ޕަދްމާވަތީގެ ގަހަނާ ތައްޔާރުކުރީ 400 ކިލޯގެ ރަން ވިރުވައިގެން، 200 މީހުންް 600 ދުވަހުން
ޕަދްމާވަތީގެ ގަހަނާ ތައްޔާރުކުރީ 400 ކިލޯގެ ރަން ވިރުވައިގެން، 200 މީހުންް 600 ދުވަހުން

ސަންޖޭ ލީލާ ބާންސާލީގެ "ޕަދްމާވަތީ"ގެ ފުރަތަމަ ޓްރެއިލާ ފެނުމުން އެންމެ ބޮޑަށް ފާހަގަވީ ފިލްމުގެ އަޖައިބެއް ފަދަ ބޮޑެތި ސެޓްތަކާއި އެ ސެޓްތަކުގައި ބޭނުންކޮށްފައިވާ ތަކެތި އަދި ލައިޓިން އާއި ޝާހީ ކަމެވެ.

ފުރަތަމަ ޓްރެއިލާގައި ފިލްމުގެ ތަރިން ކަމަށްވާ ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް އަދި ޝާހިދު ކަޕޫރުގެ ކެރެކްޓާތަކުގެ ޝާހީކަން ހަމަ ކޮންމެ ފްރޭމަކުން ވެސް ވަނީ ފެނިފަ އެވެ.

މި ޓްރެއިލާ ފެނުނު މީހުން ބުނީ ބާންސާލީ ކަހަލަ ފަންނުވެރިއަކަށް ނޫނީ މިފަދަ ފިލްމެއް އުފެއްދުމުގެ ކުޅަދާނަކަމެއް ނުލިބޭނެކަމަށެވެ.

ހަގީގަތުގައި ވެސް ބާންސާލީ އަކީ ފިލްމުގެ ކޮންމެ މަންޒަރެއް ވެސް އެންމެ ފުރިހަމައަށް ނޫނީ ނަގަން ބޭނުންވާ ޑައިރެކްޓަރެއް ނޫނެވެ. އަދި ފިލްމަކީ ތާރީޚީ ފިލްމަކަށް ވާތީ ފިލްމުގެ ކޮންމެ ކެރެކްޓާއެއް ވެސް އެ ޒަމާނުގައި ހަގީގަތުގައި ވެސް ޝާހީ ޚާންދާނުގެ މީހުން ހެދުމާއި ގަހަނާ އަޅާ އުޅުނު ގޮތަށް ވީހާވެސް އެއްގޮތްކޮށް ބަހައްޓަން ބާންސާލީ ބޭނުންވި އެވެ.

އެގޮތުން ފިލްމުގައި އެކިއެކި ކެރެކްޓާ ބޭނުންކުރި ގަހަނާތައް ތައްޔާރުކުރުމަށްވެސް ބާންސާލީ ވަނީ ވަރަށް ބޮޑު ޚަރަދެއް ކޮށްފަ އެވެ. ސަބަބަކީ މިއީ 13 ވަނަ ގަރުނުގެ ހާދިސާތަކެއް ދައްކުވައިދޭ ފިލްމަކަށް ވާތީ އެ ޒަމާނުގައި ޝާހީ ބޭފުޅުން ބޭނުން ކުރެއްވި ގަހަނާ ތަކަކީ މިޒަމާނުގައި ބޭނުންކުރާ ގަހަނާ ތަކާ ވަރަށް ތަފާތު އެއްޗިއްސަށް ވާނެތީ އެވެ.

ރަނާއި އަލިމަހުގެ ބްރޭންޑެއް ކަމަށްވާ "ތަނިޝްކް" އާ ގުޅިގެން ބާންސާލީ ވަނީ "ޕަދްމާވަތީ"ގެ ކެރެކްޓާތައް ބޭނުންކުރަން ގަހަނާ ވެސް ތައްޔާރުކޮށްފަ އެވެ. ފިލްމުގެ ޝޫޓިން ފެށުމުގެ މާކުރިއްސުރެ ގަހަނާ ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފަ އެވެ.

މި ފިލްމުގެ ގަހަނާ ތައްޔާރުކުރުމުގައި، އަތްކަންކުރާ 200 މީހުން 600 ދުވަހު މަސައްކަތް ކޮށްފައިވެ އެވެ. އަދި ގަހަނާ ހެދުމަށް 400 ކިލޯގެ ރަން ވިރުވި އެވެ.

ތޭރަވަނަ ގަރުނުގައި އިންޑިއާގެ މޭވަރް ކިޔާ ސަހަރެއްގެ ރަސްކަލަކާއި ރާނީއެއްގެ މެދުގައި ހިނގި ހާދިސާތަކެއް މި ފިލްމުގައި ދައްކަ އެވެ. ރާނީ ޕަދުމާވަތީގެ ރޯލު ދީޕިކާ ޕަދުކޯން އަދާކުރާއިރު ޝާހިދު ކަޕޫރު ކުޅެނީ ރާނީގެ ފިރިމީހާ ރާވަލް ރަތަން ސިންގްގެ ރޯލެވެ. ރަންވީރު ސިންގް ކުޅެނީ އަލާއުއްދީން ޚިލްޖީ ކިޔާ ވަރަށް އަނިޔާވެރި ރަސްކަލެއްގެ ރޯލެވެ.

ޑިސެމްބަރު 1 ގައި ރިލީޒްކުރަން ތައްޔާރުުވެފައިވާ "ޕަދްމާވަތީ"އަކީ މިހާތަނަށް ބާންސާލީ އުފެއްދި އެންމެ ވަރުގަދަ ފިލްމަށް ވާނެކަމަށް އޭނާ ބުނެފައި ވެއެވެ. ފިލްމުގައި އަދިތީ ރާއޯ ހައިދްރީ އާއި ރާޒާ މުރާދު އަދި ޖިމް ސަރްބް ވެސް ބައެއް ރޯލުތައް ކުޅެފައިވެ އެވެ.