްރާ 1994 ގައި އުފެއްދި "1942 - އަ ލަވް ސްޓޯރީ"ގައި އަނިލް ވަނީ ބަތަލުގެ ބައި ކުޅެފަ އެވެ. މި ފިލްމުގައި މަނީޝާ ކޮއިރާލާ އާއި ޖެކީ ޝްރޮފް ވެސް މުހިއްމު ރޯލުތަކެއް ކުޅެފައިވެ އެވެ. އަދި އޭގެ ފަހުން އަނިލް އާއި މާދުރީ ޑިކްޝިޓް އެކުގައި ކުޅުނު "ޕަރިންދާ" އަކީ ވެސް ވިނޯދް ޑައިރެކްޓްކުރި ފިލްމެކެވެ.

މިފަހަރުގެ ފިލްމަށް ނަން ދީފައި މިވަނީ ވެސް "1942 - އަ ލަވް ސްޓޯރީ"ގެ އެންމެ ރީތި އެއް ލަވައިގެ މައިގަނޑުގެ ނަމުންނެވެ.

ވިނޯދް ޗޯޕްރާ އިންޑިޔާގެ ނޫހަކަށް ބުނެފައިވާ ގޮތުގައި އަނިލް އާއި ސޯނަމްއާ ދެ ބަފައިން މިފަހަރު އޭނާ އުފައްދާ ފިލްމުގައި ބައިވެރިވާން އެއްބަސްވީ ކަމީ ވަރަށް ހިތްހަމަޖެހުނު ކަމެކެވެ.

ވިނޯދް ޗޯޕްރާ މިހާރު ގެންދަނީ އޭނާ ޕްރޮޑިއުސްކުރި ސަންޖޭ ދަތު ބައޮޕިކް ރިލީޒްކުރުމަށް ތައްޔާރު ވަމުންނެވެ. ރާޖްކުމާރު ހިރާނީ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ބަތަލަކީ ރަންބީރު ކަޕޫރެވެ.

އޭނާ ބުނި ގޮތުގައި ފިލްމުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ގޮތާ މެދު އޭނާ ވަރަށް ހިތްހަމަޖެހެ އެވެ. އަދި ރަންބީރު ވަރަށް މޮޅަށް މި ފިލްމުގައި އެކްޓްކޮށްފައިވާ ކަމަށް ވެސް ވިނޯދް ބުންޏެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި "އޭކް ލަޅްކީ ކޮ ދޭކާ ތޮ އޭސާ ލަގާ" ޑައިރެކްޓްކުރަން ހަމަޖެހިފައިވަނީ ވިނޯދްގެ ކޮއްކޮ ޝެލީ ޗޯޕްރާ އެވެ.