13 އޮކްޓޯބަރ 2017 - 23:59

އައްޑޫގެ ރައްޔިތުން ބޭނުންވާ ތަރައްގީއެއް މި ސަރުކާރަކުން ރައީސް އަބްދުﷲ ޔާމީނަށް ނުގެނެސް ދެއްވުނު ކަމަށާއި އެހެންވީމާ އައްޑޫ ތަރައްގީ ކުރާނެ ގޮތް ނިންމާނީ އައްޑޫ ރައްޔިތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން މިރޭ ވިދާޅުވި އެވެ.

އިދިކޮޅު ސިޔާސީ ޕާޓީތަކުން މިރޭ ހިތަދޫގައިި ހުންނަ އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ މި ސަރުކާރަކީ އައްޑު އަށް ކަރަންޓް ވެސް ޔަގީންކޮށް ދެވުނު ސަރުކާރެއް ނޫން ކަމަށެވެ.
"އަޅުގަނޑު މި ސަރުކާރަށް ދަންވަން އޮތީ އައްޑޫގެ ރައްޔިތުން ބޭނުންވާ ތަރައްގީ ރައީސް ޔާމީނަށް މިހާތަނަށް ހޯދައެއް ނުދެވުނޭ. އައްޑޫ ރައްޔިތުން ބޭނުންވާ ކަރަންޓް [ވެސް] މަނިކުފާނަށް ހޯއްދަވައެއް ނުދެވުނޭ،" އަލީ ވިދާޅުވި އެވެ. "އެހެންވީމާ އައްޑޫގެ ތަރައްގީ ކުރާނެ ގޮތް، އައްޑޫގެ ތަރައްގީ ބައްޓަން ކުރާނެ ގޮތް އެނގޭނީ ސީދާ އައްޑޫ ރައްޔިތުންނަށް."
އޭނާ ވިދާޅުވީ ރައީސް ޔާމީން ދެން އައްޑު އަށް އެއްވެސް ކަމެއް ޔަގީންކޮށް ދެއްވުމުގެ ބޭނުމެއް ވެސް ނެތް ކަމަށެވެ.
"މަނިކުފާން ތި ހުންނެވީ ފެއިލްވެފައޭ. އަވަހަށް އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަންނަވާށޭ،" އަލީ ވިދާޅުވި އެވެ.
އޭނާ ފާހަގަ ކުރެއްވި ގޮތުގައި ރައީސް ޔާމީނަކީ އެއްވެސް އުންމީދެއް ގެނެސް ދެއްވޭނެ ބޭފުޅެއް ނޫން ކަމަށާއި ކުރައްވަން އެނގިވަޑައިގަންނަވާހާ ކަމަކީ "ވައްކަމާއި ކޮރަޕްޝަން ހިންގުން" ކަމަށެވެ. އަލީ ވިދާޅުވީ ފައިސާއަކީ ބަލިމަޑު ކަމެއް ކަމަށާއި އެއާ ޖެހުމުން މީހާ ހަލާކު ވެދާނެ ކަމަށެވެ. އަދި ރައީސް ޔާމީން މިއަދު ހުންނެވީ އެފަދަ ހާލެއްގައި ކަމަށާއި ފައިސާގެ ފަހަތުން ދުވާ މީހުންނަށް "ފިނިފެން މަލުން ދުވާ މީރު ވަހެއް ނޭނގޭނެ" ކަމަށެވެ.
އަލީ ވިދާޅުވީ އިދިކޮޅު ޕާޓީތައް ގުޅިގެން ކުރާ މަސައްކަތުން ކާމީޔާބީތައް ލިބެމުން އަންނަ ކަމަށާއި އެ މީހުން މިހާރު ތިބީ އުންމީދީ ހިސާބެއްގައި، އުންމީދީ ކައްޕިތާނުންތަކަކާ އެކު ކަމަށެވެ.
"އަޅުގަނޑުމެން މިތިބީ ރަނގަޅު ތަނުގައި، ރަނގަޅު ފަޅުވެރިންނާ އެކީގައި އަދި އެއަށް ވުރެ ރަނގަޅު ކައްޕިތާނުންނާ އެކީގައި،" އޭނާ ވިދާޅުވި އެވެ. "ތިޔަ ބޭފުޅުން ތިޔަހެން އަޅުގަނޑުމެންނާ އެކީގައި ތިއްބެވިއްޔާ އަޅުގަނޑުމެންގެ އުންމީދެއް ނުގެއްލޭނެ."