13 އޮކްޓޯބަރ 2017 - 17:49

ލ. އަތޮޅު ލިންކު ރޯޑްގައި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބަސް ދަތުރުގެ ހިދުމަތް މިއަދު ފަށައިފި އެވެ.

އަށް ހާހަށްވުރެ ގިނަ މީހުން ދިރިއުޅޭ ލ. އަތޮޅުގެ ލިންކް ރޯޑަކީ 17 ކިލޯ މީޓަރުގެ ދިގު މަގެކެވެ. އެ މަގުގައި ފެށި ބަސް ދަތުރުތައް ފައްޓަވައި ދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
ލ.ފޮނަދޫން ގަމަށް ދިއުމަށް މިހާރު 200 ވަރަކަށް ރުފިޔާ ހަރަދު ކުރަން ޖެހޭ އިރު، އެމްޕީއެލްގެ ސީއީއޯ އަބްދުލް ރައްޒާގް ހަލީމް ވިދާޅުވީ، އެ ކުންފުނީގެ އޭސީ ބަހުން 10 ރުފިޔާ އާއި 25 ރުފިޔާއާ ދޭތެރޭ އަގުތަކެއްގައި ފޮނަދޫން ގަމަށް ދަތުރު ކުރެވޭނެ ކަމަށެވެ.
"އަޅުގަނޑުމެންގެ މަގުސަދަކީ ފައިދާއެއް ހޯދުމުގެ ބަދަލުގައި ފެންވަރު ރަނގަޅު ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުން." ހަލީމް ވިދާޅުވި އެވެ.
ހަލީމް ވިދާޅުވީ ދެ އަހަރުން ދަށުގެ ކުދިންނާއި 65 އަހަރުން މަތީ މީހުންގެ އަތުން އެއްވެސް ފީއެއް ނުނަގާނެ ކަމަށެވެ. އަދި އަންނަ ހުކުރު ދުވަހާ ހަމަ އަށް ހިލޭ ދަތުރުތައް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަތަރު ބަހާއެކު ފެށި އެ ހިދުމަތުގެ ޑިމާންޑަށް ބަލާފައި އިތުރު ބަސް ދަތުރުތަކެއް ބޭއްވުމަށް ނިންމާފައިވާ އިރު ލ. އިސްދު އާއި ކަލައިދުއާ ދެމެދުވެސް ބަސް ދަތުރުގެ ހިދުމަތް ފެށުމަށް ނިންމާފައިވާ ކަމަށް އެމްޕީއެލް ސީއީއޯ ވިދާޅުވި އެވެ.
ބަސް ދަތުރުފައްޓަވައި ދެއްވުމުގެ ހަފްލާގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ރާއްޖެ ތަރައްގީވަމުން އަންނަނީ ވަރަށް ހަލުވިމިނެއްގައި ކަމަށާއި މީގެ ކުރިން ރާއްޖެ ވަޑައިގެން އެހެން ގައުމުތަކުގެ ވެރިން މިހާރު ރާއްޖެއާ މެދު ހައިރާންވާ ކަމަށެވެ.
ފޮނަދޫން ގަމަށް ޑޮކްޓަރަށް ދެއްކުމަށާއި އެކި ބޭނުންތަކަށް ދާން ޖެހޭ އިރު އެ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިއަދު ފެށި ބަސް ދަތުރުތަކާ އެކު އެއީ އެ އަތޮޅު ރައްޔިތުންނަށް ލިބިގެންދިޔަ ބޮޑު އުފަލެއް ކަމަށެވެ.
ލ. ލިންކް ރޯޑަކީ ޗައިނާ ސަރުކާރު އެހީގައި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ފެއްޓެވި މަޝްރޫއެކެވެ.